އިދިކޮޅު މައި ޕާޓީ، މޯލްޑީވިއަން ޑިމްކްރެޓިކް ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
ރޭ ކުރިއަށްގެންދިޔަ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލުވުމުގަ، ކޮންގްރެސް ބާއްވާނެ ތާރީހެއްގެ ގޮތުގައި 19 ސެޕްޓެމްބަރު ކަނޑައެޅުމަށް ހުށައަޅާފައިވަނީ ރިޔާސަތުގައި އިންނެވި ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.
މިކަމާގުޅޭގޮތުން ޤައުމީ މަޖިލީހުގެ މެންބަރުންގެ މެދުގައި ބަހުސްކުރެއްވުމަށްފަހު، ނެގުނު ވޯޓުގައި 63 މެންބަރުންގެ ތެރެއިން 52 މެންބަރުން ވަނީ ސެޕްޓެމްބަރު 19ގައި ކޮންގްރެސް ބާއްވަން ފެންނަކަމަށް ވޯޓުދެއްވާފައެވެ.
އެގޮތަށް ފާސްވުމާއި ގުޅިގެން ސީދާ އެތާރީޚުގައި ކޮންގްރެސް ބާއްވަން ޕާޓީން މަސައްކަތް ކުރައްވާނެކަމަށާއި، އަދި އެކަމަށް ދެން އަމަލުކުރަންވީ ގޮތް ހާމަކުރައްވާނެކަމަށް ޕާޓީގެ ޗެއަރޕަރސަން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ. އަދި ކޮންގްރެސްއަށް ފަހު ޕާޓީގެ ޤައުމީ މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން އެއިންތިޚާބުވެސް ކުރިއަށް ގެންދަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެމްޑީޕީގެ ކޮންގްރެސް ބޭއްވޭނީ ކޮންމެ 5 އަހަރަކުން އެއް އަހަރުއެވެ. ނަމަވެސް ވަކި ޝަރުތުތަކެއްގެ މަތިން ކޮންގްރެސްގެ އާދަޔާ ޚިލާފު ބައްދަލުވުމެއް ކޮންމެ އަހަރަކުވެސް ބޭއްވިދާނެއެވެ. މިފަދަ ކޮންގްރެސްއެއް ޤައުމީ މަޖިލީހުން ފާސްކުރުމުން ބޭއްވޭނެއެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕަރސަންގެ މަޤާމަށް އިންތިޚާބުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 12ވަނަ ދުވަހުގައެވެ. މިއާއެކު ޕާޓީގެ ކުރިއަށްއޮތް ކޮންގްރެސްގެ ތެރެއިން ޕާޓީގެ އަސާސީ ޤަވާއިދަށް ބަދަލުތަކެއް ގެންނަވާނެކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ. މިގޮތުން ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއާ ގުޅޭ ކަންކަން ނިންމާނެކަމަށް ބެލެވެއެވެ.
އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު ބޭއްވުމަށް ނިންމާފައިވާއިރު، ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޤައުމީ މަޖިލިސް ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބާއްވަން އެޕާޓީން ދަނީ މަސައްކަތްކުރަމުންނެވެ.


