ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި “ފްރެންޑް 4” ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް އަޑިއަށް ގޮސްފިއެވެ.
މި ހާދިސާގައި އެ ދޯނީގެ ކައްޕީގެ އިތުރުން، ދޯންޏާއި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ މީހުންގެ ނަންތަކެއް އަދި ހާމައެއް ނުކުރެ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ހާދިސާ ހިނގިއިރު، ދޯނީގައި ތިބި 8 މީހުންގެ ތެރެއިން ކައްޕި ފިޔަވައި އެހެން މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ލިބިފައިވަނީ ރޭ 10:37 ހާއިރު ކަމަށާއި އުޅަނދަށް ރާޅުއަރައި ދިޔަވަމުންދާކަމުގެ ރިޕޯޓު ލިބުމާއެކު، އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ފެށި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.


