ކަސްޓަމްސްގެ އާމްދަނީގެ މަސްއޫލިޔަތުތައް މާލީ ވުޒާރާގެ ދަށަށް ބަދަލުކުރުމުން ތަންފީޒީ މަސައްކަތްތައް ހަރުދަނާވެގެންދާނެ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މާލީ ވުޒާރާއިން މިކަން ފާހަގަކޮށްފައިވަނީ، މިއަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓު ފޮތުގައެވެ.
މިއަހަރަށް ދައުލަތުން ހުށަހެޅި ބަޖެޓުގައި އާމްދަނީ ސިޔާސަތުތައް ހަރުދަނާ ކުރުމަށް ގެންނަ ބަދަލުތައް ހިމަނާފައިވެއެވެ. މީގެތެރެއިން އެއް ބަދަލަކީ، ކަސްޓަމްސްގެ އާމްދަނީގެ މަސްއޫލިއްޔަތު ޤާނޫނަށް ބަދަލު ގެނެސްގެން މާލީ ވުޒާރާގެ ދަށަށް ބަދަލުކުރުމެވެ. މިމަސައްކަތް ކުރަން ނިންމާފައިވާކަން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވަޒީރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓު ބަޔާނުގައިވެސް ވަނީ ފާހަގަކުރައްވާފައެވެ.
މިކަމުގެ ބައެއް ތަފްސީލުތައް މާލީ ވުޒާރާއިން ވަނީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފޮތުގައި ހިމަނާފައެވެ. މާލީ ވުޒާރާއިން ވިދާޅުވީ، މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީގެ 10 އިންސައްތައަކީ، މޯލްޑިވްސް ކަސްޓަމްސް ސާވިސް މެދުވެރިކޮށް ލިބިފައިވާ އާމްދަނީ ކަމަށެވެ. ނަމަވެސް ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބޭކަން ކަށަވަރު ކުރުމަށް އާމްދަނީގެ ހަރުދަނާ ސިޔާސަތެއް އޮންނަންޖެހޭ ކަމަށެވެ. ކަސްޓަމްސްއިން ބަލަހައްޓަމުންދާ ފީތަކާއި، ޑިއުޓީތައް ތަންފީޒުކުރުމާއި ފައިސާ ހޯދުމުގައި، ޤާނޫނީ ގޮތުންނާއި އިދާރީގޮތުން ގޮންޖެހުންތައް ހުރިކަމަށް އެއިދާރާއާ ހަވާލާދީ މާލީ ވުޒާރާއިން ވިދާޅުވިއެވެ.
އެހެންކަމުން ދައުލަތުގެ މާލީ ހާލަތަށް އަސަރު ކުރާއިރު، މިކަން އެވުޒާރާއިން ޤަވާއިދުން ބަލާކަމަށް ވިދާޅުވިއެވެ. އަދި ދައުލަތުގެ ފިސްކަލް ސިޔާސަތު ބަލަހައްޓާ ވުޒާރާގެ ހައިސިއްޔަތުން، ރެވެނިއު އެޑްމިނިސްޓްރޭޝަން ނުވަތަ އާމްދަނީގެ އިދާރީ ކަންކަން މާލީ ވުޒާރާއިން ބެލެހެއްޓުމަކީ، މި ނިޒާމު އިތުރަށް ހަރުދަނާވާނެ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.
މިކަން ކުރުމުގައި ދެ ޤައުމެއްގައި ކަސްޓަމްސް އިދާރާ ހިންގާ ގޮތަށްވެސް ބަޖެޓު ފޮތުގައި ވަނީ އަލިއަޅުވާފައެވެ.
ސިންގަޕޫރުގައި ކަސްޓަމްސް އިދާރާއަކީ މާލީ ވުޒާރާގެ ސްޓެޓިއުޓަރީ ބޯޑެކެވެ. އެޤައުމުގައި ބޯޑަރުގެ ކަންކަން ބަލަހައްޓަނީ، އިމިގްރޭޝަން އެންޑް ޗެކްޕޮއިންޓް އޮތޯރިޓީންކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. އިނގިރޭސިވިލާތުގައި މިކަން ކުރާ ގޮތަށް ބަލާލާއިރު، އެ ޤައުމުގައި މި ނިޒާމު ހިންގަނީ ދެ އިދާރާއެއްގެ ދަށުންނެވެ. އެގޮތުން އެޗްއެމް ރެވެނިއު އެންޑް ކަސްޓަމްސްގެ ދަށުން ސިޔާސަތު ކަނޑައެޅުމާއި، އާމްދަނީ ނެގުމުގެ ކަންކަން ކުރާކަން މާލީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އަދި ބޯޑަރުގައި ފަސިންޖަރުންގެ ކަންކަމާއި އެތެރެކުރާ މުދަލުގެ ކަންކަން ބަލަހައްޓަމުން ދަނީ ހޯމް އޮފީހުގެ ބެލުމުގެ ދަށުން ކަންވެސް ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިމަސައްކަތް ކުރުމަށް ޤާނޫނަށް ބަދަލުތައް ގެނައުމަށް މިއަހަރު ތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ކަސްޓަމްސްގެ އާމްދަނީ ޒިންމާތައް މާލީ ވުޒާރާގެ ދަށަށް ބަދަލުކުރަން ނިންމާފައިވާއިރު، އޮޑިޓަރ ޖެނެރަލް އޮފީހުން މިދިޔަ އޮކްޓޫބަރު މަހު އާންމުކުރި ރިޕޯޓެއްގައި ކަސްޓަމްސްއަށް 2023 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ އާމްދާނީގެ ތެރެއިން 461 މިލިޔަން ރުފިޔާ ނުލިބިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އަހަރުން އަހަރަށް މިއަދަދު އިތުރުވަމުންދާކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.


