އީރާނުގެ މިސައިލް ހަމަލާތަކުން އިސްރާއީލު ދިފާއުކުރަމުން ގެންދިއުމަށް ބޭނުންވާ ވަރަށް ކަނޑުގެ ސިފައިން ނެތްކަމަށް، އެމެރިކާ އަސްކަރިއްޔާގެ ޔޫރަޕްގެ ކޮމާންޑަރު ޖެނެރަލް އެލެކްސަސް ގްރިންކެވިޗް ބުނެ އިންޒާރު ކޮށްފިއެވެ.
އޭނާ މިކަމަށް އިންޒާރުކުރީ، އެމެރިކާއިން އީރާނަށް ހަމަލާތައް ދޭން ފަށައިފިނަމަ ހައިޕަރސޮނިކް މިސައިލާއި، ޑްރޯން ފައުޖުތައް ފޮނުވައި މުޅި އިސްރާއީލު ސުންނާފަތި ކުރާނޭ ކަމަށް އީރާނުން ދިން ވަރުގަދަ އިންޒާރުތަކާ ގުޅިގެންނެވެ.
ޖެނެރަލް އެލެކްސަސް ގްރިންކެވިޗްއާ ހަވާލާދީ އެމެރިކާގެ ވޮޝިންޓަން ޕޯސްޓުން ބުނެފައިވަނީ، އިރުމަތީ މެޑިޓެރޭނިއަން ކަނޑުގައި އިތުރު ޑިސްޓްރޯޔަރެއް ނެތި އޭނާއަށް އިސްރާއީލު ދިފާއު ނުކޮށްދެވޭނޭ ކަމަށެވެ. އިސްރާއީލަށްވުރެ އޭނާއަށް މުހިންމީ އެމެރިކާގެ ސަލާމަތަށް މަސައްކަތް ކުރުން ކަމަށްވެސް ބުނެފައި ވެއެވެ.
އީރާނުން އިސްރާއީލަށް ފޮނުވާލާ ބެލިސްޓިކް މިސައިލާއި، ހައިޕަރސޮނިކް މިސައިލާއި، އަދި ޑްރޯންތައް އިސްރާއީލާ ހަމައަށް ފޯރުމުގެކުރިން ވައްޓާލުމުގައި ކުވައިތު އަދި އުރުދުންފަދަ ގައުމުތަކުން މަސައްކަތް ކުރާއިރު، އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އިސްރާއީލު ކައިރިއަށް އެމެރިކާއިން ޖަމާކޮށްފައިވާ ހަނގުރާމަމަތީ މަނަވަރުތަކުންނާއި، އެމެރިކާ ސިފައިންގެ ލަޝްކަރުތަކުންނެވެ.
އެކަމަކު، ހަނގުރާމައިގައި އީރާނުން މިހާރު ބޭނުންކުރަމުންދާ އައު ޓެކްނޯލޮޖީގެ ސަބަބުން އީރާނުގެ މިސައިލްތައް ވައްޓާލަން އެމެރިކާގެ އެއަރ ޑިފެންސް ސިސްޓަމްތައްވެސް ވަނީ ނުކުޅެދިފައެވެ. މިސައިލް އަންނަކަން އެނގޭއިރު އޮންނަނީ އަމާޒަށް ވާސިލްވެފައެވެ.
މީގެއިތުރުން، އީރާނުން މުޅިން އައު ބާވަތްތަކުގެ މިސައިލް ބޭނުން ކުރަން ފެށުމަކީވެސް، އެމެރިކާ ސިފައިންނަށް މިސައިލްތައް ހުއްޓުވަން ނުކުޅެދިފައިވާ ކަމެކެވެ.
އަނެއްކޮޅުން، އީރާނުގެ މިސައިލްތައް ވައްޓާލަން ބޭނުންކުރާ އެމެރިކާގެ އިންޓަރސެޕްޓަރާއި، އެއަރޑިފެންސް އެހެން ހަތިޔާރުގެ ސްޓޮކްވެސް މަދުވެގެން އުޅޭ ވާހަކައަކީ ހަގީގަތެއް ކަމަށް މަސްރަހް ގާތުން ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މެދުއިރުމަތީގައި އޮންނަ އެމެރިކާގެ ސެންޓަރަލް ކޮމާންޑްގެ ކޮމާންޑަރާއި، އެމެރިކާގެ އަސްކަރިއްޔާގެ އެތައް ޖެނެރަލުންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމެރިކާގެ ހަތިތާރާއި ސިފައިންގެ އެހީތެރިކަމާ ނުލައި އިސްރާއީލަށް އީރާނާ ދެކޮޅަށް އެންމެ ދުވަހަކަށްވެސް ހަނގުރާމަ ނުކުރޭވޭކަން އެންމެނަށްވެސް އެނގެއެވެ.
އެކަމަކުވެސް، އެމެރިކާ ސިފައިންގެ އަތުގައި ހުރި އެންމެ ވަރުގަދަ ބޮންއަޅާ ބޮޑެތި ބޯޓުތައް ޖަމާކޮށް، އީރާނުގެ އިންޖީނުގެތަކާއި، ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި، ނިއުކްލިއަރ ސައިޓްތަކަށް ބޮންއަޅަން އެމެރިކާ ސިފައިންނާއި އިސްތިއުމާރީ ސިފައިން ތައްޔާރުވަމުންދަނީ، ނަތަންޔާހޫ ވޮޝިންޓަނަށްގޮސް އެމެރިކާގެ ރައީސް ޓްރަމްޕްގެ ކަންފަތްބުޑުގައި ސިއްރުން ދެއްކި ވާހަކަތަކަކަށް ޓްރަމްޕް ހެއްލި، އީރާނުގެ މައްޗަށް ކާމިޔާބު ލިބޭނޭ ކަމަށް ހީކޮށްގެންނެވެ. ނަތަންޔާހޫ ބުނީމާ އެއީ ތެދެއްކަމަށް ހީކޮށްގެންނެވެ.



