ޣައްޒާއަށް އަލުން ބޮންއަޅަން ފަށައިފި، ހަމަލާތައް ކޯޑިނޭޓްކުރަނީ ނަތަންޔާހޫއާއި ޓްރަމްޕް

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ ދުނިޔެ

ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މި އޮކްޓޫބަރު މަހުގެ 10 ދުވަހުއެވެ. އޭގެފަހުން ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް އިސްތިއުމާރީ ބާރުން ޣައްޒާގެ އެކި ހިސާބުތަކަށް 125 އަށްވުރެ ގިނަ ހަމަލާދީ ސަތޭކައަށްވުރެ ގިނަމީހުން ޝަހީދުކޮށްލާފައި ވެއެވެ.

އިސްރާއީލުން އެ ހުރިހާކަމެއް ކުރަމުންދިޔަ އިރުވެސް އެމެރިކާއިން ޗުއްޕުވެސް ނުބުނެއެވެ. އެމެރިކާގެ ވެރިން އިރުއިރުކޮޅާ އިސްރާއީލަށް ގޮސް ދެނީ ހިތްވަރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ދުވަހު ހަމާސްއިންވަނީ، ހަމާސްގެ އަތްދަށުގައި ދިރިތިބި އިސްރާއީލު 20 ގައިދީން އިސްރާއީލާ ހަވާލުކޮށްފައެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގައި މަރުވެފައިވާ 28 ގައިދީންގެ ހަށިތައްވެސް ހަވާލުކުރަން ފެށިއެވެ.

އިސްރާއީލުން މުޅި ޣައްޒާ ސުންނާފަތި ކޮށްލާފައިވުމުން، ހަމާސްއިން ގައިދީން ފޮރުވާފައި ތިބި ތަންތަންވެސް އޮތީ ބިމާހަމަކޮށްލާފައެވެ.

އެހެންކަމުން، މަރުވެފައިވާ ގައިދީންގެ ހަށިތައް އެއްފަހަރާ ހަވާލު ނުކުރެވޭނެ ކަމަށް ހަމާސްއިން ބުންޏެވެ. އަދި ހަށިތައް ހޯދުމަށް އެކްސްޕާޓުންނާއި މެޝިނަރީ ބޭނުންވާ ވާހަކަވެސް ބުންޏެވެ.

ދިރިތިބި ގައިދީންނާއި އަދި މަރުވެފައިވަ ބައެއް ގައިދީންގެ ހަށިތައް ލިބުމާއެކު އިސްތިއުމާރީ ބާރުން އަލުން ހަނގުރާމަ ފަށާނެކަމަށް ކުރިންވެސް އޮތީ ލަފާ ކުރެވިފައެވެ. އެއީ، ނަތަންޔާހޫއާއި އިސްރާއީލުގެ ވެރިން ވަކަލާތު ކުރާގޮތަށް ހަމާސްގެ ދުވަސް ދުއްވާލެވިފައި ނުވާތީއެވެ.

ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، ހަމާސްގެ ސަލާމަތީ ބާރުތަކުން ޣައްޒާގައި ހަރަކާތްތެރިވާން ފެށުން އެއީ އިސްރާއީލާއި އެމެރިކާއަށްވެސް ކެތްކުރެވޭވަރު ކަމަކަށް ނުވިއެވެ. ކިތަންމެ ވަރަކަށް ދެކޮޅު ހެދިޔަސް، ހަމާސްގެ ބާރު ޣައްޒާއިން ނައްތާ ނުލެވޭނެކަން އެމީހުންނަށް އިހްސާސްވެގެން ދިޔައެވެ.

ހަމާސްގެ ހަރަކާތްތައް ފެނިފައި އިސްރާއީލު މީހުންވެސް ނަތަންޔާހޫއަށާއި، އޭނާގެ ޑިފެންސް މިނިސްޓަރަށް ބަވައިގަތެވެ. ކަލޭމެންނަށް ދެއަހަރުތެރޭ ކުރެވުނީ ކޮންކަމެއްތޯ ސުވާލުކުރަން ފެށިއެވެ.

އިސްރާއީލުގެ އަމަލުތައް ހުރިގޮތުން ހަމާސްއިން ބުނީ، މަރުވެފައި ދެން ބާކީތިބި މީހުންގެ ހަށިތައް އަނބުރާ ހޯދުމަށް ނަތަންޔާހޫގެ އެއްވެސް ޝައުގުވެރިކަމެއް މިހާރު ނެތް ކަމަށެވެ. އޭނާ ބޭނުންވަނީ ހަނގުރާމަ ފަށަން ކަމަށްވެސް ހަމާސްއިން ބުނެފައި ވެއެވެ.

މިހާރު ކަން ވަމުންދާތައް ފެންނަނީ ހަމާސްއިން ބުނިގޮތަށެވެ. އެއްބަސްވުމާ ހަމާސް ޚިލާފްވީ ކަމަށް ބުނެ ޣައްޒާއަށް ބޮންއަޅަން ފެށީއެވެ.

އިސްރާއީލުގެ ކާން ނޫހުން ބުނެފައިވަނީ، ޣައްޒާއަށް އަލުން ވައިގެ ހަމަލާތައް އިސްރާއީލުން ދެންފެށީ ނަތަންޔާހޫއާއި އެމެރިކާގެ ރައީސް ޓްރަމްޕްއާ ދެމެދު ކޯޑިނޭޓްކޮށްގެން ކަމަށެވެ.

ޣައްޒާއަށް ހަމަލާތައް ދޭންފެށީ އެމެރިކާގެ ރައީސްގެ ރުހުމާ އެކުގައި ކަމަށްވެސް ބުނެފައި ވެއެވެ.

އިސްރާއީލަށް ބިރުދައްކައިގެން ޣައްޒާ ހަނގުރާމަ ހުއްޓުވަން އަވަސް އަރުވާލައިގެން އެމެރިކާގެ ރައީސް ޓްރަމްޕް ހަމާސްއާއެކު އެއްބަސްވުމެއް ހެދީ ދުނިޔޭގެ ސުލްހައިގެ އިނާމު ލިބޭނެ ކަމަށް ހިތައެވެ. އެ އިނާމުގެ ދަހިވެތިކަމުގައެވެ.

އިނާމުވެސް ނުލިބުނު ތާނގައި، ޓްރަމްޕް ހެދި އެއްބަސްވުމަކީ އެއްވެސް ބުރަދަނެއްހުރި އެއްޗެއް ނޫންކަން މިހާރު އެދަނީ ހާމަވަމުންނެވެ. ނަތަންޔާހޫ ބޭނުންވީމާ ބޭނުންހާ ގޮތެއް ހަދަނީއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ