ޣައްޒާގައި ގާއިމްކުރާ ބައިނަލްއަގްވާމީ ފައުޖުގައި ތުރުކީ ނުހިމަނާނޭ ކަމަށް އިސްރާއީލުން އަނެއްކާވެސް ބުނެފިއެވެ.
އިސްތިއުމާރީ އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރް ބުނީ، ތުރުކީއަށް ފުރުސަތު ދެން ބޭނުން ނުވަނީ، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އިސްރާއީލާ މެދު ގެންގުޅޭ ދެކޮޅުވެރި ކަމުގެ ސަބަބުން ކަމަށެވެ.
ބުޑަޕެސްޓްގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ގިޑިއޯން ސާރް ބުނީ، ޣައްޒާއަށް ފޮނުވާ ފައުޖުގައި ހިމެނޭނީ އިސްރާއީލާމެދު އިންސާފުވެރިކޮށް ކަންތައްކުރާ ގައުމުތައް ކަމަށެވެ.
ތުރުކީއާއި، ތުރުކީގެ ރައީސް އުރުދުޣާން އިސްރާއީލާ މެދު ގެންގުޅޭ ދެކޮޅުވެރިކަމުގެ ސަބަބުން ތުރުކީ ސިފައިން ޣައްޒާއަށް ފޮނުވާ ފައުޖުގައި ނުހިމެނޭނެ ކަމަށާއި، އިސްރާއީލު އެކަމަށް އެއްބަސް ނުވާނޭ ކަމަށާއި، އެކަން އެމެރިކާއަށްވެސް އަންގާފައިވާނޭ ކަމަށް ސާރް ބުނެފައި ވެއެވެ.
ޣައްޒާއަށް ފޮނނުވާ ފައުޖުގައި ތުރުކީ ނުހިމަނާނޭ ކަމުގެ އިޝާރާތެއް، މުޖުރިމު ނަތަންޔާހޫވެސް މިދިޔަ ހަފްތާގައި ކޮށްފައި ވެއެވެ.
ޣައްޒާގައި ގާއިމްކުރާ ބައިނަލްއަގްވާމީ ފައުޖު ވަރަށް އަވަހަށް ޣައްޒާގައި ހަރަކާތްތެރިވާން ފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ބުނެފައި ވެއެވެ.
ޓްރަމްޕް ބުނީ، ޣައްޒާގައި ގާއިމްކުރާ ސުލްހަ ބަލަހައްޓާ ބައިނަލްއަގްވާމީ ފައުޖުގައި ހިމަނަން ބޭނުންވަނީ އަރަބި ގައުމުތަކުގެ ސިފައިން ކަމަށާއި، އަދި އެފައުޖަށް ޚަރަދުކުރަންވެސް ބޭނުންވަނީ އަރަބި ގައުމުތަކުން ކަމަށެވެ.
ނަމަވެސް، ބައެއް ރިޕޯޓްތައް ބުނާގޮތުގައި، ޣައްޒާއަށް ފޮނުވާ ފައުޖުގައި އިންޑޮނޭޝިޔާ ސިފައިން ހިމެނުމަށް ޓްރަމްޕް ގެންދަނީ ވާހަކަ ދައްކަމުންނެވެ.
އިންޑޮނޭޝިޔާގެ އިތުރުން، އެމެރިކާއިން ދެން ވާހަކަ ދައްކަމުން ގެންދަނީ ޔޫއޭއީ، މިސްރު، ގަތަރު، ތުރުކީ އަދި އަޒަރބައިޖަނާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެކަމަކު، މުޖުރިމު ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ، ޣައްޒާއަށް ފޮނުވާ ފައުޖުގައި ހިމަނަން ޖެހޭނީ އިސްރާއީލު ބޭނުންވާ ގައުމުތަކުގެ ސިފައިން ކަމަށެވެ. އެއީ، އިސްރާއީލުގެ ސަލާމަތާ ގުޅުންހުރި ކަމަކަށް ވާތީ ކަމަށްވެސް ބުނެފައި ވެއެވެ.



