ހައްދުންމަތީގައި ތަރައްޤީކުރާ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެ އަތޮޅު މާވަށަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ލ. އަތޮޅުގެ ދަތުރުގައި އެންމެ ގިނައިން ދެކެވުނީ އެއަރޕޯޓުގެ ވާހަކަ ކަމަށެވެ. އެގޮތުން 3 ރަށަކުން އެކަމަށް އެދެމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއަރޕޯޓު ތަރައްޤީކުރުމުގައި އިސްކަންދޭނީ ދެމެހެއްޓެނިވި ތަރައްޤީއަށްކަމަށެވެ.
“މިރަށުގައި ތަފާތު ކަމަކީ އެއަރޕޯޓެއް އަޅާއިރު، ބިން ހިއްކަން ޚަރަދު ކުރަން ނުޖެހޭ، ބިން ނުހިއްކާ އެކަން ކުރެވޭނެ. އެއީ ފާހަގަކޮށްލަންޖެހޭ ވަރަށް މުޙިއްމު ނުކުތާއެއް” ރައީސް ވިދާޅުވިއެވެ.
ލ.އަތޮޅު އިސްދޫ ކަލައިދޫގައި ތަރައްޤީކުރާ އެއަރޕޯޓުގެ ސަބަބުން، މުޅި އަތޮޅުގެ ރައްޔިތުންނަށާއި، ވަކިން ޚާއްސަކޮށް އިސްދޫ ކަލައިދޫގެ އިތުރުން ދަނބިދޫ އަދި މާބައިދޫގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑޫ ލުޔެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
އިސްދޫ ކަލައިދޫއަކީ ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ފުރުސަތު އޮތް ރަށެކެވެ. މިހާރު އެ ސަރަހައްދުގެ ރައްޔިތުން ކައްދޫ އެއާޕޯޓަށް ދިއުމަށް ކުރަންޖެހޭ 45 މިނެޓުގެ ދިގު ދަތުރު މި މަޝްރޫޢާއެކު ކުރުވެގެންދާނެކަމަށް ގެދޮރުވެރިކަމާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ.


