ރުއްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ޗައިނާ ސަރުކާރާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ގުޅިގެން ހދ. ހަނިމާދޫގައި ކުރިއަށްގެންދިޔަ ”މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް” ގެ ތަމްރީން ޕްރޮގްރާމްގައި 50 ފަރާތެއް ތަމްރީނުކޮށްފިއެވެ.
މި މަހުގެ 2 އިން 6 އަށް ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ.
މި ތަމްރީން ޕްރޮގްރާމަކީ ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި، ގެއްލުންދޭ ފަނިފަކުސާ ކޮންޓްރޯލް ކުރުމަށް ޒަމާނީ އުކުޅުތައް ތައާރަފްކުރުމުގެ މަގްސަދުގައި ހިންގުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވީ ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ ފަންނީ މާހިރުންނެވެ.
ތިއަރީ އަދި އަމަލީ ބައިތައް ހިމެނޭހެން ކުރިއަށްގެންދިޔަ މި ތަމްރީނުގައި މައިގަނޑު ގޮތެއްގައި އުނގަންނައިދީފައިވަނީ ގުދުރަތީ ދިރުންތައް ބޭނުންކޮށްގެން ޕެސްޓް ކޮންޓްރޯލްކުރުމުގެ އުކުޅުތަކާއި، ގަސްގަހާގެއްސަށް ޖެހޭ ބަލިތައް މެނޭޖްކުރާނެ ގޮތްތަކެވެ.
އެގޮތުން، ރުއްތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ކޮކޮނަޓް ލީފް ބީޓްލް (ކުދި ރުކުމަޑި) އަށް ހަމަލާދޭ ސޫފިތަކެއް ކަމަށްވާ “އެސިކޯޑްސް ހިސްޕިނާރަމް” އާއި ”ޓެޓްރަސްޓިކަސް ބްރޮންޓިސްޕާ” އާލާކުރުމުގެ ފަންނީ މަސައްކަތްތައް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ ލެބޯޓްރީގައި ކުރިއަށްދާ ގޮތް ބައިވެރިންނަށް ވަނީ އަމަލީ ގޮތުން ދައްކާލާފައެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ދަނޑުވެރިންނާއި، ރަށު ކައުންސިލްތަކުގެ މަންދޫބުންގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުން ޖުމްލަ 50 ބައިވެރިން ބައިވެރިވެ، ތަމްރީން ފުރިހަމަކޮށްފައިވެއެވެ.
މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޕެސްޓް ކޮންޓްރޯލްކުރުމުގެ ނިޒާމު ފުޅާކޮށް، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ބިންގަލެކެވެ. މިއީ ސަރުކާރުން ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެކެވެ.


