ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ ފަސް ބުރީގެ އާ އިމާރާތުގެ ބިންގާ އަޅައިފި އެވެ.
މި އިމާރާތުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 780 ދުވަހުން ނިންމާ ގޮތަށް 185.6 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއުގެ ދަށުން 50 އެނދުގެ ފަސް ބުރީގެ އާ ހޮސްޕިޓަލް އިމާރާތެއް އަޅާނެ އެވެ. މި ހޮސްޕިޓަލުގައި އައިސޮލޭޝަން ފެސިލިޓީއާއި، ރޭޑިއޮލޮޖީ ޑިޕާޓްމަންޓް، އެކްސްރޭ، ސީޓީ، އެމްއާރުއައި، މެމޮގްރަފީ، އަލްޓްރާސައުންޑް ސްކޭން ހިމެނޭހެން ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެ އިތުރުން އެ މަޝްރޫއުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކާއި، އިންޑަސްޓްރިއަލް ލޯންޑްރީއަކާއި، އޮކްސިޖަން ޕްލާންޓެއް ވެސް ހިމެނެ އެވެ.


