މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ ކުންފުނީގެ “އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް” (އެއިމް) ރަސްމީކޮށް އިފްތިތާޙުކޮށް، އެ އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
ހުޅުލެ އައިލެންޑް ހޮޓަލުގެ ބޯލްރޫމްގައި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުގީއެވެ. ޗާންސެލަރުގެ އަރިހުގައި އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދާއި ކުންފުނީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސީއީއޯ ޝަރީފެވެ. އަދި ކޯހުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް ޚާއްޞަ އެވޯޑްތައް ހަވާލުކޮށްދެއްވީ ޗާންސެލަރ ޑރ. މަހްމޫދު ޝައުގީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީ.އީ.އޯ ޝަރީފް ވިދާޅުވީ، އޭ.އައި.އެމްގެ މަޤްޞަދަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ފަންނީ މަސައްކަތްތެރިން ބިނާކުރުން ކަމަށެވެ. އަދި މި އިންސްޓިޓިއުޓަކީ އެއަރޕޯޓްތަކަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުން ތަމްރީނުކުރުމަށް އެމްއޭސީއެލް އިން ދިގު މުއްދަތަކަށް ގެންގުޅޭ ތަސައްވުރު ރަމްޒުކޮށްދޭ ތަނެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޗާންސެލަރު ޑރ. މަޙްމޫދު ޝައުޤީ ވިދާޅުވީ، ރާއްޖޭގައި ތައުލީމީ އަދި ހުނަރުވެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް އެމްއޭސީއެލް އިން ތައުރީފު ހައްގު މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އޭނާ ވަނީ އެކަމަށް ތައުރީފުވެސް ކުރސައްވައިފައެވެ
މިރަސްމިއްޔާތުގައި ޖުމްލަ 29 ދަރިވަރުން ވަނީ އެއަޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކޮށް ސަނަދު ހާސިލްކޮށްފައެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ގެ މިންގަނޑުތަކަށް ފެތޭގޮތަށް، ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ފަރުމާކޮށްފައިވާ ސެޓްފިކެޓް ލެވެލް 3ގެ ކޯހެކެވެ.
މިކޯސް ކުރިއަށް ގެންގޮސްފައިވަނީ 1 ޖޫން އިން 9 ސެޕްޓެމްބަރު 2025ގެ ނިޔަލަށެވެ.
ސެކިއުރިޓީ މެނޭޖްމަންޓް ކޯހަކީ އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްއާ އަލަށް ގުޅޭ މުވައްޒަފުން ތަމްރީނުކުރުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ކޯހެކެވެ. މި ޕްރޮގްރާމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.


