ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށާ ހުރިހާ ރައްޔިތުންވެސް ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ގަދަކޮށް ތިއްބެއްވުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ގޮވާލައްވައިފި އެވެ.
ޕީއެންސީން ރޭ އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޝުޖާއު ވިދާޅުވީ އެމްޑީޕީ ސަރުކާރުން އުފެއްދި މައްސަލަތައް ޙައްލުކުުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވެދިނުމުގައި ދެމިތިބެން ޖެހޭ ކަމަށާއި ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށެވެ.
“ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް. ހުރިހާ ބޭފުޅުންވެސް ރައީސް މުޢިއްޒުގެ ވެރިކަމާއެކު ގަދައަށް ތިއްބަވާށޭ،” ޝުޖާއު
ޝުޖާޢު ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ އޭރު އޮތް ސަރުކާރުން މާލީ ތަފާސް ހިސާބު ހާމަނުކުރާތާ ތިން މަސްވީ ފަހުން ކަމަށެވެ. އެކަން އެގޮތަށް ކުރީ ދައުލަތުން ކޮށްފައިވާ ވައްކަމާއި ޚިޔާނާތް ރައްޔިތުންނަށް ފަޅާއަރާނެތީ ކަމަށް ވިދާޅުވި އެވެ.
އަދި އެކަންކަން ހާމަވެދާނީ ރައީސް މުޢިއްޒުގެ ވެރިކަމުގެ އެންމެ ކުރީކޮޅު އޭރު އެމްޑީޕީއަށް މަޖިލީހުގައި އޮތް މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ރައީސް މުޢިއްޒު ވެރިކަމުން ދުރުކުރުމަށް މަސައްކަތް ފެށި ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާޢު ވިދާޅުވީ އެމްޑީޕީން ރައްޔިތުންނަށް އޮޅުވާލުމަށް އެކި ފަހަރު އެކި ވާހަކަ ދައްކަމުންދާ ކަމަށާއި އޮޅުވާލައިގެން އެ ހުރިހާ ވާހަކަތަކެއް ދެއްކުމުގެ މަޤްސަދަކީ ވެރިކަން ހޯދުން ކަމަށް ވިދާޅުވި އެވެ. އަދި އެމްޑީޕީއަށް ދެން ވެރިކަން ލިބުނަސް ރައްޔިތުންނަށް ކޮށްދޭނެ ކަމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.


