މިއަދު ހެނދުނު ގިރާވަރު ފަޅު ހިއްކަން ފަށާފައިވާކަން ހާމަކޮށް ރައީސް ވަނީ ގިރާވަރު ފަޅު ހިއްކަން ފެށި ވީޑިއޯ އާއި ފޮޓޯ ހިއްސާ ކުރައްވާފައެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ބިން ހިއްކުމުގެ މަސައްކަތަށް ރާއްޖެއަށް ގެންސްފައިވާ ބޮޑެތި ޑްރެޖަރުތަކުގެ ތެރެއިން ޓްރެއިލިން ސަކްޝަން ހޮޕަރ ޑްރެޖަރ އޮރަންޖީއާއެވެ. މިއީ އެއްފަހަރާ 22،000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ ބޮޑު ޑްރެޖަރެކެވެ.
ބިން ހިއްކުމުގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައެވެ. އެގޮތުން ދެން އެންމެ އަވަހަށް ބިން ހިއްކުން ފެށިގެންދާނީ ގިރާވަރުފަޅުގައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިމަހުގެ 22 ވަނަ ދުވަހު އާންމުކޮށްފައިވާ ގިރާވަރު ފަޅު ހިއްކުމުގެ އީއައިއޭ ރިޕޯޓުގައި ވާގޮތުން ޖުމުލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާއިރު ގިރާވަރުފަޅުން 4،072 ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ.
ގިރާވަރުފަޅުން ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ބިމުގެ ސަރަޙައްދުތަކަށް ބަދަލު އަންނާނެތީ، އައު ލޮޓް ނަންބަރުތައް ކަނޑައެޅުމަށް އަލުން ގުރުނެގުން މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޖުމްލަ 4 ސައިޒެއްގެ 4072 ގޯތި ގިރާވަރުފަޅުން ދޫކުރުމަށް ވަނީ ނިންމާފައެވެ.
ގިރާވަރުފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން:
* 2450 އަކަފޫޓުގެ 1 ގޯތި
* 2050 އަކަފޫޓޫގެ 254 ގޯތި
* 1250 އަކަފޫޓުގެ 2603 ގޯތި
* 1650 އަކަފޫޓުގެ 1214 ގޯތި


