ޔޫރަޕްގެ ގައުމުތަކުގެ ހުރިހާ އަސްކަރިއްޔާތަކަކީ ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި އީރާނުން ކަނޑައަޅައިފިއެވެ.
މިކަން ހާމަކުރެއްވީ އީރާނުގެ ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ޣާލިބަފްއެވެ.
އޭނާ ވިދާޅުވީ، ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ހުރިހާ ގައުމުތަކުގެ އަސްކަރިއްޔާތަކަކީ ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި އީރާނުން މިހާރު ދެކޭ ކަމަށާއި، އެގޮތަށް ކަނޑައަޅާފައިވާ ކަމަށެވެ.
އީރާނު ޕާލަމެންޓުގެ ރައީސް މިކަމާ ގުޅޭގޮތުން ވާހަކަ މިދެއްކެވީ، އީރާނުގެ ނުފޫޒުގަދަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސްއަކީ ޓެރަރިސްޓު ގްރޫޕެއްގެ ގޮތުގައި އީޔޫއިން ކަނޑައެޅުމާ ގުޅިގެން އެކަމުގެ ރައްދުގައި އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމަށް ބޭއްވި ޚާއްސަ ޖަލްސާގައެވެ.
ޖަލްސާއަށް ޕާލަމެންޓް ހުރިހާ މެމްބަރުން ވަޑައިގެންނެވީ އައިއާރްޖީސީ ރަމްޒުކޮށްދޭ ފެހި ޔުނިފޯމްގައެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސްއަކީ ޓެރަރިސްޓު ގްރޫޕެއްގެ ގޮތުގައި އީޔޫއިން ކަނޑައަޅައި ފާސްކުރީ، އީރާނު ސަރުކާރާ ދެކޮޅަށް އެގައުމުގެ އާންމުން ކުރި މުޒާހަރާތަކާ ދެކޮޅަށް އައިއާރްޖީސީން އަނިޔާވެރިކަން އިސްކޮށް، ބާރުގެ ބޭނުންކޮށް މީހުން މެރުމާ ގުޅިގެން ކަމަށް ބުނެއެވެ.
އީރާނުން ކުރިއަށް ގެންދާ ބެލިސްޓިކް މިސައިލް ޕްރޮގްރާމްގެ ހުރިހާކަމެއް ކުރިއަށް ގެންދަނީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސްގެ ބެލުމުގެ ދަށުންނެވެ. އެމީހުން ސީދާ ރިޕޯޓްކުރަންޖެހޭ ފަރާތަކީ އީރާނުގެ ނުފޫޒުގަދަ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއެވެ.
އީރާނު ޕާލަމެންޓުގެ ރައީސް ވިދާޅުވީ، އައިއާރްޖީސީއަކީ ޓެރަރިސްޓު ގްރޫޕެއްގެ ގޮތުގައި އީޔޫއިން ކަނޑައެޅީ، ހަގީގަތަށް ކަނުލޮލެއްދީ، އެމެރިކާގެ ބަހަށް ހެއްލިގެން ކަމަށެވެ.
އީޔޫގެ ނިންމުމަކީ، ޔޫރަޕްގެ ގައުމުތަކުގެ ރައްޔިތުންގެ މަސްލަހަތުތަކާ ޚިލާފް ނިންމުމެއް ކަމަށްވެސް އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ވިދާޅުވިއެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސްއަކީ ޓެރަރިސްޓު ގްރޫޕެއްގެގޮތުގައި އެމެރިކާއިން ކަނޑައެޅީ މިދިޔަ އަހަރުއެވެ.
އިރާނުން އެހެން ގައުމުތަކުގެ އަސްކަރިއްޔާތަކަކީ ޓެރަރިސްޓު ގްރޫޕްތަކުގެ ގޮތުގައި ކަނޑައަޅަމުން ގެންދަނީ އެގައުމުގައި 2019 ވަނަ އަހަރު ފާސްކޮށް އަމަލުކުރަމުންދާ ގާނޫނެއްގެ ދަށުންނެވެ.
އެމެރިކާގެ ބަހަށް ހެއްލި، މުޒާހަރާތަކާ ގުޅުވައި އީޔޫއިން އީރާނަށް ދަތިކޮށް ފިޔަވަޅުތައް އަޅަމުން ގެންދާއިރު، ޔޫރަޕްގެ ގައުމުތަކުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުންނަށް ކުރަމުންދާ އަނިޔާތަކާއި، ބާރުގެ ބޭނުންކޮށް، މީހުންގެ ގައިގައި ތަޅައި، ހިފައި ހައްޔަރުކޮށް އަދި ބައެއް ފަހަރު ސަލާމަތީ ބާރުތަކުން ބަޑިޖަހައި މީހުން މަރަމުންދާ ދިއުން މައްސަލައަކަށް ނުވެއެވެ.
ޔޫރަޕްގެ ގައުމުތަކާ ޖެހުނީމާ މިނިވަންކަމާއެކު އެއްވެ އުޅުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ވާހަކަ ދައްކާކަށް އަދި އެ ގައުމުތަކުން ފެންނަ މަންޒަރުތަކާއި ކަން ކުރަމުންދާ ގޮތުގެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ.
ޔޫރަޕުންވެސް އަދި އެމެރިކާއިން މަސައްކަތް ކުރަމުން ގެންދަނީ، އެމީހުން ހަމައެކަނި ކަރުދާހުގައި ލިޔެގެން ގެންގުޅޭ އެ ބާވަތުގެ އުސޫލުތައް އީރާނުގެ މައްޗަށް ހިންގުމަށެވެ.



