ކާރިސާތަކުން ރައްކާތެރިވުމުގެ ނިޒާމު ހަރުދަނާކުރަން އެއްބަސްވުމެއް

ޚަބަރު ފަހުގެ

ކާރިސާތަކަށް މުޖުތަމައު އަހުލުވެރި ކުރުވުމަށާއި، ކުރިއާލައި އިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި މޯލްޑިވިއަން ރެޑް ކްރެސެންޓާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، “ޓްރެކްޓް” ޓީ.އާރު.އޭ.ސީ.ޓީ ޕްރޮޖެކްޓުގެ ދަށުން ކަނޑައެޅިފައިވާ މުހިންމު ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަންފީޒު ކުރުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގައި ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރު ކުރުމާއި، ކާރިސާތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް އާންމުން ހޭލުންތެރި ކުރުވުމެވެ. މީގެއިތުރުން ރައްޔިތުންގެ ބައިވެރިވުމާއެކު އެކި ބާވަތުގެ ނުރައްކާތަކުން ރައްކާތެރިވުމަށް ކުރިއާލައި އިންޒާރުދޭ ނިޒާމުތައް ރާއްޖޭގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަކީވެސް މި އެއްބަސްވުމުގެ މުހިންމު ބޭނުމެކެވެ.

މި އެއްބަސްވުމުގެ ސަބަބުން މޫސުމީ ބަދަލުތަކުގެ ސަބަބުންނާއި ގުދުރަތީ ގޮތުން ދިމާވާ އެކިއެކި ކާރިސާތަކުން ރައްކާތެރިވުމަށް ރަށްރަށުގެ ފެންވަރުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރު ވެގެންދާނެއެވެ. އަދި ކުއްލި ހާލަތްތަކުގައި އަވަހަށް މައުލޫމާތު ފޯރުކޮށްދީ، މީހުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަށް އެޅެންހުރި ފިޔަވަޅުތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ދެކުނު އޭޝިއާގެ ހަތް ޤައުމެއްގައި ކާރިސާތަކުން ސަލާމަތްވުމުގެ ޤާބިލުކަން އިތުރު ކުރުމަށް ފަރުމާކޮށްފައިވާ ސައުތު އޭޝިއާ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން، އެސްއޭޑީއާރުއާރު ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ މަތީފަންތީގެ ބައްދަލުވުމުގައި މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައިވެސް ރާއްޖެއިން ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން އެންޑީއެމްއޭއިން ވަނީ، ކާރިސާގެ ނުރައްކާ މެނޭޖުކުރުމުގައި ޑިޖިޓަލް ނިޒާމު ހަރުދަނާ ކުރުމަށް “ޑިޒާސްޓަރ އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް” (ޑާލާ) ނިޒާމު މިދިޔަ އަހަރު އިފްތިތާޙުކޮށްފައެވެ. މިއީ، ސަރުކާރުގެ “މޯލްޑިވްސް 2.0” ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާއަށް ލިބޭ ކުރިއެރުމެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ