މިއީ، ބަންގީގެއަޑު އިވޭތީ “ބިރުންއުޅޭ” މީހެއް، ޑެންމާކްގައި ބަންގިގޮވުން މުޅިން މަނާކުރަން އަނެއްކާވެސް މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ ދުނިޔެ

ބަންގީގެ އަޑު އިވޭތީ “ބިރުން އުޅޭ” ޑެންމާކްގައި ވެރިކަންކުރާ ސޯޝަލް ޑިމޮކްރޭޓުންގެ ސަރުކާރުން އެގައުމުގައި ބަންގިގޮވުން މަނާކުރަން އަނެއްކާވެސް މަސައްކަތް ފަށައިފިއެވެ.

ސޯޝަލް ޑިމޮކްރޭޓުންވަނީ، ޑެންމާކްގައި ބަންގިގޮވުން މަނާކުރަން 2020 ވަނަ އަހަރާއި އަދި 2025 ވަނަ އަހަރުވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން އޭރު ކާމިޔާބެއް ނުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއަހަރުގެ މާޗްމަހު ބޭއްވި އަވަސް އިންތިޚާބުގައި ޕާލަމެންޓުގެ އަޣުލަބިއްޔަތު ނުލިބުމުން، އިތުރު ތިން ޕާޓީއަކާ ކޯލިޝަން ހަދައިގެން ސަރުކާރެއް އުފައްދައިގެންއުޅޭ ސޯޝަލް ޑިމޮކްރޭޓުން އަނެއްކާވެސް މިވަނީ ބަންގިގޮވުން މަނާކުރަން މަސައްކަތް ފަށާފައެވެ.

ސަރުކާރުގެ އިމިގްރޭޝަން މިނިސްޓަރ މޯރޓެން ބޮޑްސްކޯވް ވަނީ އަނެއްކާވެސް ބަންގި ހުއްޓުވަން ޕްލޭނެއް އިއުލާން ކޮށްފައެވެ. ކުރިން ދެފަހަރުވެސް މިކަން ކުރަން އުޅުނީ މޯރޓެން ބޮޑްސްކޯވްއެވެ. އޭނާ މަސައްކަތް ކުރަމުންދަނީ ގާނޫނެއް ފާސްކޮށްގެން ޑެންމާކްގެ އެއްވެސް ހިސާބެއްގައި ބަންގި ނުގޮވޭގޮތް ހެދުމަށެވެ.

މިފަހަރު ޕްލޭން އިއުލާން ކުރަމުން އޭނާ ބުނެފައިވަނީ، ޑެންމާކްގެ ބައެއް ހިސާބުތައް މިހާރު އިހްސާސްކުރެވެނީ “އިސްލާމްއާބާދުގެ އަވަށެއް” ފަދައިން ކަމަށެވެ.

އިސްލާމްދީނާއި މުސްލިމުން ދެކެ އަންނަ ރުޅިއެއްގެ ބޮޑުކަމާއި، އިސްލާމްދީނަށް ކުރާ ނަފުރަތުގެ ބޮޑުކަމުން އޭނާ ވަނީ، ޑެންމާކްގެ އެކި ހިސާބުތަކުގައި ބަންގީގެ އަޑު އިވިގެން ދިއުމަކީ އެގައުމު “އިސްލާމީވެ” އެގައުމުގައި އިސްލާމްދީން ފެތުރި، ޑެންމާކްގެ އާންމުންނަށް އޮތް އާންމު ޖާގަތައްވެސް ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށް ބުނެ އިންޒާރު ދީފައެވެ.

ޑެންމާކް ސަރުކާރުގެ އިމިގްރޭޝަން މިނިސްޓަރ މޯރޓެން ބޮޑްސްކޯވް ބުނެފައިވަނީ، ޑެންމާކްގައި އިސްލާމްދީނަށް އެއްވެސް ޖާގައެއް ނެތް ކަމަށާއި، އެ ފުރުސަތު ނުދޭނޭ ކަމަށެވެ. ޑެންމާކްގެ އެއްވެސް ހިސާބަކީ “އިސްލާމްއާބާދުގެ އަވަށެއް” ކަމުގެ އިހްސާސް ވިޔަނުދޭނޭ ކަމަށާއި، ގެތަކުގެ ފުރާޅުތައް މަތިން ބަންގީގެ އަޑު އިވިގެންދިޔަ ނުދޭނޭ ކަމަށެވެ.

ބޮޑްސްކޯވް ބުނީ، މުޅި ޑެންމާކްގައި ބަންގިގޮވުން ގާނޫނީގޮތުން މުޅިން މަނާކުރުމަށްޓަކައި އަލަށް އިންތިޚާބުވި ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ ތަހްގީގުތަކާއި، ދިރާސާތައް ކުރާނޭ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ކޯޕަންހޭގަން ހިމެނޭ ގޮތުން ޑެންމާކުގެ ބައެއް ހިސާބުތަކުގައި އަޑުގަދަކޮށް ބަންގި ގޮވުމަކީ މިހާރުވެސް ގަވާއިދުތަކުން މަނާ ކަމެކެވެ. އެއީ، އަޑުގަދަކުރުމާ ގުޅޭގޮތުން ހެދިފައި އޮންނަ ހަރުކަށި ގަވާއިދުގެ ތެރެއިންނެވެ.

މި ގަވާއިދުގެ ދަށުން، ކޯޕަންހޭގަންގައި ހުންނަ އެންމެ ބޮޑު މިސްކިތުން ބޭރަށް އަޑު އިވޭގޮތަށް މިހާރުވެސް ބަންގިއެއް ނުގޮވައެވެ.

ޑެންމާކްގެ އާބާދީގައި ގާތްގަނޑަކަށް 6 މިލިއަން މީހުން ހިމެނޭއިރު، އޭގެތެރެއިން މުސްލިމުންގެ އަދަދަކީ 270،000 އެވެ. ޑެންމާކްގެ އެކި ހިސާބުތަކުގައި ސަތޭކައެއްހާ މިސްކިތް ހުރެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޑެންމާކްގައި ބަންގިގޮވުން މަނާކުރަން މިހާރުގެ ސަރުކާރުން ކުރާ މަސައްކަތްތަކަށް ގާނޫނީ ބޮޑެތި ހުރަސްތައް ކުރިމަތިވާނެއެވެ. ސަބަބަކީ، މިސްކިތްތަކުގެ ކައިރީގައި ދިރިއުޅޭ މީހުންގެ ކަންބޮޑުވުންތަކެއް ހުރިނަމަވެސް، އަޅުކަން ކުރުމުގެ ހައްގު ޑެންމާކުގެ ގާނޫނުއަސާސީން ލިބިދީފައިވާތީއެވެ.

ޑެންމާކްގައި، ދީންތަކާ ގުޅުންހުރި ތަންތަނުން ޑިމޮކްރަސީއާ ޚިލާފް އުނގަންނައިދިނުންތަކާއި، ޣައިރުގާނޫނީ ޖަމާއަތްތަކުން އެހީ ލިބިގަތުންފަދަ ކަންކަން މަނާކޮށްފައިވާއިރު، އިމިގްރޭޝަން މިނިސްޓަރ މޯރޓެން ބޮޑްސްކޯވް ކުރިން ހުށަހެޅިގޮތަށް، ބަންގިގޮވުން މަނާކުރުމާއި، ދީނީ ޚިޔާލުފާޅުކުރުން ޑެންމާކުން ހުއްޓުވާއެއް ނުވެއެވެ.

މިސްކިތްތަކުން ބަންގިގޮވުމާއި، ބަންގީގެ އަޑު ބަހައްޓަންޖެހޭ މިންވަރާ ގުޅޭގޮތުން އިނގިރޭސިވިލާތާއި، ޖަރުމަނުވިލާތްފަދަ ޔޫރަޕްގެ ގައުމުތަކުގައި ހަރުކަށި ގަވާއިދުތަކެއް ހެދި އެޔަށް އަމަލުކުރަމުން ގެންދެއެވެ. ނަމަވެސް، މިހާތަނަށް އެއްވެސް ގައުމެއްގައި ބަންގިގޮވުން މުޅިން މަނާކޮށްފައެއް ނުވެއެވެ.

ޑެންމާކްގައި މިހާރު އޮތް ސޯޝަލް ޑިމޮކްރޭޓުންގެ ސަރުކާރުގެ ބޮޑުވަޒީރަކީ މެޓަ ފްރެޑެރިކްސަންއެވެ. އޭނާގެ ސަރުކާރުން ގެންގުޅޭ ހިޖުވެރިވުމާގުޅޭ ސިޔާސަތަކީ މުޅި ޔޫރަޕްގައިވެސް ގެންގުޅޭ އެންމެ ހަރުކަށި ސިޔާސަތެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ