“ފަލަސްތީނު މީހުންނަކީ” ދުނިޔޭގައި ވުޖޫދުވެސް ވެފައިވާ ބައެއް ނޫން ކަމަށް، އިސްތިއުމާރީ އިސްރާއީލުގެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސޓަރ އިތަމަރ ބެން-ގްވީރް ބުނެފިއެވެ.
ސޯޝަލް މީޑިއާގައި އިނގިރޭސިބަހުން އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފަލަސްތީނު މީހުންނަކީ ބަޔަކު އުފައްދައިގެން އުޅޭ ބައެއް ކަމަށާއި، އެއީ އެއްވެސް ތާރީޚެއް އޮތް ބައެއް ނޫން ކަމަށެވެ.
އޭނާ ބުނެފައިވަނީ، ފަލަސްތީނު މީހުންނަކީ އަރަބި ގައުމުތަކުން “އިސްރާއީލުގެ ބިމަށް” ހިޖުރަކޮށްގެން އުޅޭ ބައެއް ކަމަށާއި، އެއީ ދަރިފަސްކޮޅެއްވެސް ނޫން ކަމަށެވެ.
އިތަމަރ ބެން-ގްވީރަކީ އިސްރާއީލުގެ ދުރު ކަނާތުފިޔައިގެ ހަރުކަށި ޒަޔަނިސްޓެކެވެ.
އެއީ، ފަލަސްތީނުގެ ރައްޔިތުން މަރައިހުސްކޮށް، ނުވަތަ ގަދަކަމުން އެމީހުންގެ ގެދޮރާއި ބިމުން ބޭރުކޮށް ފައްސާލުމަށް ފެށުނީއްސުރެ ގަދައަޅައި މަސައްކަތް ކުރާ މުޖުރިމެކެވެ.
ފަލަސްތީނު ރައްޔިތުން ދެކެ އަބަދުވެސް ވަރަށް ރުޅިއަރާ މީހެކެވެ.
ނަތަންޔާހޫއާ ކޯލިޝަން ހަދައި ވެރިކަމަށް އައިސް، ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރުކަން ލިބުނު ހިސާބުން އޭނާގެ އަނިޔާވެރިކަން އިންތިހާއަށް މައްޗަށް ގޮސްފައި ވެއެވެ.
އިސްރާއީލުގެ ޖަލުތަކަށްލާ ފަލަސްތީނު ގައިދީންނަށް ލާއިންސާނީ ބޮޑެތި އަނިޔާކޮށް، ޖަލުގައި އެތައް ސަތޭކަ ގައިދިން މަރައި، ލޯކަނުކޮށް، ނުކުޅެދޭ މީހުންނަށް ހަދައި، އަދި ގައިދީންނަށް ކާންނުދީ، ފާޚާނާކުރިނުދީ އަދި އެލުވައި އިންސާނިއްޔަތާ ޚިލާފް އެތައް ޖަރީމާތަކެއް ހިންގަމުން ގެންދަނީ މީނާ އަންގައިގެންނެވެ.
ނުވިތާކަށް، މަސްޖިދުލް އަގްސާގެ ހަރިންމަ ތެރެއަށް ކޮންމެ ދުވަހަކު ވަދެގަނެ ފަލަސްތީނު މީހުންނާއި މުސްލިމުން ރުޅިއަރުވައި އެތައް ކަމެއް މީނާ ހިންގަމުން ގެންދެއެވެ. އެކަންކަން ކުރަމުން ގެންދަނީ އޭނާގެ ބާރުގެ ދަށުގައި އޮންނަ ފުލުހުންގެ ފައުޖުތަކުގެ ހިމާޔަތުގައެވެ.
ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލަން ބެން-ގްވީރް ވަރަށް ދެކޮޅެވެ.
އޭނާ ނަތަންޔާހޫއަށް މިހާރުވެސް އަންގަމުން ގެންދަނީ، ވަރުގަދަ ހަމަލާތަކެއްދީ، ޣައްޒާ އެއްކޮށް ހިފައި، ޣައްޒާއަކީ އިސްރާއީލުގެ ރަށަކަށް ހެދުމަށެވެ.
“އިސްރާއީލޭ” ކިޔާ ޓެރަރިސްޓު ދައުލަކީ، އެމެރިކާއާއި އިނގިރޭސީން އަދި ހުޅަނގުގެ ބޮޑެތި ބާރުތަކުން އަޑީގައި ތިބެގެން އދގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްގެން ފަލަސްތީނުގެ ބިމުގައި އިންދި ދައުލަތެއް ބެން-ގްވީރް ހަނދާނެއް ނެތެވެ.
ފަލަސްތީނުގެ ބިމުގައި އެމީހުން ވަޒަންވެރި ކުރުވީ ހުޅަނގުން ކަމެއް، އަދި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ކުރިން ފަލަސްތީނުގެ ބިމުގައި ދިރިއުޅެމުންދިޔައީ ފަލަސްތީނު ރައްޔިތުން ކަމެއްވެސް މިކަލޭގެ ހަނދާނެއް ނެތެވެ.
ފަލަސްތީނުގެ ތާރީޚް އެތައްހާސް އަހަރަށް ދެމިގެންދާ ކަމެއްވެސް މީނާއަކަށް ނޭނގެއެވެ.
ފެށުނީއްސުރެ އިސްތިއުމާރީ ބާރުގެ ކަމަކީ، ފަލަސްތީނުގެ ތާރީޚް އޮޅުވާލައި، ދުނިޔެއަށް ރޯމަރު ދޮގުތައް ފެތުރުމެވެ. އެ މަސައްކަތުގެ ދަށުން، މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައިވެސް މައިގަނޑު ގޮތެއްގައި ބޮންއަޅައި ހަލާކުކޮކޮށް ބިމާހަމަކޮށްލީ ފަލަސްތީނުގެ ތާރީޚާ ގުޅޭ ބިނާތަކާއި، އިމާރާތްތަކާއި، ގަދީމީ މިސްކިތްތަކެވެ.
ޒަޔަނިސްޓުންނަށް ފަލަސްތީނުގެ ބިމުގައި މިހާތަނަށް ނުކުޅެވި އިނީ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަގްސާއެވެ. ޒަޔަނިސްޓު ދައުލަތުން މިހާރު ދަނީ، އަގްސާ މިސްކިތުގެ އަޑިވެސް ކޮނެ، އެ މިސްކިތްކައިރީގައި ހުރި ތާރީޚީ އިމާރާތްތައް ވައްޓަމުންނެވެ.
އަގްސާ މިސްކިތުގެ އަޑި ކޮންނަމުން ގެންދާތީ، މިސްކިތުން ބައެއް ވެއްޓިދާނެ ކަމުގެ އިންޒާރު، އަގްސާ މިސްކިތް ބަލަހައްޓާ އޮފީހުން ދީފައި ވާއިރު، މިއީވެސް ފަލަސްތީނުގެ ތާރީޚް ނައްތާލަން ޔަހޫދީން ފަށައިގެން އުޅޭ ކަމެކެވެ.
ބެން-ގްވީރާއި، މުޖުރިމު ނަތަންޔާހޫއާއި، އިސްރާއީލުގެ ވެރިކަމުގައި މިހާރު ތިބި އެންމެންނާއި، ކުރިން ތިބި ވެރިން އަދި އިސްރާއީލު ހުރިހާ އެންމެންނަކީވެސް ޔޫރަޕްގެ ގައުމުތަކުން ފަލަސްތީނުގެ ބިމަށް ގޮސް، އެ ބިމުގައި ގަދަކަމުން ވަޒަންވެރިވެގެން އުޅޭ ބައެއްކަން މުޅި ދުނިޔެވެސް ހެކިވެއެވެ.



