މާލޭން ބޭރުގަ ހުޅުވި ސަރުކާރުގެ ފުރަތަމަ އައިނު ފިހާރަ އައްޑޫގައި ހުޅުވައިފި

ޚަބަރު ފަހުގެ

މާލޭން ބޭރުގައި ގާއިމްކުރި ސަރުކާރުގެ ފުރަތަމަ އައިނު ފިހާރަ އާއި ފުރަތަމަ ކެތަރައިޒޭޝަން ލެބޯރެޓަރީ (ކެތު ލެބް) އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

އައްޑޫގައި ގާއިމްކުރި ކެތު ލެބުގެ ޚިދުމަތް މިދިޔަ މަހުގެ ފަހުކޮޅު ފަށާފައިވީ ނަމަވެސް، އެ ތަން ވެސް ރަސްމީކޮށް ހުޅުވާފައިވަނީ އައިނު ފިހާރައާ އެކު މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭގެ ހޮސްޕިޓަލްތަކުގެ ގްރޫޕުގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، ސަރުކާރުގެ އައިނު ފިހާރައިން މިހާތަނަށް 13،000 އެއްހާ މީހުންނަށް ޚިދުމަތްދީފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 12،056 މީހަކަށް މިހާތަނަށް އައިނު ފޯރުކޮށްދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި، “އެމްސީޖީއެޗް އޮޕްޓިކަލްސް”ގެ ނަމުގައި ސަރުކާރުން މި ޚިދުމަތް ފެށީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅުގައެވެ. ޙަލީމް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ރީޖަނަލް ހޮސްޕިޓަލުތަކަށް ސަރުކާރުންދޭ އައިނުގެ ޚިދުމަތް އިތުރަށް ފުޅާކުރެވިގެންދާނެއެވެ.

ސަރުކާރުން އައިނުގެ ޚިދުމަތް ދޭން ފެށުމުގެ ކުރިން ރާއްޖޭގައި މި ޚިދުމަތް ދެމުން އައީ ހަމައެކަނި އަމިއްލަ ފަރާތްތަކުންނެވެ. އައިނު ހެއްދުމަކީ ބޮޑު ހޭދައެއް ހިނގާ ކަމަކަށްވާއިރު، މީގެ ކުރިން އާސަންދައިން ކަވަރުކޮށްދެނީ 1،000 ރުފިޔާއެވެ. އެއާއެކު ވެސް އާންމުންގެ އަތުން ބޮޑު އަދަދެއް ޚަރަދުކުރަން ޖެހުމަކީ އާންމުންގެ ބޮޑު ޝަކުވާއެއް އޮތް ކަމެކެވެ.

މި ޝަކުވާތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ރައީސް މުހައްމަދު މުއިއްޒު ވަނީ މިދިޔަ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އާސަންދައިން އައިނަށް ދޭ އަދަދު 2،000 ރުފިޔާއަށް އިތުރުކޮށްދެއްވާފައެވެ. މިއަދު އައްޑޫގައި ހުޅުވުނު އައިނު ފިހާރައަކީ އަތޮޅުތެރޭގައި މި ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ