ކައުންސިލުތަކުގެ ބެލެނިވެރި އިދާރާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސާތަކުގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު، މުއްދަތެއް ނެތް ގޮތަށް މިއަދު ފަސްކޮށްފިއެވެ.
އެލްޖީއޭގެ ބޯޑަށް، އައު ދައުރުގެ ރަށު ކައުންސިލަރުންގެ ތެރެއިން ކައުންސިލަރަކާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސާތަކުގެ ތެރެއިން ރައީސާއަކު އިންތިޚާބުކުރަން ތާވަލުކޮށްފައި އޮތީ އަންނަ ހޮނިހިރު ދުވަހަށެވެ.
އެ އިންތިޚާބަށް ކުޑަތަން ވެފައިވަނިކޮށް މިރޭ އެލްޖީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އެ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ. އެގޮތަށް ނިންމީ، އިންތިޚާބާ ގުޅިގެން ކުރަން ޖެހޭ މުހިންމު މަސައްކަތްތައް ނިމިފައި ނުވާތީ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެހެންނަމަވެސް ނިންމަން ޖެހޭ މަސައްކަތްތަކުގެ ތަފުސީލެއް އެލްޖީއޭއިން ހާމަކޮށްފައިނުވެއެވެ.
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސާތަކުގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލާން މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު ހުޅުވާލިއެވެ. އެއަށްފަހު، ކުރިމަތިލާ މީހުންގެ ނަންތައް އެ އޮތޯރިޓީން އިއުލާންކޮށްފައިވެއެވެ.
މި އިންތިޚާބުގައި ވާދަކުރުމަށް ހަމަޖެހިފައި އޮތީ ރަށު ކައުންސިލަރުންގެ ތެރެއިން:
ފ. ނިލަންދޫ ކައުންސިލްގެ ރަައީސް އަލީ އަހުމަދު (ޕީއެންސީ)
ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ސާފިރު (އެމްޑީޕީ)
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން ކުރިމަތިލީ:
ލ. ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަރިޔަމް ނީނާ (އެމްޑީޕީ)
ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަރިޔަމް ޒީނާ (ޕީއެންސީ)
ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި ކައުންސިލަރުން މަގާމުގެ ނާޖާއިޒް ފައިދާ ނަގާނަމަ ނުވަތަ މަސްއޫލިއްޔަތު އަދާ ނުކުރާ ނަމަ ނުވަތަ ގާނޫނުގައި ކުރުން މަނާ ކަމަށް ބުނެފައިވާ ކަމެއް ކުރާ ނަމަ ފިޔަވަޅު އެޅުމުގެ ބާރު ހިމެނެއެވެ. ފިޔަވަޅުތަކުގެ ތެރޭގައި ކައުންސިލަރުން ވަކި މުއްދަތަކަށް މަގާމުން އެކަހެރި ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.


