ޒޮހްރާން ކްވާމީ މަމްދާނީގެ އުމުރުފުޅަކީ 34 އަހަރެވެ. އޭނާގެ މަންމައަކީ އިންޑިއާއަށް ނިސްބަތްވާ މަޝްހޫރު ފިލްމު ޕްރޮޑިއުސަރެއް ކަމަށްވާ މީރާ ނައިރްއެވެ. ބައްޕައަކީ އެފްރިކާގެ ގައުމެއް ކަމަށްވާ ޔޫގަންޑާއަށް ނިސްބަތްވާ މުސައްނިފެއް ކަމަށްވާ މަހްމޫދު މަމްދާނީއެވެ.
މަމްދާނީ އުފަންވެވަޑައި ގެންފައިވަނީ ޔޫގަންޑާގެ ކަމްޕާލާއަށެވެ. ނިއުޔޯކް ސިޓީއަށް ދިރިއުޅުން ބަދަލުކުރި އިރު މަމްދާނީގެ އުމުރަކީ 7 އަހަރެވެ.
ދަ ބްރޮންޒް ހައި ސްކޫލް އޮފް ސައިންސްއިން ކިޔަވާ ވިދާޅުވުމަށްފަހު ދަ ބޭންކް ސްޓްރީޓް ކޮލެޖް އޮފް އެޑިއުކޭޝަނާއި، ބޯޑުއިން ކޮލެޖުން ގުރެޖުއޭޓް ވެވަޑައިގެން ހުންނެވި މަމްދާނީ އަކީ ޑިމޮކްރަޓިކް ޕާޓީގެ މެމްބަރެކެވެ.
2021 ވަނަ އަހަރުން ފެށިގެން އޭނާއަކީ ނިއުޔޯކް ސްޓޭޓްގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރެކެވެ. އޭނާ ތަމްސީލު ކުރައްވަމުން ގެންދެވީ އެސްޓޯރިއާގެ ކުއީންސްއެވެ.
ޒޮހްރާން މަމްދާނީ ކައިވެނި ބައްލަވައިގެންފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ. އެނާ ކައިވެނި ބައްލަވައިގެންފައިވަނީ ބްރޫކްލީންގައި ދިރިއުޅޭ ސޫރިޔާގެ އާޓިސްޓެއް ކަމަށްވާ ރަމާ ދުވައިޖީއާއެވެ.
ނިއުޔޯކް ސިޓީއަށް މޭޔަރަކު އިންތިޚާބު ކުރުމަށް އިއްޔެ ނެގި ވޯޓު ކާމިޔާބު ކުރައްވައި ޒޮހްރާން މަމްދާނީ މިވަނީ، ތާރީޚްގެ ތެރެއަށް ވެދެވަޑައިގެންފައެވެ.
އިންތިޚާބުގައި ތާރީޚީ އެތައް ކަމެއް ހިމެނިގެން ދެއެވެ. އެއްކަމަކީ، އިއްޔެގެ އިންތިޚާބު ވެގެންދިޔައީ 1969 ގެ ފަހުން ނިއުޔޯކް ސިޓީގެ ތާރީޚްގައިވެސް އެންމެ ގިނަ ބަޔަކު ވޯޓުލާން ނުކުތް ފަހަރަށެވެ. އިންތިޚާބުގައި ދެ މިލިއަނަށްވުރެ ގިނަމީހުން ވޯޓުލާފައި ވެއެވެ.
ތާރީޚީ އަނެއް ކަމަކީ، އިންތިޚާބުގައި މަމްދާނީއާ ވާދަކުރެއްވީ އޭނާއަށްވުރެ ސިޔާސީގޮތުން ފުންނާބުއުސް ފަރާތްތަކަށް ވުމެވެ. ސިޔާސީގޮތުން މުލާފައިތިބި ހަރުމީހުން ކަމަށް ވުމެވެ.
ތާރީޚީ އަނެއް ކަމަކީ، މިފަހުގެ ތާރީޚެއްގައި ނިއުޔޯކް ސިޓީގެ މޭޔަރުކަން ކުރައްވާ އެންމެ ޒުވާން މޭޔަރަށް މަމްދަނީ ވެވަޑައިގަންނަވާނެތީއެވެ.
އެންމެ ޚާއްސަ ކަމަކީ، ޒޮހޮރާން މަމްދާނީ އަކީ ނިއުޔޯކް ސިޓީގެ މޭޔަރުކަން ކުރައްވާ ފުރަތަމަ މުސްލިމް ބޭފުޅާއަށް ވެވަޑައިގަންނަވާ ކަމެވެ.
މަމްދާނީއަކީ މުސްލިމަކަށް ވާތީ، އޭނާއާ ދެކޮޅަށް އެމެރިކާގައި ވަރަށް ވަރުގަދަ ކެމްޕެއިންތަކެއް ހިންގާފައި ވެއެވެ. އެކަމުގައި އެންމެ ކުރީގައި ތިބީ އެމެރިކާގެ ޔަހޫދީ ނުފޫޒުގަދަ ލޮބީ ގްރޫޕްތަކެވެ.
މަމްދާނީއާ ދެކޮޅަށް ހިންގި ކެމްޕެއިންތަކުގައި، އޭނާއާ ގުޅުވައި އެއްވެސް ހަގީގަތެއްނެތް ދޮގު ވާހަކަތައް ފަތުރައި ނިއުޔޯކް ސިޓީގެ ރައްޔިތުންގެ ވިސްނުން ބަދަލުކުރަން އެތައް ކެމްޕެއިނެއް ހިންގާފައި ވެއެވެ. އެމެރިކާގެ ޔަހޫދީ އެތައް މަހުޖަނުން ބޮޑެތި ހޭދަތައްކޮށްފައި ވެއެވެ.
މަމްދާނީ އިންތިޚާބު ކުރިޔަ ނުދިނުމަށް އެންމެ ގަދައަޅައި މަސައްކަތް ކުރި އެކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. މަމްދާނީއަށް ނިސްބަތްކޮށް ސާބިތުނުހިފޭ އެތައް ވާހަކަތަކެއް ޓްރަމްޕް ދެއްކިއެވެ. ނިއުޔޯކް ސިޓީގެ ރައްޔިތުންނަށް އެތައް ބިރެއް ދެއްކިއެވެ.
މަމްދާނީ އިންތިޚާބު ކޮށްފިނަމަ މަރުކަޒީ ސަރުކާރުން އެ ސިޓީއަށްދެ ފަންޑިން ހުއްޓުވާނެ ކަމުގެ އިންޒާރުވެސް ދިނެވެ.
އެކަމަކު، ނިއުޔޯކް ސިޓީގެ ރައްޔިތުން މިވަނީ ޓްރަމްޕްގެ އިންޒާރުތަކަށް ގޮންޖަހާފައެވެ. މަމްދާނީއާ ގުޅޭގޮތުން ފެތުރި އެއްވެސް ވާހަކައެއް އެމީހުން ގަބޫލެއް ނުކުރިއެވެ.
1 ޖެނުއަރީ 2026 ގައި ޒޮހްރާން މަމްދާނީ ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ ހުވާ ކުރައްވައި މަގާމާ ހަވާލުވެވަޑައި ގަންނަވާނެއެވެ. ނިއުޔޯކް ސިޓީއަކީ އެމެރިކާގެ އެންމެ ބައިބޯ ސިޓީއެވެ.



