ސަރބިއާގެ ބެލްގްރޭޑުގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބެލްގްރޭޑް އެކްސްޕޯ 2027 ގައި ބައިވެރިވުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ރަސްމީކޮށް އެއްބަސްވެއްޖެއެވެ. ސަރބިއާގެ ބެލްގްރޭޑުގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބެލްގްރޭޑް އެކްސްޕޯ 2027 ގައި ބައިވެރިވުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ރަސްމީކޮށް އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ބެލްގްރޭޑުގައި ބޭއްވި ދެވަނަ އަހަރީ ޕްލޭނިން ބައްދަލުވުމުގެ ތެރެއިން ވީއެމްސީގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު އިބްރާހިމް ޝިއުރީއެވެ.
“ޕްލޭ ފޯ ހިއުމަނިޓީ: ސްޕޯޓް އެންޑް މިއުޒިކް ފޯ އޯލް” މި ޝިއާރުގެ ދަށުން ބާއްވާ މި އެކްސްޕޯ ކުރިއަށްދާނީ 2027 ވަނަ އަހަރުގެ މެއި 15 އިން އޮގަސްޓް 15 އަށެވެ. މި ބޮޑު ހަރަކާތުގައި ދުނިޔޭގެ 120 އަށްވުރެ ގިނަ ގައުމުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، ހަތަރު މިލިއަނަށްވުރެ ގިނަ މީހުން މި އެކްސްޕޯއަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވެއެވެ.
މި އެއްބަސްވުމާއެކު އެކްސްޕޯގެ އިބްތިދާއީ ޕްލޭނިންގް މަރުހަލާ ނިމި، އަމަލީ ތައްޔާރީތަކުގެ ދެވަނަ މަރުހަލާ މިހާރު ވަނީ ފަށާފައެވެ. ވީއެމްސީން މައުލޫމާތު ދެއްވާ ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިއެރުމާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން ރާއްޖޭގެ މުއްސަނދި ސަގާފަތާއި އަމިއްލަވަންތަކަން ދައްކާލުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ.
ވީއެމްސީން ފާހަގަކުރާ ގޮތުގައި މި އެކްސްޕޯއަކީ ބޯލްކަން ސަރަހައްދާއި ވިލާތުގެ މާކެޓުތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ކަނޑުފަޅުތައް ހިމާޔަތްކުރުމަށް ކުރާ މުހިންމު މަސައްކަތްތައް ބައިނަލްއަގުވާމީ މައިދާނުގައި ދައްކާލުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.
ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ، އެކްސްޕޯގެ ތައްޔާރީތައް ކުރިއަށްދަނީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކަމަށެވެ. އަދި މި އެކްސްޕޯގެ ސަބަބުން އުފެދޭ ގުޅުންތަކުގެ އެހީގައި ފަތުރުވެރިކަމާއި، ސަގާފަތާއި، ދެމެހެއްޓެނިވި ތަރައްގީ އެއް މަންސައަކުން ދުނިޔެއަށް ހުށަހަޅައިދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި ވިޒިޓް މޯލްޑިވްސް އިން މަސައްކަތް ކުރާނީ އެކްސްޕޯ އިންތިޒާމު ކުރާ ކޮމިޓީއާ ގުޅިގެން ރާއްޖޭގެ ޕެވިލިއަން ފަރުމާކުރުމާއި ހަރަކާތްތައް ރޭވުމަށެވެ. މިއީ ވިލާތުގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ދެކެއެވެ.


