ޒޮހްރާން މަމްދާނީގެ އުމުރަކީ 34 އަހަރެވެ. އޭނާއަކީ މުސްލިމެކެވެ. ޒޮހްރާން މަމްދާނީގެ ބައްޕައަކީ ހިޖުރަވެރިއެކެވެ.
ޒޮހްރާން މަމްދާނީ އަކީ ތައުލީމީ ޒުވާނެކެވެ. ސިޔާސީ މައިދާނުގައި އޭނާ ފިޔަޖަހަން ފެށީ، ސިޔާސީ މަސައްކަތުގައި ދެއްކި ހަރުދަނާ ލީޑަރޝިޕާއި، ލިބިފައިވާ ޢިލްމާއި ހުނަރުގެ ސަބަބުންނެވެ.
ޒޮހްރާން މަމްދާނީގެ ސިޔާސީ ފިކުރަނީ ޑިމޮކްރަޓިކް ސޯޝަލިސްޓް ފިކުރެވެ. އެމެރިކާގެ ބައެއް މީހުން ގަބޫލުކުރާ ސޯޝަލިސްޓު ފިކުރަނީ ހަރުކަށި ފިކުރެކެވެ.
އެމެރިކާގެ އެންމެ މީސްގިނަ ސިޓީ ކަމަށްވާ ނިއުޔޯކް ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ބޭފުޅަކު ކަނޑައަޅަން ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމެރީ ބޭއްވީ ޖޫންމަހުގެ ތެރޭގައެވެ. ޕްރައިމެރީގައި، މޭޔަރު ކަމުގައި އޭރު ހުރި އެންޑްރޫ ކުއޯމޯއާ ވާދަކުރައްވައި ބޮޑު ތަފާތަކުން ޓިކެޓް ކާމިޔާބު ކުރެއްވީ ޒޮހްރާން މަމްދާނީއެވެ.
ޑިމޮކްރަޓިކް ޕާޓީގެ ގިނަ މެމްބަރުންގެ ތާއީދު މަމްދާނީއަށް ލިބިވަޑައިގެންނެވީ އޭނާގެ ޕްލޭންގެ ސަބަބުންނެވެ. ސިޓީއަށް ކޮށްދެއްވާނެ ކަމަށް އޭނާ ހުށަހެޅުއްވި ހުރިހާ ކަމަކީވެސް އާންމު ރައްޔިތުންގެ ވިންދާ ގުޅިފައިވާ، ރައްޔިތުންނަށް މިވަގުތަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމަށް ވާތީއެވެ. ޚާއްސަކޮށް ކުލީގެ މައްސަލައާއި، ބޭސްފަރުވާއާއި، އާމްދަނީއާއި ވަޒީފާގެ މައްސަލަތައް އޭގެ ތެރޭގައި ހިމެނެއެވެ.
ކުރިން މޭޔަރު ކަމުގައި ހުރި އެންޑްރޫ ކުއޯމޯއަށް ރައްޔިތުން އިތުބާރެއް ނުކުރިއެވެ. މައިގަނޑު ސަބަބަކީ ކޮވިޑްގެ ތެރޭގައި ސިޓީއަށާއި، ސިޓީގެ ރައްޔިތުންނަށް އޭނާ އިހުމާލުވެފައިވާތީއެވެ. ރައްޔިތުން ބިކަކޮށް ނިކަމެތި ކޮށްލާފައިވާތީއެވެ.
ޒޮހްރާން މަމްދާނީ ޑިމޮކްރަޓިކް ޕާޓީގެ ޓިކެޓް ކާމިޔާބު ކުރެއްވުމާއި، އޭނާގެ ކެމްޕެއިން ވަރުގަދަ ވެފައި، ޚިޔާލު ހޯދުންތަކުން މަމްދާނީ އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށް ދައްކަން ފެށުމުން ޔަހޫދީންގެ އަޅުވެތިކަމުގައި ތިބި އެމެރިކާގެ ވެރިންނަށް އެއީ ކެތްކުރެވޭވަރު ކަމަކަށް ނުވިއެވެ.
ޒޮހްރާން މަމްދާނީއަށް ހުރަސްއެޅުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރަން ފެށިއެވެ. އިންޒާރުދީ ބިރުވެސް ދައްކަން ފެށިއެވެ. މަމްދާނީ ޑީޕޯޓް ކޮށްލާނޭ ކަމުގެ އިންޒާރުވެސް އެމެރިކާގެ ރައީސް ދިނެވެ.
މިކަމުގެ ތެރޭގައި، ޒޮހްރާން މަމްދާނީއާއި އޭނާގެ އާއިލާ މަރާލާނޭކަމުގެ އިންޒާރުވެސް މީހަކު ދީފައި ވެއެވެ.
އެ މައްސަލަ ބަލަމުންދާއިރު، ވޯޓުލާން ވަގުތު ގާތްވެފައި އޮއްވައި، ވޯޓުލާ ބައެއް މަރުކަޒުތައް ކައިރީގައި ބޮން ގޮއްވާލާނޭ ކަމުގެ އިންޒާރުތައްވެސް ދެވި، ފުލުހުން އެކަމުގައި އުޅެން ޖެހުނެވެ.
އެމެރިކާގެ އިންތިޚާބުތަކުގައި ވޯޓުލާ ދުވަސްތަކުގައި ބޮން ގޮއްވާލާނޭ ކަމުގެ އިންޒާރުތައް ދިނުން ފަދަ ކަންކަމަކީ ހިނގާފައި ހުރި ކަންކަމެއް ނޫނެވެ.
މަމްދާނީއާ އިންތިޚާބުގައި އެންމެ ގާތުން ވާކުރާ ކުއޯމޯ ބުނީ، މަމްދާނީއަކީ “ހަރުކަށި” ފިކުރުމުގެ މީހެއް ކަމަށާއި، އޭނާއަށް ވޯޓުދީ އިންތިޚާބު ކުރުމަކީ ނިއުޔޯކް ސިޓީގެ ހަލާކު ކަމަށެވެ.
ޓްރަމްޕްވަނީ ޒޮހްރާން މަމްދާނީއާ ގުޅޭގޮތުން ސާބިތު ނުހިފޭ އެތައް ވާހަކައެއް ފަތުރާފައެވެ. އެގޮތުން މަމްދާނީއަކީ ކޮމިއުނިސްޓެއް ކަމަށާއި، އޭނާއަކީ ޔަހޫދީންނަށް ނަފްރަތުކުރާ މީހެއް ކަމަށްވެސް ޓްރަމްޕް ލޭބަލްކޮށްފައި ވެއެވެ.
ހަރުކަށި ފިކުރާއި ގުޅުވުމާއި، ޔަހޫދީންނަށް ނަފްރަތު ކުރާ މީހެއް ކަމަށް ބުނުމާއި، ބޮން ގޮއްވުމުގެ އިންޒާރުތައް ދިނުމަކީ ޒޮހްރާން މަމްދާނީގެ އަގު ވައްޓާލަން ކުރާހާ މަސައްކަތެވެ. ޔަހޫދީ ލޮބީ ގްރޫޕްތައް އެކަމުގައި އަވަދިނެތި އުޅެމުން ގޮސްފައި ވެއެވެ.
މޭޔަރު ކަމަށް އިންތިޚާބު ވެއްޖެނަމަ، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ މުޖުރިމު ނަތްނާޔާހޫ ނިއުޔޯކް ސިޓީއަށް އަތުއްޖެނަމަ ހިފައި ހައްޔަރުކޮށް ކޯޓާ ހަވާލު ކުރައްވާނެ ކަމަށް މަމްދާނީ ވިދާޅުވެފައި ވުމަކީ އޭނާގެ ހަމައެކަނި “ކުށެވެ”.
އެމެރިކާގައި ޔަހޫދީންނާ ދެކޮޅުވެރި ޚިޔާލެއް ގެންގުޅުމަކީ ވަރަށް ބޮޑު ކުށްވެރިއެކެވެ. އެއީ، ސަލާމަތްވާ ވަރުގެ ކަމެއް ނޫނެވެ.
މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް، ނިއުޔޯކް ސިޓީގެ ރައްޔިތުން ތިބީ މަމްދާނީ މޭޔަރު ކަމަށް އިންތިޚާބު ކުރުމަށް ފައި ވިއްދައިގެންނެވެ. ވޯޓުލުން ފެށިފައި ވާއިރު، ޒޮހްރާން މަމްދާނީ ހުންނެވީ އުންމީދުން ފުރިފައެވެ.



