ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ޔޫއެސް-ބަންގްލާ އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޔޫއެސް-ބަންގްލާ އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ އެއާލައިންސް އޮޕަރޭޓާސް ކޮމިޓީގެ ޗެއާމަން މުނާޒް އަލީއެވެ.
މި ރަސްމިއްޔާތުގައި ޔޫއެސް-ބަންގްލާ އެއާލައިންސްގެ ސްޓޭޝަން މެނޭޖަރު ޒަހިދުލް އިސްލާމް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވިއެވެ.
ޔޫއެސް-ބަންގްލާ އެއާލައިންސްއަށް އާޓަމިނަލުން ހިދުމަތް ދޭން ފަށާ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 108 ފަސިންޖަރުންނަށް މިއަދު ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, BS337 އިން ރާއްޖެ އައި 176 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ
ޔޫއެސް-ބަންގްލާ އެއާލައިންސްއަކީ ބަންގްލަދޭޝްގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިންގެ އިތުރުން ފްލީޓް ސައިޒުގެ ގޮތުން ބަންގްލަދޭޝްގެ އެންމެ ބޮޑު އެއާލައިނެވެ. ޔޫއެސް-ބަންގްލާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 19 ނޮވެންބަރު 2021 ގައެވެ.
ޔޫއެސް-ބަންގްލާ އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 20 އަށް އިތުރުވެފައެވެ


