މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން އަލިމަގުގައި ދެކުނުގެ އަތޮޅުތަކުން 13 ތަނަކާއި 4 އުޅަނދެއް ބަލައި ފާސްކޮށް، 13 މީހަކު ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
އޮޕަރޭޝަން “އަލިމަގު”އަކީ މަސްތުވާތަކެތީގެ ނެޓްވަރކްތައް ހޯދައި، މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އެންގެވުމަކަށް ފުލުހުން ފެށްޓެވި އޮޕަރޭޝަނެކެވެ.
ސައުތު ޕޮލިސްގެ ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ދެކުނުގެ ރަށްރަށުން 13 ތަނަކާއި 4 އުޅަނދެއް ބަލައި ފާސްކޮށް، 13 މީހަކު ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއި ފައިސާއާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ސާމާނާއި އިލެކްޓްރޯނިކް އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ދެކުނު އަތޮޅުތަކުގައި އޮޕަރޭޝަން ކުރިއަށްގެންދިޔައީ 11 ސަރަހައްދަކަށް އަމާޒުކޮށްގެން ކަމަށެވެ. އެގޮތުން އައްޑޫ ފޭދޫ، މަރަދޫ އަދި ހިތަދޫގެ އިތުރުން ގއ. ވިލިނގިލި، ގއ. މާމެންދޫ، ގއ. ކޮލަމާފުށި އަދި ގދ. ފަރެސްމާތޮޑާއިން ތަންތަން ބަލައި ފާސްކުރިކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ ޑްރަގް އެންފޯސްމެންޓާއި އިންޓަލެޖެންސް ޔުނިޓުތަކާއި އިންވެސްޓިގޭޝަން ޔުނިޓުތައް ގުޅިގެން 124 ފުލުހުންގެ މައްޗަށް އެކުލެވޭ ޓީމަކުން ކަމަށެވެ.


