ސަރުކާރުގެ އެކި މަޝްރޫއުތައް ހިންގި އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުދީ ހުރި ފައިސާ ދޫކުރަން މި މަހުގެ ކުރީކޮޅު ފެށި ފަހުން މިހާތަނަށް 444 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
“ފަސް ހަފުތާ ވީ ތަނާ ފެށީ ބިލުތައް ދައްކަން. ފެށި ގޮތަށް މިއަދާ ހަމައަށް އައިއިރުގައި މިއަދުގެ މި ގަޑިއާ ހަމައަށް އައި އިރުގައި ތަފާތު 1،040 ފަރާތަކަށް ކުރީގައި ކޮށްފައި ހުރި މަސައްކަތަށް ފައިސާ ދެވިއްޖެ. 1،040 ފަރާތަކަށް ފައިސާ ދީފިން. ޖުމްލަ 444.3 މިލިއަން ރުފިޔާގެ ޕެންޑިން ބިލްސް އަށް އަޅުގަނޑުމެން ފައިސާ ދައްކައިދީފިން މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި،” ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކޮންޓްރެކްޓަރުންނަށް ނުދީ ހުރި ފައިސާ ދިނުން ކޮންމެ ދުވަހަކު ވެސް ކުރިއަށް ގެންދާނެ ކަމަށާއި އެގޮތަށް ގޮސް ހުރިހާ ފައިސާއެއް ދީ ނިންމާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މި އަހަރުގެ ކުރީކޮޅު ގއ. އަތޮޅާއި ގދ. އަތޮޅަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ގދ. ހޯޑެއްދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި ދިވެހި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ 500 މިލިއަން ރުފިޔާ އޭރު އޮތެވެ. އެ ފައިސާ ހަފުތާގެ ތެރޭގައި ދައްކާނެ ކަމަށް އޭރު އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭގައި ރައީސް ވިދާޅުވެފައިވަނީ ސަރުކާރަށް 51 ހަފްތާ ވިއިރު ސަރުކާރުން އަމިއްލަ ކުންފުނިތަކަށް 6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރި ކަމަށެވެ.


