އިސްރާއީލުން ޣައްޒާގައި ޝަހީދުކޮށްލާފައިވާ 60،000 އަށްވުރެ ގިނަ ކުޑަކުދިންގެ ވީޑިއޯ ފުޓޭޖް ޖަރުމަނުގެ ޓީވީން ދައްކަން ކެރޭނެތޯ، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ޖަރުމަނީގެ ޗާންސެލަރ ފްރީޑްރިކް މާރޒްއާ ސުވާލު ކުރައްވައިފިއެވެ.
ތުރުކީގެ ރައީސް މިފަދައިން ސުވާލު ކުރެއްވީ، ދެ ލީޑަރުންގެ ބައްދަލުވުމަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އަމިއްލަ ދިފާއުގައި ހަމަލާ ދިނުމުގެ ހައްގު އިސްރާއީލަށް ލިބިގެންވާ ކަމަށް ޖަރުމަނުގެ ޗާންސެލަރ ވިދާޅުވުމާ ގުޅިގެންނެވެ.
ޖަރުމަނީ އަބަދުވެސް އޮންނާނީ އިސްރާއީލާ އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޗާންސެލަރއަށް ރައްދު ދެއްވައި ތުރުކީގެ ރައީސް އުރުދުޣާން ވަނީ، އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ ނަސްލުނައްތާލުމުގެ ޖަރީމާތައް ޖަރުމަނަށް ނުފެނޭތޯ ސުވާލު ކުރައްވާފައެވެ.
އުރުދުޣާން ވިދާޅުވީ، ނިއުކްލިއަރ ހަތިޔާރު ގެންގުޅޭނީ އިސްރާއީލުން ކަމަށާއި، ބޮމާއި މިސައިލްވެސް ގެންގުޅޭނީ އިސްރާއީލުން ކަމަށެވެ.
ހަމާސްއަކީ އެއިން އެއްވެސް ހަތިޔާރެއް ގެންގުޅޭ ބައެއް ނޫންކަމަށް، އުރުދުޣާން ވިދާޅުވިއެވެ.
ހަތިޔާރުގެ ބޭނުންކޮށްގެން ޣައްޒާގައި އުދުވާނުތައް ހިންގަމުން ގެންދަނީ އިސްރާއީލުން ކަމަށާއި، ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފްވެ ރޭގައިވެސް އިސްރާއީލުން ޣައްޒާއަށް ވައިގެ ހަމަލާތައް ދިންކަން ތުރުކީގެ ރައީސް ފާހަގަ ކުރެއްވިއެވެ.
ޖަރުމަނުގެ ޗާންސެލަރއަށް ނިސްބަތް ކުރައްވައި ތުރުކީގެ ރައީސް ވަނީ، އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ ނަސްލުނައްތާލުމާއި، ޣައްޒާގެ ރައްޔިތުން ބަނޑަށްޖެއްސުން ޖަރުމަނަށް ހަމަ ނުފެންނަނީތޯ ސުވާލު ކުރައްވާފައެވެ.
އުރުދުޣާންވަނީ، ޖަރުމަނު ޗާންސެލަރއަކީ ވަރަށް ބޮޑަށް އިސްރާއީލު ކޮޅަށް ޖެހިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް އޭނާގެ މޫނުމަތީގައި ވިދާޅުވެފައެވެ.
ޣައްޒާގައި ހިންގަމުންގެންދާ ނަސްލުނައްތާލުމުގެ ޖަރީމާތަކުގައި ޖަރުމަނު ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށް ވިދާޅުވެ، ތުރުކީގެ ރައީސް ޖަރުމަނު ވަރަށް ބޮޑަށް ކުށްވެރި ކުރެއްވިއެވެ.



