ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންއެ ބޭންކުގެ އިދާރީއޮނިގަނޑަށް ބަދަލުތަކެއް ގެނެސް، އެގްޒެކްޓިވް ޓީމްގެ މެންބަރުންގެ ދައުރަށްވެސް ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލް އިން ވިދާޅުވީ، މި ބަދަލަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި،ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށް ހަލުވިކުރުމަށް އަމާޒުކޮށްގެން ގެނެވުނު ބަދަލެއް ކަމަާށެވެ. އަދި މިއީ ބޭންކުގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ހިދުމަތުގެ ފެންވަރު މަތީ ދަރަޖައަކަށް ގެންދިއުމަށް އެކުލަވައިލާފައިވާ ދުރުރާސްތާގެ ސްޓްރެޓެޖިކް އަމާޒުތަކާ އެއްގޮތަށް ބޭންކުގެ މަސައްކަތްތައް ބައްޓަން ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ބޭންކް އިން ވިދާޅުވިއެވެ.
ހިންގުމުގެ އޮނިގަނޑަށް މި ގެނެވުނު ބަދަލުތަކުގެ ތެރެއިން، ސީނިއަ މެނޭޖްމަންޓް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެމުއްދަތަށް އެ ބޭފުޅުންގެ މަގާމުތަކާ ގުޅުންހުރި އެހެން ދާއިރާތަކުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ.
އެގޮތުން ގެނެވުނު ބަދަލުތަކަކީ:
• އައިޝަތު ޒަމްރާ ޒާހިރު: ޗީފް ކޮމަޝަލް އޮފިސަރު
• މޫސާ ނިމާލް: ޗީފް މާކެޓިން އޮފިސަރު
• ރަޝްފާ ޖައުފަރު: ޗީފް ރިސްކް އޮފިސަރު
• ގެރީ ލޯޓަން: ޗީފް ކްރެޑިޓް އޮފިސަރު
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މި ބަދަލުތަކަކީ ބޭންކުގެ ކުރިއެރުމަށްޓަކައި ގެނެވޭ ބަދަލުތަކެއް ކަމަށެވެ. އަދިބޭންކު މިވަގުތު އޮތީ ހަރުދަނާ މާލީ ހާލަތެއްގައި ކަމަށާއި، އެ ބޭންކްގެ މަގުސަދަކީ ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ބޭންކުގެ ކުރިއެރުން ހަލުވިކުރުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
“އިސް މަގާމުތަކުގެ ދައުރުތަކަށް ވަގުތީ ގޮތުން މި ގެނެވޭ ބަދަލަކީ ލީޑަޝިޕް ވަރުގަދަކުރުމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް. ތަޖުރިބާކާރު ވެރިންނަށް އެ ބޭފުޅުންގެ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކުގެ ތަޖުރިބާހޯދައި ދިނުމަކީ، އެ ބޭފުޅުންގެ ހުނަރު އިތުރުވުމުގެ އިތުރުން މުޅި މުއައްސަސާއަށް ލިބޭނެ ވަރަށް ބޮޑު ކުރި އެރުމެއް. މިއީ މި ޓީމަށް އަޅުގަނޑުމެންގެ އޮތް އިތުބާރާއި، ހުރިހާ ފަންތިއެއްގައި ދިވެހި ހުނަރުވެރި ވެރިން ބިނާކުރުމަށް ބޭންކުން ދޭއަހުމިއްޔަތު ހާމަކޮށްދޭ ކަމެއް،”. ޝަރީފް
މި އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލުތަކުން ހާމަވަނީ އެ ބޭންކް އިތުރަށް ހަރުދަނާކޮށް، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ބޭންކު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކެވެ.
ބީއެމްއެލް އިން ވިދާޅުވީ، މީގެ އެންމެ ބޮޑު ބޭނުމަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތި ކުރުން ކަމަށެވެ.
މިއީ ބޭންކުގެ އެތެރޭގެ ހިންގުމަށް ގެނެވުނު ބަދަލުތަކަކަށް ވާތީ، ކަސްޓަމަރުންނަށް ބޭންކުން ފޯރުކޮށްދޭ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ނުވަތަމިހާރު މުއާމަލާތް ކުރަމުންދާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް އެ ބޭންކް އިން ވިދާޅުވިއެވެ.
ބޯޑު އޮފް ޑައިރެކްޓަރުންގެ ހުއްދަ އާއެކު ބަދަލުގެނެވުނު މި އައުއޮނިގަނޑަށް އަމަލުކުރަން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ.


