ސައުދީ އަރަބިއްޔާގެ މުހިންމު އެތައް ތަނަކަށް ބެލިސްޓިކް މިސައިލް ހަމަލާތައް ދެމުންގެންދާ ކަމަށް ޔަމަނުގެ ހޫޘީން އިއުލާން ކޮށްފިއެވެ.
ހޫޘީ އަސްކަރިއްޔާ އަންސާރުﷲގެ ތަރުޖަމާނު ޔަހްޔާ ސަރައީ ގެންދަނީ، ހަމަލާތައް އަމާޒުކުރަމުންދާ ތަންތަނުގެ މައުލޫމާތު ވަކިވަކިން އިއުލާން ކުރަމުންނެވެ.
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ތިބި ބޭރުގެ ބައެއް ނޫސްވެރިންވަނީ، ރިޔާޟްގެ އެކި ހިސާބުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑުތައް އިވެމުންދާ ކަމަށް ބުނެފައެވެ.
އަދި ވައިގެމަގުން ނުރައްކަލެއް އަތުވެދާނެ ކަމާއި، ރައްކާތެރިކަން ހޯދުމަށް އަންގައި ސައުދީ އަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން ރިޔާޟްގެ އާންމުންނަށް ޓެކްސްޓް މެސެޖްތައް ފޮނުވާފައިވާ ކަމަށްވެސް ނޫސްވެރިން ބުނެފައި ވެއެވެ.
ވެރިރަށް ރިޔާޟުން ހޫޘީން މިއަދު ހަމަލާ ދިންކަމަށް ބުނި އެއް ތަނަކީ ސައުދީ ސަރުކާރުގެ ޑިފެންސް މިނިސްޓްރީ އިމާރާތެވެ. އެތަނަށް ހަމަލާދިނީ ބެލިސްޓިކް މިސައިލަކުން ކަމަށާއި، މިސައިލް ސީދާ އޭގެ އަމާޒަށް ވާސިލްވި ކަމަށް ޔަހްޔާ ސަރައީ ބުނެފައި ވެއެވެ.
ދެން ހަމަލާދިން ކަމަށް ބުނެފައިވަނީ އަބްހާ އިންޓަރނޭޝަނަލް އެއަޕޯޓަށެވެ. އެއަރޕޯޓަށް ހަމަލާދިނީ ޑްރޯން ބޭނުންކޮށްގެން ކަމަށާއި، އެ ހަމަލާގެ ސަބަބުން އެއަރޕޯޓުގެ އޮޕަރޭޝަންތައް ހުއްޓުވިފައިވާ ކަމަށްވެސް ހޫޘީން ބުނެފައި ވެއެވެ.
މީގެއިތުރުން، ސައުދީ އަރަބިއްޔާގެ ނަޖްރާން އެއަރޕޯޓާއި، ޚާމިސް މުޝައިތު އެއަރބޭހަށް ބެލިސްޓިކް މިސައިލް ހަމަލާދީ، ސައުދީ ދެ ޓްރާންސްޕޯޓް އެއަރކްރާފްޓް ގޮއްވާލާފައިވާ ކަމަށްވެސް، ހޫޘީ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ބުނެފައި ވެއެވެ.
އޭގެކުރިން ސައުދީ އަރަބިއްޔާގެ އީސްޓަން ޕްރޮވިންސްގައި ހުންނަ ރަސް ތަނޫރާ ރިފައިނަރީއަށްވެސް ބެލިސްޓިކް މިސައިލް ހަމަލާއެއް ދިން ކަމަށް ހޫޘީން ބުނެފައި ވެއެވެ.
މިއިން އެއްވެސް ހަމަލާއެއް އަމާޒުވި ކަމެއް ސައުދީ ކަމާބެހޭ އިދާރާތަކުން ހާމައެއް ނުކުރެއެވެ.
އެހެން ނަމަވެސް، ސައުދީ ވެރިރަށަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ދެ ބެލިސްޓިކް ސިފައިން ސިފައިން ވައްޓާލާފައިވާ ކަމަށާއި، އޭގެ ބައިތަކުން ޖެހި ތަންތަނަށް ލިބިފައިވާ ގެއްލުންތަކުގެ ފޮޓޯތައް ސައުދީ ސިވިލް ޑިފެންސްއިން އާންމުކޮށްފައި ވެއެވެ.
މި ހަމަލާތަކުގެ ކުރިންވެސް ހޫޘީން ފޮނުވާލި ދެ މިސައިލް ވައްޓާލާފައިވާ ކަމަށް ސައުދީ ސިފައިން ބުނެފައި ވެއެވެ.
އަނެއްކޮޅުން، ޔަމަނު ސިފައިން ކުރިއަށްޖެހެން މަސައްކަތް ކުރަނިކޮށް، ބެލިސްޓިކް މިސައިލާއި، ބަރުހަތިޔާރުން ކުއްލި އަދި ވަރުގަދަ ހަމަލާތަކެއް ދީ ބޮޑެތި ގެއްލުންތައް ދެވިފައިވާ ކަމަށްވެސް ހޫޘީން އިއުލާން ކޮށްފައި ވެއެވެ.
އެ ހަމަލާތަކުގައި އެތައް ބަޔަކު މަރާލެވި، އެތައްބަޔަކު ޒަޚަމްވި ކަމަށްވެސް ބުނެފައި ވެއެވެ.



