ހަނިމާދޫ ކައުންސިލްގެ އިސްނެގުމާއެކު ކުރިއަށްގެންދާ “ސްމާޓް އައިލެންޑް” މަޝްރޫޢުގެ ދަށުން ފަށާފައިވާ “މަގޭ ފުރާޅު” ޕްރޮޖެކްޓާ ގުޅޭގޮތުން، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް ކޮންގް ސިއަންހުއާ އެކު ހަނިމާދޫ ކައުންސިލުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ޗައިނާ ސަފީރު ހަނިމާދޫއަށް ކުރައްވަމުންދާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު އެ ރަށު ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާޤު ވިދާޅުވީ، “ސްމާޓް އައިލެންޑް” މަޝްރޫޢުގެ ދަށުން ހިންގާ “މަގޭ ފުރާޅު” ޕްރޮޖެކްޓާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މި މަޝްރޫޢު ކުރިއަށްގެންދިއުމުގައި ޗައިނާ އެމްބަސީގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ސަފީރު ދެއްވާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި މަޝްރޫޢު ކާމިޔާބުކަމާއެކު ފުރިހަމަކުރުމަށްޓަކައި، ޗައިނާއަށް ޒިޔާރަތްކޮށް އެފަދަ މަސައްކަތްތަކުގެ ތަޖުރިބާހުރި ކުންފުނިތަކާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ދަޢުވަތު ކައުންސިލަށް ލިބިފައިވާކަންވެސް ފިރާޤު ފާހަގަކުރެއްވިއެވެ.


