އީރާނަށް ހަމަލާދޭން ޕްރެޝަރކުރަން ނަތަންޔާހޫ “ކޮންމެދުވަހަކު” ޓްރަމްޕަށް ގުޅާ: ރިޕޯޓް

ޚަބަރު ފަހުގެ ދުނިޔެ

އީރާނަށް އަސްކަރީ ހަމަލާދޭން ޕްރެޝަރ ކުރުމަށް އިސްތިއުމާރީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް “ކޮންމެ ދުވަހަކު” ގުޅާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާ ސަރުކާރުގެ އެތެރޭގެ މަސްދަރުތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނަނީ، ނަތަންޔާހޫ، ޓްރަމްޕަށް ކޮންމެ ދުވަހަކު ފޯނުން ގުޅައި އީރާނަށް ހަމަލާދޭން ފަށަން ގޮވައި އާދޭސްކުރާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިކަމުގެ މައުލޫމާތު އެނގޭ އެމެރިކާގެ އިސް އޮފިޝަލަކުވަނީ މިކަން އިނގިރޭސި ނޫހަކަށް ކަށަވަރުކޮށްދީފައެވެ.

އެހެންނަމަވެސް، އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަށް ވައިޓް ހައުސްގެ އެތެރެއިންނާއި އަދި ވައިޓް ހައުސްގެ ބޭރުންވެސް ދެކޮޅުހެދުންތައް އިތުރުވެފައިވާ ކަމަށާއި، ހަނގުރާމަ އަލުން ފެށުމަށް ނަތަންޔާހޫ ކުރަމުންދާ ޕްރެޝަރާ އެމީހުން ދެކޮޅު ހަދާ ކަމަށް ރިޕޯޓްގައި ވެއެވެ.

ވައިޓް ހައުސްގެ ބޭރުން، ސަރަހައްދުގެ ގައުމުތަކުގެ ލީޑަރުން އެމެރިކާގެ ރައީސް ޓްރަމްޕަށް ގުޅައި، މަޝްވަރާއަށް އިސްކަން ދިނުމަށާއި، އިތުރު ކުރިމަތިލުމަކަށް ނުދިއުމަށް އެދެމުންދާ ކަމަށް ރިޕޯޓްގައި ވެއެވެ.

މިކަމަށް ބާރު ލިބެނީ، އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމާ ދެކޮޅު ކަމަށާއި، އެކަމާ ކަމުގެ ސަބަބުން ނުކުމެދާނެ ނަތީޖާތަކަށް ކަންބޮޑުވެވަޑައިގަންނަވާކަން ޓްރަމްޕަށް ދެންނެވި ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އިއްޔެގައި ވިދާޅުވެފައި ވުމެވެ.

މީގެއިތުރުން، ގަލްފްގެ ގައުމުތަކާއި އަދި މެދުއިރުމަތީގެ ގައުމުތަކާއި، އެމެރިކާގެ ބައިވެރިންގެގޮތުގައި ހިމެނޭ ގައުމުތަކުންވެސް ހަނގުރާމަ އަލުން ފެށުމާ ދެކޮޅަށް ޓްރަމްޕާ ވާހަކަ ދައްކާފައިވާ ކަމަށް ޚަބަރުތަކުން އެނގެއެވެ.

އިސްރާއީލުގެ މަސްދަރުތަކުން ބުނަނީ، ނަތަންޔާހޫ ބޭނުންވަނީ އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަށް ކަމަށާއި، ނަމަވެސް އެކަން ކުރުމަށް ޓްރަމްޕް އެއްބަސް ކުރުވޭނޭ ގޮތެއް ނަތަންޔާހޫއަށް މިވަގުތު ނެތް ކަމަށެވެ.

އީރާނާ ދެކޮޅަށް އެމެރިކާ ލައްވައި ނަތަންޔާހޫ ހަނގުރާމަ ފެށުވީ، އީރާނުން ނިއުކްލިއަރ ބޮމެއް އުފައްދަން އުޅޭ ކަމަށް ތުހުމަތު ކޮށެވެ. އެކަމަކު، އދގެ ނިއުކްލިއަރ އިދާރާއިން އެ ތުހުމަތު ދޮގުކޮށްފައި ވެއެވެ. އެފަދަ އެއްވެސް ހެއްކެއް ނެތްކަމަށްވެސް ބުނެފައި ވެއެވެ.

ނަތަންޔާހޫ އެންމެފަހުން މަސައްކަތް ކުރީ، އީރާނުން ކެމިކަލް ހަތިޔާރު ބޭނުންކުރަން ތައްޔާރުވަމުންދާ ކަމަށް ބުނެ އެކަމުގެ ނުރައްކާ ޓްރަމްޕަށް ބުނެދިނުމަށެވެ. އެއީވެސް އެމެރިކާ ލައްވައި އީރާނަށް ހަމަލާދިނުން އަވަސްކުރަން ކުރި ކަމެކެވެ.

ނަމަވެސް، އެމެރިކާގައި އިހަށްދުވަހު ބޭއްވި މިޑްޓާމް އިންތިޚާބުގެ ނަތީޖާއިން އެމެރިކާގެ ރައްޔިތުން އީރާނު ހަނގުރާމައަށް ނޫނެކޭ ބުނެފައިވުމުން ޓްރަމްޕް މިހާރުވަނީ އީރާނަށް އަލުން ހަމަލާދޭން ފަސްޖެހިފައެވެ. އިސްރާއީލު މީހުން ނަތަންޔާހޫއަށް ނޫނެކޭ ބުނެފައިވުމަކީވެސް މިކަމުގެ އެއް ސަބަބެވެ.

އިސްރާއީލުގެ ރައީސް އިސާކް ހާޒޮގް، އައު ސަރުކާރެއް އެކުލަވާލަން ފުރުސަތު ދިނީ އިދިކޮޅު ލީޑަރު އެއިޒެންކޮޓަށެވެ. މާނައަކީ ނަތަންޔާހޫ ވެރިކަމަށް އައުމަށް އޮތް ފުރުސަތު ގެއްލުނީއެވެ. ވެރިކަމުގައި ނުހުންނައިރު އެމެރިކާގެ ރައީސަކަށް ނަތަންޔާހޫއެއް މުހިންމެއް ނުވާނެއެވެ.

ޓްރަމްޕް އިހަށްދުވަހު ބުނީ، އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާދޭންޖެހޭ އެއްވެސް ސަބަބެއް މިހާރަކު ނެތް ކަމަށާއި، އެމެރިކާއިން އީރާނަށް އަލުން ހަމަލާދިނުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ