ޑޮލަރުން ލިބުނު އާމްދަނީ %5.6 އިތުރުވެއްޖެ

ޚަބަރު ފަހުގެ

މިއަހަރުގެ މިހާތަނަށް ޑޮލަރު އާމްދަނީގެ ގޮތުގައި ދައުލަތަށް 1.2 ބިލިޔަން ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު އިތުރުވުމެކެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ޑޮލަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ވަނީ 1.2 ބިލިޔަން ޑޮލަރު ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.1 ބިލިޔަން ޑޮލަރެވެ. އެހެންކަމުން މިއީ %5.6 އިތުރުވުމެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޑޮލަރުން ލިބުނު އާމްދަނީގެ ތެރޭގައި އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. މި މުއްދަތުގެ ތެރޭގައި ވަނީ 923 މިލިޔަން ޑޮލަރު ލިބިފައެވެ. މިިދިޔަ އަހަރުގެ ތެރޭގައި ލިބިފައިވަނީ 853 މިލިޔަން ޑޮލަރެވެ. އެހެންކަމުން މިއީ %8.3 އިތުރުވުމެކެވެ.

ޓެކްސް އާމްދަނީގެ ތެރޭގައި ޑޮލަރުން އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ ޓީޖީއެސްޓީގެ ގޮތުގައެވެ. އެއީ 571 މިލިޔަން ޑޮލަރެވެ. 2ވަނަ އަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކުހުގެ ގޮތުގައި ލިބުނު އަދަދެވެ. އެއީ 138 މިލިޔަން ޑޮލަރެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި 114 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ.

ޑޮލަރު ނޫން އާމްދަނީގެ ތެރޭގައި ޓެކުހުން ލިބިފައިވަނީ 277 މިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 284 މިލިޔަން ރުފިޔާއެވެ.

މިއަހަރުގެ ފުރަތަމަ 9 މަސްދުވަހު ދައުލަތަށް ޑޮލަރާއި އަދި ދިވެހި ރުފިޔާ ހިމެނޭގޮތުން ލިބިފައިވާ އާމްދަނީ 27 ބިލިޔަން ރުފިޔާއަށް އަރައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 25 ބިލިޔަން ރުފިޔާއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ