އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހު ބްރެޒިލްގައި ބޭއްވި ރިޔާސީ އިންތިޚާބުން، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން ދެވަނަ ބުރުގެ ވޯޓުލުން ބޭއްވީ އިއްޔެގައެވެ.
ދެވަނަ ބުރުގައި ވާދަކުރެއްވީ ފުރަތަމަ ބުރުގައި އެންމެމަތިން ވޯޓު ލިބުނު ފްލާވިއޯ ބޮލްސޮނާރޯއާއި، ދެވަނައަށް އެންމެ ގިނައިން ވޯޓު ލިބުނު މިހާރުގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަސިލްވާއެވެ.
ފުރަތަމަ ބުރުގައި ނުކުތް ނަތީޖާއަކީ އެއްވެސް ބަޔަކު އުންމީދުކުރި ނަތީޖާއެއް ނޫނެވެ. ހުރިހާ ޚިޔާލު ހޯދުންތަކުން ދައްކަމުންދިޔައީ އަދި ތަޖުރިބާކާރުންވެސް ބުނަމުންދިޔައީ އިންތިޚާބު ކާމިޔާބު ކުރާނީ ރައީސް ލޫލާ ކަމަށެވެ. ސަބަބަކީ، އިދިކޮޅުން ނުކުތް ފްލާވިއޯގެ އެތައް މައްސަލަތަކެއް ކޯޓުތަކުގައި ހުރުމާއި އޭނާއަކީ ސިޔާސީގޮތުންވެސް ވެރިކަން ކުރުމުގެ ތަޖުރިބާނެތް މީހެއް ކަމަށް ވާތީއެވެ.
ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ފްލާވިއޯއެއް ލިބުމުން އެންމެ ބޮޑަށް އުފާކުރި އެކަކީ އިސްތިއުމާރީ އިސްރާއީލުގެ ބޮޑުވަޒީރު މުޖުރިމު ނަތަންޔާހޫއާއި، އެމެރިކާގެ ރައީސް ޑޮނަލްށް ޓްރަމްޕެވެ. ފުރަތަމަ ބުރުގެ ވޯޓުގެ ނަތީޖާއާއެކު ނަތަންޔާހޫ ވަގުތުން ފްލާވިއޯއަށް ފޯނުން ގުޅައި މަރްހަބާ ކިޔެވެ. އަދި ވެރިކަމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަވެސް އިސްރާއީލަށް ދަތުރުކުރަން ދައުވަތު ދިނެވެ.
ވެރިކަން ލިބިއްޖެނަމަ ހިފާފައިވާ ގުދުސްގައި ބްރެޒިލްގެ އެމްބަސީ ހުޅުވާނޭ ކަމަށް ފްލާވިއޯ ވައުދުވެފައި ވެއެވެ. އަދި ރައީސް ލުލާގެ ވެރިކަމުގައި އިސްރާއީލާ ދެކޮޅަށް ނިންމާފައިވާ ހުރިހާ ނިންމުންތަކާއި، ބާތިލްކުރި ހަތިޔާރުގެ އެއްބަސްވުންތައް އަލުން އިއާދަކުރާނޭ ކަމަށްވެސް ވައުދުވެފައި ވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބްރެޒިލްއާ ދެކޮޅަށް ބޮޑެތި ޓެރިފްސްގެ ފިޔަވަޅުތައް އެޅީ ރައީސް ލޫލާ ފާޅުގައި ޓްރަމްޕަށް ގޮންޖަހަމުންގެންދާތީއާއި، އެމެރިކާ ބުނާ އެއްވެސް ގޮތަކަށް ކަން ނުކުރާތީއާއި، އިސްރާއީލާ ދެކޮޅު ސިޔާސަތުތައް ގެންގުޅޭތީއާއި، އިސްރާއީލާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަވާތީއާއި، ޣައްޒާގައި ނަސްލުނައްތާލުމުގެ ޖަރީމާތައް ހިންގާ މައްސަލަ ބްރެޒިލްއިން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހެޅުމާއި، އެމެރިކާގެ ޕަޕެޓް، ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯއާ ދެކޮޅަށް ހިންގި ޝަރީއަތަކީ ލޫލާ އަޑީގައި ހުރެގެން ސިޔާސީ ބޭނުމަށް ހިންގާ ޝަރީއަތެއް ކަމަށް ބުނެއެވެ.
ބްރެޒިލްގެ ސަރުކާރު އިންގިލާބުކޮށްލަން ރޭވިކަމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ސުޕްރީމް ކޯޓުންވަނީ ޖައިރް ބޮލްސޮނާރޯ 20 އަހަރަށް ޖަލަށް ލާފައެވެ. އޭނާ މިހާރު ހުރީ ގޭބަންދުގައެވެ. ރިޔާސީ އިންތިޚާބުގައި އޭނާއަށް ވާދަ ނުކުރެވުމުން ނެރުނީ ދަރިކަލުން ފްލާވިއޯއެވެ.
ބްރެޒިލްގެ ރައީސްކަމަށް ޖައިރް ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ބޮލްސޮނާރޯގެ ނަން އެމެރިކާގެ ރައީސް ފާޅުގައި އެންޑޯޒް ނުކުރި ނަމަވެސް، ފްލާވިއޯ ރައީސްކަމަށް އިންތިޚާބު ކުރުމަށް ޓްރަމްޕާއި އަދި އެމެރިކާ ސަރުކާރުން ވަރުގަދައަށް ކެމްޕެއިން ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނަމުން ގޮސްފައި ވެއެވެ. އަދި އިސްރާއީލުގެ މުޖުރިމު ނަތްނާޔާހޫވެސް ފާޅުގައި ފްލާވިއޯ ހޮވުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރިކަން މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
ރައީސް ލޫލާ ބަލިކޮށް، ބްރެޒިލްގެ ރިޔާސީ އިންތިޚާބު ފްލާވިއޯއަށް ކާމިޔާބު ކޮށްދިނުމަށް އެމެރިކާއާއި އިސްރާއީލުން މިލިއަން ޑޮލަރު ޚަރަދު ކުރިކަމަށްވެސް ރިޔާސީ އިންތިޚާބުގެ ތެރޭގައި ހާމަވެގެން ގޮސްފައި ވެއެވެ. އަދި ވޯޓަށް ނުފޫޒު ފޯރުވަން އެތައް ކަމެއް ކުރި ކަމަށް ޚުރު ރައީސް ލޫލާވެސް ވިދާޅުވެފައި ވެއެވެ.
ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ދިއުމުން އެމެރިކާއާއި އިސްރާއީލާއި، ޒަޔަނިސްޓު މަހުޖަނުން ކުރި މަސައްކަތް އެތައްގުނަ އިތުރުވެގެން ދިޔަކަން މީޑިއާ ރިޕޯޓްތަކުގައި ފާހަގަކޮށްފައި ވެއެވެ.
ބްރެޒިލްގެ ރިޔާސީ އިންތިޚާބަށް ފްލާވިއޯ ބޮލްސޮނާރޯ ނުކުތީ ރައީސް ލޫލާގެ “ކޮމިއުނިސްޓް” ސްޓައިލްގެ ވެރިކަމަށް ނިމުން ގެނައުމަށާއި، ޖަލަށް ލާފައި ހުރި އޭނާގެ ބައްޕަ މިނިވަން ކުރުމަށާއި، އޭނާގެ ބައްޕަ ޖަލަށްލާން ހުކުމްކުރި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން މަގާމުން ދުރުކޮށް ޖަލަށް ލާނޭ ކަމަށް ވައުދުވަމުންނެވެ.
އެކަމަކު، ބްރެޒިލްގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރީ އިސްރާއީލަކި ޓެރަރިސްޓު ދައުލަތެއް ކަމަށް ބުނަމުންދިޔަ ރައީސް ލޫލާއެވެ. ލެޓިން އެމެރިކާގެ ގައުމުތަކުގެ މައްޗަށް ނުފޫޒު ފޯރުވަން އެމެރިކާގެ ރައީސް ޓްރަމްޕާއި، އިސްރާއީލުން ކުރަމުންދިޔަ މަސައްކަތުގައި ސިއްކަޖެހިގެންދިޔައީއެވެ. ކަނާތުފިޔައިގެ އޮއިވަރުގައި ޖެހިފައިއޮތް ލެޓިން އެމެރިކާގެ އޮއިވަރު ބަދަލުވީއެވެ. ސާބިއާގެ ރައްޔިތުންވެސް ޓްރަމްޕާއި ނަތަންޔާހޫއަށް ދެއްވީ ވަލުދޮރާށްޓެވެ.
ބްރެޒިލްގެ ރިޔާސީ އިންތިޚާބުން އެމެރިކާގެ ރައީސަށް ލިބުނީ ސުމެކެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ލިބުނީ ބޮޅެކެވެ. ބްރެޒިލްގެ ރައީސަށް ލިބުނީ އިންތިޚާބެވެ.
މާދަމާ އިސްރާއީލުގެ އިންތިޚާބެވެ. ނޮވެމްބަރު 3 ގައި އެމެރިކާގެ އިންތިޚާބެވެ. ވާގޮތެއް ބަލަން ތިބެމާ ހިނގާށެވެ.



