1448 ވަނަ އަހަރުގެ “ޖަވާޙިރުލް ޤުރުއާން މުބާރާތް” އިންތިޒާމުކޮށް، ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ހަނިމާދޫ ކައުންސިލުން ޑްރާފްޓް އެންޑް ކްރާފްޓް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮކުރުމަށް ހަނިމާދޫ ކައުންސިލް އިދާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލީ އިބްރާހިމްއެވެ. އަދި ޑްރާފްޓް އެންޑް ކްރާފްޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މަންދޫބު ޝިފާން ޙަސަންއެވެ.

މި މަޝްރޫޢު ޑްރާފްޓް އެންޑް ކްރާފްޓާ ހަވާލުކޮށްފައިވަނީ ޖުމްލަ 491،600 (ހަތަރުލައްކަ ނުވަދިހަ އެއްހާސް ހަސަތޭކަ) ރުފިޔާއަށެވެ.
ހަނިމާދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އޮގަސްޓް މަހުގެ 20، 21 އަދި 22 ވަނަ ދުވަހުއެވެ.
މި މުބާރާތަކީ ހަނިމާދޫގެ އާބާދީގެ މެދުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމަށާއި، ވަކިން ޚާއްޞަކޮށް ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގެ މަޤްޞަދުގައި ކައުންސިލުން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ވަރަށް މުހިންމު މުބާރާތެކެވެ.
މި މުބާރާތުގެ ސަބަބުން ރަށުގެ ދަރިވަރުންގެ މެދުގައި ވާދަވެރި މާޙައުލެއްގައި ޤުރުއާން ކިޔެވުމުގެ ހުނަރު ތަރައްޤީވެ، ދީނީ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް ކައުންސިލުން އުންމީދު ކުރެއެވެ.



