އަޅުގަނޑުމެން ކުރާ ޢުމްރާ ފުރިހަމަ ކުރުމަށްޓަކައި ޞަފާއާއި މަރުވާ ފަރުބަދައިގެ ދެމެދުގައި ހިނގުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ ޢުމްރާގެ ރުކުނެކެވެ. މި ހިނގުމުން އަހަރެމެންނަށް ދޭހަކޮށްދެނީ ކޮންކަމެއްތޯއެވެ؟
އިސްމާޢީލްގެފާނަކީ އިބްރާހީމް ޢަލައިހިއް ސަލާމްގެ ދޮށީ ދަރިކަލުންނެވެ.
އިސްމާޢީލްގެފާނު ވަރަށް ކުޑައިއިރު އެކަލޭނގެފާނުގެ މަންމަ ހާޖަރާއި ބައްޕާފުޅު އިބްރާހިމްގެފާނު މައްކާގެ ސަރަޙައްދަށް ވަޑައިގެންނެވިއެވެ. ކިރުބޯ އުމުރުގެ ތުއްޕުޅު ދަރިކަލުންނާއި މަންމަ ހާޖަރު ފަރުބަނދައެއް ކައިރިއަށް ދޫކޮށް އިބްރާހިމްގެފާނު އެނބުރިވަޑައިގަތެވެ.
އެވަގުތު އެދެމައިންގެ އަތުގައި ހުރީ މަދު ފެންފޮދަކާއި ކަދުރުކޮޅެކެވެ. އެފަދަ ޙާލުގައި، ދެމައިކަނބަލުން އެ ހަނަފަސް ސަހަރާއަށް ﷲ އަމުރުކުރެއްވި ގޮތަށް ދޫކޮށް އެނބުރިދިއުމަށްފަހު މާގިނަ އިރުތަކެއްނުވެ
އެ ދެމައިކަނބަލުންގެ އަތުގައިވާ ފެންފޮދު ހުސްވެއްޖެއެވެ. އޭގެ ސަބަބުން އެދެމައިންނަށް އިންތިހާއަށް ކަރުހިއްކުން އިޙްސާސްކުރެއްވެން ފެށުމާއިއެކު ފެންފޮދެއް ލިބޭތޯއާއި މީހެއްގެ ހިލަމެއްވޭތޯ، ދުވެވަޑައިގެން ފެންނަންހުރި ޞަފާ ފަރުބަނދައަށް ހާޖަރު އަރައިވަޑައިގަންނެވިއެވެ. އަދި މީހެއްގެ ނިޝާނެއް ފެންނަން ނެތުމުން، އަނެއް ފަރާތުން ފެންނަންހުރި މަރްވާ ފަރުބަނދައަށް އަރައިވަޑައިގަންނަވައެވެ. މި ދެފަރުބަނދަ ދޭތެރޭގައި މި މައިކަމަނާ ހަތްފަހަރު ދުވެވެޑައިގަތެވެ. ވިސްނާ ވަޑައިގަންނަވާށެވެ. ތުއްތު ތުއްތު ކުއްޖާކާއިއެކު ހަނަފަސް ސަހަރާއަކަށް މައިމީހަކު ދޫކޮށްފައި އުޅެންޖެހޭނެ ހާލު އިޙްސާސް ކޮށްލަވާށެވެ. އެދުވަސްވަރުގައި ފަރުބަނދައެއް މައްޗަށް އެރުމަކީ މިދުވަސްވަރު ފަރުބަނދަތަކުގެ މައްޗަށްއަރާހާ ފަސޭހަކަމެއްނޫނެވެ. އަދި ހަނަފަސް ސަހަރާއެއްގައި ހިނގުމަކީ ފަސޭހަކަމެއް ނޫންކަން ފުއްޓަރު ފަރާތައް ނުކުމެ ހިމުންވެލި އޮންނަ ހިސާބުގެ ގުންޑޮޅިމަތީ ހިނގާލުމުން ކޮންމެވެސް ވަރަކަށް އިހްސާސް ކުރެވިގެންދާނެއެވެ. އެހެންނަމަވެސް އެމައިކަމަނާގެ އެއްވެސް ޝަކުވާއެއް ނުވެއެވެ. ސަބަބަކީ އެ ދެމައިން ގިނިކަންޏާ ދޫކުރައްވައި އިބްރާހީމްގެފާނު ވަޑައިގަތީ ﷲ ގެ އަމުރުފުޅަށެވެ. އެހެންކަމުން ދެރަގޮތެއް މެދުވެރިނުވާނެކަމުގެ ޔަޤީކަން އެމައިކަމަނާއަށް އޮތެވެ.
ޞަފާ އާއި މަރުވާ ދޭތެރޭ އެމައިކަމަނާ ހާޖަރު ދުވެވަޑައިގަތް 7 ވަނަ ފަހަރާއިއެކު، ތުއްޕުޅު އިސްމާޢީލްގެފާނުންގެ ފައިންޕުޅު ބިމުގައި ޖެހެމުންދިޔަ ތަނުން ފެން އާރެއް ނެރުއްވެވުމަށް ﷲ سبحانه و تعالى ޖިބްރީލް عليه السلامއަށް ވަޙީކުރެއްވިއެވެ.
މިޙާދިސާގެ ޒިކްރާ އާލާކުރުމުގެ ގޮތުން ޙައްޖުގެ އަޅުކަމުގައި އަދި އުމްރާގެ އަޅުކަމުގައި ޞަފާ އާއި މަރްވާ ފަރުބަނދަ ދެމެދުގައި ހަތްފަހަރު ހިނގާ މަންޒަރު، އާދެ ސަޢުޔުކުރާ މަންޒަރު މިހާރުވެސްދަނީ ފެންނަމުންނެވެ.


