ތައިލެންޑ-ކެމްބޯޑިއާ ކުރިމަތިލުން: ތައި ޚާރިޖީ ވަޒީރު ވިދާޅުވަނީ ޑިޕްލޮމަސީއަށް ފުރުސަތެއް ނެތްކަމަށް

ޚަބަރު ފަހުގެ ދުނިޔެ

ތައިލެންޑާއި ކެމްބޯޑިއާއިން ދެގައުމު ވަކިކުރާ ބޯޑަރު ހުރަސްކޮށް މިހާރު ބަދަލުކުރަމުންދާ ހަމަލާތަކުގެ މި ދަނޑިވަޅުގައި، ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް ފުރުސަތެއް ނެތްކަމަށް ތައިލެންޑްގެ ޚާރިޖީ ވަޒީރު ސިހަސަކް ފުއަންގްކެޓްކިއޮ ވިދާޅުވެއްޖެއެވެ.

ތައިލެންޑްގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ޑިޕްލޮމަސީއަށް އެއްވެސް ކަމެއް ކުރެވޭނީ އެކަމަށް ފުރުސަތު އޮތްނަމަ ކަމަށާއި، މިވަގުތު އެފަދަ ފުރުސަތެއް ނެތް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ތައިލެންޑުން މިކަން މިހާމަކުރީ، ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށާއި، އަދި ޖުލައިމަހު ވެފައިވާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އެނބުރި ދިއުމަށް ސަރަހައްދުގެ ގައުމުތަކާއި، ދުނިޔެއިން ގޮވާލަމުން ގެންދަނިކޮށެވެ.

ޖުލައިމަހު ވެފައިވާ އެއްބަސްވުމަކީ، އެމެރިކާއާއި  މެލޭޝިޔާ މެދުވެރިވެގެން ހެދި އެއްބަސްވުމެވެ. އެ އެއްބަސްވުން ހެދީ 5 ދުވަސް ވަންދެން ދެފަރާތުން ހަމަލަތައް ބަދަލުކުރުމަށް ފަހުއެވެ.

ތައިލެންޑްގެ ޚާރިޖީ ވަޒީރު ސިހަސަކް ފުއަންގްކެޓްކިއޮ ވިދާޅުވީ، ސުލްހައިގެ ހުށަހެޅުމެއް ދެން އަންނަން ޖެހޭނީ ކެމްބޯޑިއާއިން ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ކެމްބޯޑިއާއިން ކުރާ ކަންތައް ފުރަތަމަ ކެމްބޯޑިއާއިން ހުއްޓަންޖެހޭތީ ކަމަށެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މުޝީރެއް ވިދާޅުވެފައިވަނީ، ވާހަކަ ދައްކަން ކެމްބޯޑިއާ އޮތީ ތައްޔާރަށް ކަމަށެވެ.

އެއްބަސްވުމާ ޚިލާފްވުމާއި، ބޯޑަރު ހުރަސްކޮށް ފުރަތަމަ ހަމަލާތައް ދިނުމުގެ ޒިންމާ، ތައިލެންޑާއި، ކެމްބޯޑިއާއިންވެސް ގެންދަނީ އަނެއް ފަރާތުގެ ބޮލުގައި އަޅުވަމުންނެވެ.

ތައިލެންޑް ސިފައިން މިހާރު ގެންދަނީ، ބޯޑަރު ހުރަސްކޮށް ކެމްބޯޑިއާގެ ތެރެއަށް ވައިގެ ހަމަލާތައްވެސް ދެމުންނެވެ. މިއަދު ދިން ހަމަލާއެއްގައި 11 ވަނަ ގަރުދުނުގައި ބިނާކޮށްފައިވާ ފައްޅިއެއް ހަލާކުކޮށްލާފައިވާތީ ކެމްބޯޑިއާ ވަނީ ވަރަށް ރުޅިއައިސްފައެވެ.

މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގައި، ތައިލެންޑް ސިފައިންގެ ހަމަލާތަކުގައި ކެމްބޯޑިއާއިން އާންމުންގެ 9 މީހުން މަރުވެ، 20 މީހުން ޒަޚަމްވެފައިވާ ކަމަށް ކެމްބޯޑިއާއިން ބުނެފައި ވެއެވެ.

ތައިލެންޑުން ބުނެފައިވަނީ، ކެމްބޯޑިއާ ސިފައިންގެ ހަމަލާތަކުގައި ތައިލެންޑް ސިފައިންގެ 3 މީހުން މަރުވެ، އާންމުންގެ 68 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ދެފަރާތުން ހަމަލާތައް ބަދަލުކޮށް އާންމުންގެ ފުރާނައަށް ނުރައްކާވާން ފެށުމުން، ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ ތައިލެންޑް އަދި ކެމްބޯޑިއާގެ ހަތަރު ލައްކައަށްވުރެ ގިނަމީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ގޮސްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ