ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ލޯންޗުގެ ކެޕްޓަނަށް އަނިޔާތަކެއް ލިބިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 5:30 ހާއިރު ކަމަށެވެ. ނަމަވެސް މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 03:00 އެހައިކަންހާއިރު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގިއިރު ލޯންޗުގައި ހުރީ ކެޕްޓަން އެކަނި ކަމަށެވެ. އަލިފާން ރޯވުމުގެ ސަބަބުން އޭނާގެ ކަރާއި މޭމަތިފިހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާއަށް ލިބުނު އަނިޔާތަކާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އެއީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.
އަލިފާނުގެ ސަބަބުން ލޯންޗަށްވެސް އެކިވަރުގެ ގެއްލުންތައް ވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



