ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް ވައިގެ ދަތުރުފަތުރުގެ އިތުރު އެއްބަސްވުންތަކެއް އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީގެ ވައިިގެ ދަތުރުފަތުރުގެ އެއްބަސްވުންތަކުގެ ތެރެއިން ރާއްޖެއަށް ލިބޭ ޓްރެފިކް ރައިޓްސްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ކަމަށެވެ.
“އަޅުގަނޑުމެން މި މަސައްކަތް ކުރަމުންދަނީ މިކަންކަން ހާސިލުކުރެވޭތޯ، އެއީ ރާއްޖެއަށް މިހާރު މި އަންނަ ޑެސްޓިނޭޝަންތަކުގެ ބޭރުން އިތުރު ޑެސްޓިނޭޝަންތަކުން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންމިދަނީ،”. އަމީން
ވަޒީރު ވިދާޅުވިގޮތުގައި ވައިިގެ ދަތުރުފަތުރުގެ ދެ އެއްބަސްވުމެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މިއީ ބޮޑެތި މަސައްކަތްތަކަކަށްވާތީ ވަގުތު ނަގާނެއެވެ.
މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމަޖެހިވަޑައިގަންނަވާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ އަދި މާލަސްތަކެއްނުވެ މި އެއްބަސްވުންތަކުގެ ނަތީޖާ ފެންނާނެ ކަމަށެވެ.
ދާދި ފަހުން ވަނީ ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ސީދާ ދަތުރުފަތުރުގެ ހިދުމަތް ގާއިމުކުރުމާ ބެހޭ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފައެެވެ.
އިތިއޯޕިއާއަކީ އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން އެކުލަވައިލި 6 ވަނަ ގައުމެވެ. މީގެ ކުރިން ރާއްޖެއިން އެފްރިކާ ބައްރުގެ މިސްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ސައުތުއެފްރިކާ އާއެކު މިފަދަ އެއްބަސްވުންތައް ގާއިމުކޮށްފައި ވެއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ އެއާލައިންތަކުގެ މެދުގައި ޝެޑިއުލް ސީދާ ދަތުރުތައް ފެށުމުގެ މަގު ފަހިވެގެންދާނެއެވެ.


