ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ބީއެމްއެލްގެ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކޮށްފި އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގެ ޓާރމިނަލް 1 ގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ އަޅާފައިވާ ސޫޓް ކޭސްއެއް، ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަނެފައިވަނީ 27 އޮކްޓޫބަރު 2025 ދުވަހު އެވެ.
މި މައްސަލައިގައި 8 މީހަކަށް ދައުވާ ކޮށްފައިވެ އެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ ކޮށްފައިވަނީ 8 ފެބްރުވަރީ އަދި 26 ފެބްރުވަރީ 2026 ގައި ކަމަށެވެ.
މި މައްސަލައިގައި 6 މީހެއްގެ މައްޗަށް ވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ. މި ދައުވާ ކުރި މީހުންނަކީ:
- ކ. ގުރައިދޫ، އަޅިވިލާގެ / ހުސައިން ޝަހުދު
- ލ. މާވައް، ރޭޝަމް / މާޒިން މޫސާ
- މ. ކޯރަސް / އަހްމަދު ރައިހާން ނައީމް
- ކ. ގުރައިދޫ، އަޅިވިލާގެ / އިބްރާހީމް އަނޫފް
- ރ. މަޑުއްވަރި، މީޒާން / އިސްމާއިލް ސިރްހާން
- ގއ. ވިލިނގިލި، ބިނާ / އަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު
މީގެއިތުރުން ތ. ވިލުފުށި، އެހީވާގެ / އަހްމަދު މާހިދުގެ މައްޗަށް:
- ފޭރުމުގެ ކުށުގެ ދައުވާ
- ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދައުވާ
- މަޤްބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ
މި މައްސަލައިގައި ދެން ދައުވާ ކޮށްފައިވާ ސ. ހިތަދޫ، ވަށަގުލިމާގެ / އަލީ އަފްޒަލްގެ މައްޗަށް ވަނީ ފޭރުމުގެ ކުށުގެ ދައުވާ އާއި ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ.
މި 8 މީހުންގެ މައްޗަށް މި ދައުވާ ކޮށްފައިވާ ސަބަބުގެ ގޮތުގައި ޕީޖީ އޮފީހުން ބުނެފައިވަނީ، 27 އޮކްޓޯބަރު 2025 ދުވަހުގެ 4:15 އެހައިކަށްހައިއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އެކްސްޗޭންޖް ކައުންޓަރަށް ގެންދިއުމަށްޓަކައި، -/4,900 ޔޫރޯއާއި، -/1,735 ޕައުންޑާއި، -/2,610 ސިންގަޕޯރ ޑޮލަރާއި، -/1,345 އޮސްޓްރޭލިއަން ޑޮލަރާއި، -/510 ސްވިސް ފްރޭންކާއި، -/1,515 ކެނޭޑިއަން ޑޮލަރާއި، -/334,000 ޖަޕަނީސް ޔެންއާއި، -/10,420 ހޮންގކޮންގް ޑޮލަރާއި، -/106,120 ޔޫއެސް ޑޮލަރާއި، -/23,778 ދިވެހި ރުފިޔާއާއި، -/25,000 އިންޑިއަން ރުޕީސްއާއި، -/600 ޗައިނީސް ޔުއާން، ސޫޓް ކޭސްއަކަށް އަޅައިގެން ބީއެމްއެލްގެ ދެ މުވައްޒަފަކު އެއަރޕޯޓް އައު ޓަރމިނަލްގެ ގޭޓް 1 ގެ ކުރިމަތީގައި ތިއްބައި، އެމީހުންނަށް ވަޅިން ބިރުދައްކައި، އެ މީހުންގެ އަތުގައި އޮތް ފައިސާ އަޅާފައިވާ ސޫޓްކޭސް ފޭރިގަނެފައިވާތީއާއި، އެ ކުށުގެ އަމަލު ފުރިހަމަކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެ އެހީތެރިވެފައިވާތީ ކަމަށެވެ.
މި އަމަލުގެ ސަބަބުން ބީއެމްއެލްއަށް ލިބުނު ގެއްލުމުގެ ބަދަލު ދައުވާލިބޭ މީހުންއަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.


