މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އިސްލާމްދީނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްޓަކައި، މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނެސް ފާސްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބައްވާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޑްރަގުގެ ވަބާއިން ގައުމު ސަލާމަތްކުރުމަށްޓަކައި ސަރުކާރުން އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަން ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.
ރައީސް މުއިއްޒު ވަނީ، ޑްރަގުގެ ވަބާ ނައްތާލުމަށްޓަކައި ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ހިންގުނު އެންމެ ބިޔަ އޮޕަރޭޝަން އެންމެ ފަހުން ހިންގާފައިވާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން، 500 އަށް ވުރެ ގިނަ ފުލުހުން ނުކުމެ ހިންގި މި އޮޕަރޭޝަންގައި ޑްރަގް ވިޔަފާރިކުރާ 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، ގިނަ އަދަދެއްގެ ތަކެތި ނަގާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިކަން ކުރިއަށް ގެންދާނީ އިޚްލާސްތެރިކަމާއެކު ކަމަށާއި، ދެން އޮންނަ މަރުހަލާގައިވެސް މި މަސައްކަތް ނުހުއްޓާ ކުރިއަށް ދާނެ ކަމަށެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި ކުދިކުދި އިޖުރާއީ ކަންކަމުގައި ޖެހި، ޑްރަގް ވިޔަފާރިކުރާ މީހުން މިނިވަންވެގެން ދިޔުމަކީ ދައުލަތުން ބޭނުންވާ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެއްވެސް ނުފޫޒެއްގެ ދަށަށް ނުގޮސް، މުޅި ދައުލަތް މަސައްކަތްކޮށްފިނަމަ، ރައްޔިތުންނާ އެކީގައި މި ޤައުމުން ޑްރަގުގެ ވަބާ ފޮހެލެވޭނެ ކަމަށެވެ. އެގޮތުން، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްވެގެން ނުކުންނައިރު، ޑްރަގު އެތެރެކޮށް، ވިޔަފާރިކުރާ މީހުންނަށް އިސްލާމްދީނުގައި އޮތް އެންމެ މަތީ އަދަބު ދިނުމަށް ކަނޑައަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ޑްރަގު އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް އިސްލާމްދީނުގައި އޮތް އެންމެ ހަރުކަށި އަދި އެންމެ މަތީ އަދަބު ހިމަނައިގެން ގާނޫނު ފާސްކުރާނެ ކަމަށާއި، މި ޤައުމުން ޑްރަގުގެ ވަބާ ނައްތާލުމަށް އެންމެންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޒުވާނުން މި ނުރައްކަލުން ސަލާމަތްކުރަން ޖެހޭ ކަމަށާއި، ޑްރަގު ވިޔަފާރިކުރާ މީހުންގެ ކިބައިން ގައުމު ސަލާމަތްކުރެވިގެންދިއުމުން، މަސްތުގެ ވަބާގައި ޖެހިފައި ތިބި ޒުވާނުންނަށް ފަރުވާދީ، އަނބުރާ މުޖުތަމައަށް ނެރެ، އަބުރުވެރި ޒުވާނުންނަށް ހެދިގެންދާނެ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރަކީ ޒުވާނުންނާ އެކީގައި އޮތް ސަރުކާރު ކަމަށާއި، ކޮންމެ ޒުވާނަކީވެސް އަބުރުވެރި، މުޖުތަމަޢަށް ކަމެއް ކޮށްދިނުމުގެ ގާބިލުކަން ލިބިގެންވާ ބާރުވެރިކުރެވިފައިވާ ޒުވާނަކަށް ހެދުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އެހެންކަމުން، ޑްރަގުގެ މައްސަލަ މި ޤައުމުން ނައްތާލެވިގެން ނޫނީ ހަޤީޤީ މާނައިގައި ޒުވާނުން ބާރުވެރިކުރުވުމަކީ ދަތިކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ ގޭންގު ކުށްތައް މަދުކުރުމުގައިވެސް ސަރުކާރުން ކާމިޔާބުތަކެއް ހޯދާފައިވާކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާއި ހަވާލިފަހުން ގޭންގް ރިލޭޓެޑް ކްރައިމްސް 47 އިންސައްތަ ދަށަށްވެފައިވާކަން އެމަނިކުފާނު ވިދާޅުވި އެވެ.


