ހާއްސަ ފަރުވާތަކަށް ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމަށް ޚާއްސަކޮށް “އައިލެންޑް ޕޮލިކްލިނިކް” ހދ. ހަނިމާދޫގައި ރަސްމީކޮށް ހުޅުވައިފިއެވެ. މި ކުލިނިކް އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ.
މި ކްލިނިކް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަހީދު ވަނީ މިފަދަ ޚާއްސަ ޚިދުމަތްތަކުގެ މުހިންމުކަމާއި، މުޖުތަމަޢުގައި މި ޚިދުމަތްތަކަށް އޮތް ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ.
އައިލެންޑް ޕޮލިކްލިނިކުން މިހާރު ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި، ފިޒިއޮތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް އެންޑް ލެންގުއޭޖް، ސައިކޮލޮޖީ އެންޑް ކައުންސެލިންގ، ޚާއްޞަ ތަޢުލީމު އަދި ބިހޭވިއަރ ތެރަޕީ ހިމެނެއެވެ. މި ޚިދުމަތްތަކަކީ، ޚާއްޞަކޮށް ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް އެކި ރޮނގުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ޚިދުމަތްތަކެކެވެ.
އައިލެންޑް ޕޮލިކްލިނިކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ކުރިޔަށް އޮތްތަނުގައި މިހާރު ދެމުންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ވަނީ ރާވާފައެވެ. އެގޮތުން، ޑެންޓަލް ސާވިސް އަދި ޕެތޮލޮޖީ ލެބޯޓްރީއެއް ވެސް ތަރައްޤީކުރުމަށް ރާވާފައިވާ ކަމަށް އެ ކުލިނިކުން ބުނެއެވެ.


