އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ޚަބަރު ފަހުގެ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މި މައްސަލަ ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުމުން، ޝަކީލް އެ މަގާމަށް އައްޔަންކުރުމަށް ފެންނަ ކަމަށް 51 މެންބަރުން ވޯޓު ދެއްވިއިރު، އޭނާ އައްޔަންކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 7 މެންބަރުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްކަމާއި މެންބަރުކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު ޒާހިދު، ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މުޙައްމަދު ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގައި މުހިންމު ޒިންމާތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، 3 ޑިސެންބަރު 2014 އިން 9 މޭ 2018 އަށް އީސީގެ މެންބަރުކަން ކުރައްވާފައިވާއިރު، 1 ސެޕްޓެންބަރު 2013 އިން 3 ޑިސެންބަރު 2014 އަށް އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި، އީސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު، ޝަކީލް ދެން އައްޔަންކުރެވުނީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ