ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އޮޔާދިޔަ ޗައިނާ ފަތުރުވެރިޔަކު ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ޗައިނާގެ އެ ފަތުރުވެރިޔާ ފެނުނީ މިއަދު 14:26 ހާއިރު، މާލެއިން ދ. ވާނީއަށް ދަތުރުކުރި ފުލުހުންގެ “ލޯންޗު 54” އަށް ކަމަށެވެ. އެއާއެކު، ވަގުތުން އެ މީހާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުންގެ މެސެޖްގައިވެއެވެ.
ފަތުރުވެރިޔާ ފެނިފައިވަނީ ރިސޯޓާ ގާތްގަނޑަކަށް މޭލެއްހާ ބޭރަށް އޮޔާ ގޮސްފައި ވަނިކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ އެ ފަތުރުވެރިޔާ ކަނޑުމަތިން ސަލާމަތްކޮށް، ރައްކާތެރިކަމާއެކު އަނބުރާ ރިސޯޓަށް ގެންގޮސްދީފައެވެ. ފަތުރުވެރިޔާގެ ހާލު ރަނގަޅެވެ.


