ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު އައްޑޫ އަތޮޅު މީދޫ މޫސާ އަންވަރަށް އަރުވައިފިއެވެ. އޭނާވަނީ ދިވެހި ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ ޞިއްޙީ ދާއިރާއަށްކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވާ އައްޑޫ އަތޮޅު މީދޫ މޫސާ އަންވަރަށް ސިއްޙީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އަރުވާފައެވެ. އޭނާ ސިއްޙީ ދާއިރާއަށް ނުކުމެވަޑައިގަތީ ޢުމުރުން 16 އަހަރުގައި އައްޑޫގައި އިނގިރޭސިން ތިބި ދުވަސްވަރު، ގަމުގައި ހުންނަ ރޯޔަލް އެއަރފޯސްގެ ރީޖަނަލް މެޑިކަލް ސެންޓަރުގައެވެ.
1977 ވަނަ އަހަރު މާލެއަށް ބަދަލުވެ، އޭރުގެ އެލައިޑް ހެލްތު ސަރވިސް ސެންޓަރުގައި ޕްރެކްޓިކަލް ނަރުހެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެމުއްދަތުގެ ތެރޭގައި ނަރުހުންނާއި، ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި، ފެމިލީ ހެލްތު ވޯކަރުން ތަމްރީންކުރައްވާ އޭރު ޚިދުމަތުގައި ތިއްބެވި ފޫޅުމައިންނަށް ޒަމާނީ ތަމްރީނުތައް ދެއްވުމުގައި މުހިއްމު މަސައްކަތްތަކެއް ކޮށްދެއްވިއެވެ.
އަދި އޭގެފަހުން މިނިސްޓްރީ އޮފް ހެލްތުގައި އެކި މަޤާމުތަކުގައި ޚިދުމަތް ކުރެއްވިއެވެ. އަދި ރާއްޖޭގެ އަތޮޅުތަކުގައި ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ޤައިމްކުރި ހޮސްޕިޓަލްތައް ތަރައްޤީކުރުމުގައި މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. މީގެއިތުރުން މާލޭ ސެންޓްރަލް ހޮސްޕިޓަލް އައިޖީއެމްއެޗަށް ބަދަލުކުރެއްވުމުގައި މުހިއްމު މަސައްކަތްތަކެއް ކުރެއްވިއެވެ. އެންމެ ފަހުން ޚިދުމަތް ކުރެއްވި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައެވެ. މޫސާ އަންވަރުވަނީ ދިވެހި ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޫސާ އަންވަރަށް ޢިއްޒަތް އެރުވުމަށް ނިންމެވީ ރާއްޖޭގެ ޞިއްޙީ ދައިރާ ކުރިއެރުވުމަށް ކުރެއްވި މަސައްކަތާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރެއްވި މަސައްކަތް ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ.


