ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދުނިޔޭގެ ޑިޖިޓަލް ޕޭމަންޓްސްގެ އެންމެ އިސް ސަފުގައި ފާހަގަކޮށްލެވޭ ވިސާގެ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
އެ ކާޑަކީ ރާއްޖެއަށް ތައާރަފުކުރި ފުރަތަމަ މެޓަލް ކާޑެވެ. މިއީ ރާއްޖެއަށް އެންމެ އީޖާދީ އަދި އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓުތައް ތައާރަފުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް ބީއެމްއެލުން ދެކެއެވެ.
ބީއެމްއެލުން ބުނީ ހާއްސަ ޕްރިވިލެޖްތަކާއެކު ދުނިޔޭގެ ފެންވަރުގެ އެންމެ ފުރިހަމަ ހިދުމަތް ލިބޭ ވަސީލަތްތައް ގާއިމުވެގެން ދިއުމަކީ ރާއްޖޭގެ މުޖުތަމައުގެ ފުދުންތެރިކަން އިތުރުވަމުންދާ އިރު، ކަސްޓަމަރުން އެފަދަ ހިދުމަތްތަކަށް ބޭނުންވާ މިންވަރު އިތުރުވަމުން އަންނަ ކަމެއް ކަމަށެވެ.
ވިސާ އިންފިނިޓް ކާޑަކީ އެފަދަ އުންމީދުތައް ހަގީގަތަކަށް ހަދައިދީ، އަދި އެ ކާޑާ ވާދަ ނުކުރެވޭ ވަރުގެ ފައިދާތަކެއް ފޯރުކޮށްދޭ ކާޑެއް ކަމަށާއި ވިސާ އިންފިނިޓްގެ މަޝްހޫރުކަމާއި ބައިނަލްއަގުވާމީ ގޮތުން ލިބިފައިވާ ހަރުދަނާ މަގާމާއި އަދި އެ ކާޑުން ލިބޭ ފައިދާތަކުގެ ސަބަބުން ބީއެމްއެލް ވެގެންދާނީ މަތީ ފަންތީގެ އަދި އީޖާދީ ޕޭމަންޓްގެ ހައްލު ގެނެސްދޭ ބޭންކަކަށް ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ ވިސާ އިންފިނިޓް ކާޑްހޯލްޑަރުންނަށް ލަގްޒަރީ ހޮޓެލްތަކުގައި ވީއައިޕީ ސްޓޭޓަސް އާއި އިންޓަނޭޝަނަލް އެއާޕޯޓްތަކުގައި ފަސޭހަ އަދި ފުރިހަމަ ހިދުމަތެއްވެސް ލިބޭނެ ކަމަށެވެ.
އޭގެ ތެރޭގައި ފާސްޓް ޓްރެކް އިމިގްރޭޝަން، ޕާސަނަލައިޒްޑް މީޓް އެންޑް އެސިސިސްޓް، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 2،000 އަށްވުރެ ގިނަ ޕްރިމިއަމް ލައުންޖްތަކަށް އެކްސެސް ލިބުމާއެކު، ޕްރަޔޯރިޓީ ރިސަރވޭޝަން ހިދުމަތްތަކާއި، ޝެފް ޓޭބަލް އިވެންޓުތަކާއި އާޓް ޝޯ އަދި ކޮންސާޓްތަކަށް ހާއްސަ އެކްސެސް އަދި ހިލޭ ގޮލްފް ކުޅުމާއި ސްޕާގެ އެންމެ ފުރިހަމަ ހިދުމަތްތަކާއި އެލީޓް ކްލަބް މެމްބޭޝިޕް ލިބޭނެ ކަމަށެވެ. އަދި މުނިފޫހިފިލުވުމަށް ޕްރިމިއަމް ސަބްސްކްރިޕްޝަންތަކާއެކު ފުޑް ޑެލިވަރީ އާއި އެންމެ ކުރިއަރާފައިވާ އޭއައި އެޕްތަކުގެ ހިދުމަތްތަކާއެކު، ޑިޖިޓަލް ހިދުމަތްތައްވެސް ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްގެ ކަސްޓަމަރުންނަށް ޕްރިމިއަމް ބޭންކިން ހިދުމަތެއް ފޯރުކޮށްދިނުމަށް މި ކާޑު ތައާރަފުކުރުމަކީ ލިބޭ ފަހުރެއް ކަމަށެވެ.
“މި ކާޑުން ކަސްޓަމަރުންނަށް ހާއްސަ އެކްސްކްލޫސިވް ބެނެފިޓްތަކަކާއި ކަސްޓަމަރުންގެ ލައިފްސްޓައިލްއާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ ލަގްޒަރީ ހިދުމަތްތައް ލިބޭނެ. މި ކާޑު ރާއްޖެއަށް ތައާރަފުކުރުމުން ދައްކުވައިދެނީ ރާއްޖޭގެ މުޖުތަމައަށް ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ހައްލުތައް ތައާރަފުކުރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން،” ޝަރީފް ވިދާޅުވިއެވެ.
ވިސާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު އަވަންތި ކޮލަމްބަގެ ވިދާޅުވީ، ރާއްޖެއަށް އިންފިނިޓް ކާޑު ތައާރަފުކުރުމަކީ ލިބޭ އުފަލެއް ކަމަށާއި އެ ކާޑުން އެހެން އެއްވެސް ކާޑަކުން ނުލިބޭ ފައިދާ އާއި ބައިނަލްއަގުވާމީ ޕްރިވިލެޖްތަކާއި އަދި ތަފާތު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށެވެ.
“ރާއްޖޭގެ ފުރަތަމަ މެޓަލް ކާޑު، ވިސާ އިންފިނިޓް ކާޑުން ޕްރިމިއަމް ޑިޖިޓަލް ތަޖުރިބާގެ އާ ބެންޗްމާކެއް މި ކަނޑައެޅުނީ، މިއީ ރާއްޖޭގެ ކަސްޓަމަރުން ވެސް ހާއްސަ ލަގްޒަރީ ހިދުމަތަކަށް ބޭނުންވުން އިތުރުވަމުންދާ ކަމުގެ ހެއްކެއް. މި ކާޑު ރާއްޖެއަށް ތައާރަފުކުރުމަކީ ކަސްޓަމަރުންގެ ބޭނުންތަކަށް އީޖާދީ ހިދުމަތްތަކެއް ދިނުމަށް ވިސާއިން ކުރަމުންދާ މަސައްކަތް ރަމްޒުކޮށްދޭ ކަމެއް. މިއީ ހަމައެކަނި ކާޑެއް ނޫން. މިއީ ލަގްޒަރީ ތަޖުރިބާތަކެއް ކުރުމަށް ހުޅުވާލެވޭ ދޮރެއް،” އޭނާ ވިދާޅުވިއެވެ.
ބީއެމްއެލުން ބުނީ ރާއްޖެއަށް ޕޭމަންޓް ހައްލުތައް ފޯރުކޮށްދިނުމުގައި އެ ބޭންކުން އަދާކުރާ އިސް ދައުރު، އެ ކާޑާއެކު އަނެއްކާވެސް ފުޅާވެގެންދާނެ ކަމަށާއި 2002 ވަނަ އަހަރު ވިސާގެ ކާޑުތައް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފްކުރީވެސް އެ ބޭންކުން ކަމަށެވެ.
މިދިޔަ އަހަރު ބީއެމްއެލުން ވަނީ ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލަޔަންޓް ވިސާ ކްރެޑިޓް ކާޑު ވެސް ތައާރަފުކޮށްފައެވެ. ކްލަސިކް، ގޯލްޑް، ޕްލެޓިނަމް ވިސާ ކްރެޑިޓް ކާޑުތަކާ އެކު ކްލާސިކް ޑެބިޓް އަދި ދާދި ފަހުން ތައާރަފުކުރި ޕްލެޓިނަމް ކާޑާއެކު ވިސާގެ ޑެބިޓް ކާޑުތައްވެސް ބީއެމްއެލުން އަންނަނީ ދޫކުރަމުންނެވެ.


