ޣައްޒާއާ ދެކޮޅަށް ފުރިހަމަ ހަނގުރާމައެއް އަލުން ނުފަށައިގެން އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ އިތަމަރ ބެން-ގްވީރް، މުޖުރިމު ނަތަންޔާހޫއަށް ވަރަށް ބޮޑަށް ރުޅިބާލައިފިއެވެ.
ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހަމާސް ޚިލާފް ވެއްޖެކަމަށް ބުނެ، ނަތަންޔާހޫގެ އަމުރަށް އިސްތިއުމާރީ ސިފައިން ރެއިން ފެށިގެން މިއަދުވެސް ވަނީ ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.
މުޅި ޣައްޒާއަށް ހަނގުރާމަތީ ޖެޓާއި، ޑްރޯންއިން ބޮންއަޅައި، އަދި މިސައިލާއި ބޮޑުބަޑިން ހަމަލާދިނުމަށްފަހު މިހާރު ވަނީ ހަމަލާތައް ހުއްޓާލާފައެވެ.
އިސްތިއުމާރީ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމީހުން މިހާރު ތިބީ، ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުންމަތީގައި ކަމަށެވެ.
ނަމަވެސް، ހަމާސްއަށް އިންޒާރުދެމުން ބުނެފައިވަނީ، އެއްބަސްވުމާ ޚިލާފް އެއްވެސް އަމަލެއް ހަމާސްއިން ހިންގައިފިނަމަ އަލުން ހަމަލާތައް ފަށާނޭ ކަމަށެވެ.
އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނީ، ޣައްޒާގެ ދެކުނުން ރަފަހްގައި އިސްތިއުމާރީ ސިފައިންތަކެއް މަރާލުމާ ގުޅިގެންނެވެ.
ހަމާސްއިން ތަކުރާރުކޮށް ބުނަމުން ގެންދިޔައީ، އެއީ އެމީހުންގެ ކަމެއް ނޫން ކަމަށެވެ.
ޣައްޒާއަށް ހަމަލާދިނުން މަޑުޖައްސާލުމާއި، އަދި ހަމާސްއާ ދެކޮޅަށް ފުރިހަމަ ހަނގުރާމައެއް ކުރަން ނަތަންޔާހޫ ދެކޮހަދަނީ ކަމަށް ބުނެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ބެން-ގްވީރް ވަނީ ނަތަންޔާހޫއަށް ފާޑުކިޔައި ރުޅިބާލާފައެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ބެން-ގްވީރް ބުނެފައިވަނީ، އިސްރާއީލުގެ މައިގަނޑު މަގްސަދު ކަމަށްވާ ހަމާސްގެ ދުވަސް ދުއްވާލުމުގެ ބަދަލުގައި، ޣައްޒާއަށް ހަމަލާތަކެއް ދިނުމަށްފަހު އެއްބަސްވުމަށް އެނބުރި އައިސް އަދި ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ނަތަންޔާހޫ ފުރުސަތު ދެމުން ދިއުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށެވެ.
އިސްރާއީލުގެ މައިގަނޑު އަމާޒު ކަމުގައިވާ ހަމާސް ރޫޅާލުމުގެ މަސައްކަތުގައި ނަތަންޔާހޫ ދޫދޭކަމަށް ވާނަމަ، އޭނާގެ ސަރުކާރު ދެމިއޮތުމުގެ ހައްގެއް ނޯންނާނެ ކަމަށްވެސް ބެން-ގްވީރް ބުނެފައި ވެއެވެ.
ބެން-ގްވީރަކީ ފަލަސްތީނު މީހުން ދެކެ އަބަދުވެސް ރުޅިއަރާ، ފަލަސްތީނު ހުރިހާ އެންމެން މަރާފައި ނަމަވެސް ފަލަސްތީނުގެ ހުރިހާ ބިންތަކަށް ވެރިވެގަތުމަށް ގަދައަޅައި މަސައްކަތް ކުރާ މީހެކެވެ.
ވެރިކަމަށް އަންނަން ބެން-ގްވީރްގެ ޕާޓީ ނަތަންޔާހޫއާއެކު ކޯލިޝަން ހެދީވެސް، ޣައްޒާގެ އިތުރުން، ހުޅަނގު އައްސޭރި އިސްރާއީލުގެ މިލްކަކަށް ހެދުމަށް ނަތަންޔާހޫއާ އެކު ވައުދުވެގެންނެވެ.



