މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންފި

ޚަބަރު ފަހުގެ

61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންފިއެވެ.

ޖުމްހޫރީ މައިދާނުގައި އޮތް މި ރަސްމިއްޔާތުގައި ދިދަ ނެގުމަށް ފަހު ޤައުމީ ދިފާއީ ބާރުގެ ބޭންޑް ޕާޓީއިން ވަނީ ޤައުމީ ސަލާމްކުޅެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަނލުންނާއި ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ މީހުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ދިދަ ނެންގެވުމުގެ އިތުރުން މި ރަސްމިއްޔާތުގައި ދުވަހާއިގުޅޭ ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. އިސްވެ މި ދުޢާ ކޮށްދެއްވާފައިވަނީ އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވުޒާރާގެ ވާއިޒް މުޝްރިފް އައްޝޭޙް އިއްޒުއްދީން އަދުނާންއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު މާލޭއާއި ރަށްރަށުގައި ބޭއްވީ މިއަދު ހެނދުނު 6:00 ގައެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ މިފަހަރު އޮންނާނީ، މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި، ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.

އިނގިރޭސިވިލާތްގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވަނީ 1887 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހާއި 23 ވަނަ ދުވަހު، ދިވެހިރާއްޖޭގެ އޭރުގެ ރަދުން އައްސުލްޠާން މުޙަންމަދު މުޢީނުއްދީން ދެވަނަ އާއި އިނގިރޭސީންގެ ރާނީގެ ބަދަލުގައި ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސަރ އޭ.އެޗް.ގޯޑްން އާއި ދެމެދު އާދެ، ދެޤައުމުގެ ދެމެދުގައި ކުރެވުނު މުޢާހަދާއެއްގެ ދަށުންނެވެ. އޭރު އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތްނަމަވެސް ރާއްޖޭގެ ދާޙިލީ ކަންކަމަށް އިނގިރޭސިން އެއްވެސް އިރަކު ނުފޫޒު ފޯރުވާފައެއް ނުވެއެވެ.

މިނިވަން ދުވަސް ފާހަގަކުރަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެކު ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރު ޤަބޫލުކުރި މުނާސަބާ ފާހަގަކުރުމުގެ ގޮތުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ