ބޭންކް އޮފް މޯލްޑިވްސްގެ އައު ބްރާންޗް ނެޓްވޯކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްތައް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ، މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރޭ އިފްތިތާޙްކޮށްފައިވަނީ ބީއެމްއެލްގެ 6 ބްރާންޗެވެ. އެއީ، ހދ. ހަނިމާދޫއާއި، ހދ. ކުޅުދުއްފުއްޓާއި، އއ. ތޮއްޑޫއާއި، ތ. ވިލުފުށީގެ އިތުރުން ލ.ހިތަދޫއާއި، ސ. ހުޅުދޫގެ ބީއެމްއެލް ބްރާންޗެވެ.
މި ބްރާންޗްތަކުގެ ތެރެއިން ކުޅުދުއްފުށީގައި ހުޅުވި ބްރާންޗަކީ ވިޔަފާރިތަކަށް ޚިދުމަތް ދިނުމަށް ޚާއްސަ ކޮށްފައިވާ ބިޒްނަސް ސެންޓަރެކެވެ. މިއަދުން ފެށިގެން މި ބްރާންޗްތަކުން ޚިދުމަތް ލިބޭނެއެވެ. މީގެ ކުރިންވެސް ބޭންކުން އިޢުލާންކޮށްފައިވާ ގޮތަށް، މި ބްރާންޗްތައް މަސައްކަތް ކުރާނީ ކަސްޓަމަރުންނާ ގާތުން، ކަސްޓަމަރުން ތިބި ތަނަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ބީ.އެމްއެލްއިން ވިދާޅުވެއެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ހުރިހާ ކަމެއް ޑިޖިޓަލްވެގެން ދާ ޒަމާނެއްގައި، ކަސްޓަމަރުންނާ އޮންނަ ގާތްގުޅުން ދުރުވެގެން ދިއުމަކީ ބޭންކުން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއްނޫން ކަމަށެވެ. އެހެންކަމުން މި ބްރާންޗްތަކުގެ މުވައްޒަފުންނަކީ އަބަދު ބްރާންޗުތަކުގައި ތިބޭނެ މުވައްޒަފުންނަށް ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
“އެމުވައްޒަފުންގެ ރޯލަކީ ގޭގެއަށްވެސް އަދި ވިޔަފާރިތަކަށްވެސް ޒިޔާރަތް ކުރުން. ބްރާންޗް ޤާއިމްކުރާ ރަށާއި ކައިރި އެހެން ރަށްތަކަށް ދަތުރުވެސް ކުރުން. ބޭންކުގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކުގެ މައުލޫމާތު ދިނުން. އަދި ފައިނޭންޝަލް ލިޓެރަސީ ކުރިއެރުވުމާއި، ސްކޭމްތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރު ކުރުން. ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލްވަމުން ދިޔަކަމުގައި ވިޔަސް އަޅުގަނޑުމެން މިތިބީ ކަސްޓަމަރުންނާ ވަރަށް ގާތުން ޚިދުމަތް ދިނުމަށް ތައްޔާރުވެގެން.” ޝަރީފް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްތައްވެސް އިފްތިތާޙް ކޮށްފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ބީއެމްއެލްގެ 90 އޭޓީއެމްގެ ތެރޭގައި 70 ޑޮލަރު އޭޓީއެމްއާއި އިތުރަށް ބަހައްޓާ ދިވެހި ރުފިޔާގެ، 20 އޭޓީއެމް ހިމެނެއެވެ.
ޑޮލަރު އޭޓީއެމްތައް ބަހަޓާފައިވާ އަތޮޅުތައް
– ހއ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
– ހދ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
– ށ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
– ނ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
– ރ. އަތޮޅު: 6 ޑޮލަރު އޭޓީއެމް
– ބ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
– ޅ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
– ކ. އަތޮޅު: 10 ޑޮލަރު އޭޓީއެމް
– އއ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
– އދ. އަތޮޅު: 6 ޑޮލަރު އޭޓީއެމް
– ވ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
– ފ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
– މ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
– ދ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
– ތ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
– ލ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
– ގއ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
– ގދ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
– ޏ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
– ސ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
2023 ވަނަ އަހަރުގެ ނިޔަލަށް އޭޓީއެމް ބަހައްޓާފައިވަނީ، 73 ރަށުގައި 138 އޭޓީއެމްއެވެ. ނަމަވެސް މިއަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހާ ހަމައަށް 187 ރަށުގައި 340 އޭޓީއެމް ބަހައްޓާފައިވެއެވެ.


