ޖިންްސީ ގޯނާގެ މައްސަލަތަކާއި ގުޅިގެން ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް މި ސަރުކާރުން ކުރި ކަމެއް ފެންނަން ނެތް ކަމަށް ރަތްއިތުންގެ މަޖިލިހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން ޢަފޫރު ވިދާޅުވީ މި ސަރުކާރުން ވަކި މީހަކު ހިމާޔަތްކުރަން މަސައްކަތް ނުކުރާނެ ކަމަށާއި، އަލީ ވަހީދު އާއި މެދުވެސް އަޅަން ޖެހޭ ފިޔަވަޅު މި ސަރުކާރުން އަޅާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި، ވަކި މީހަކު ހިމާޔަތްކުރަން ސަރުކާރުން މަސައްކަތްކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.
ޣަފޫރު ވަނީ އަލީ ވަހީދު ދޫވީ ނިޒާމުގެ ތެރެއިން ކަމަށް ވެސް ސިފަކުރައްވާފައެވެ.
“ސަރުކާރަށް އިޚުލާސްތެރިވާން ޖެހޭނެ. ރައްޔިތުންނަށް އިޚުލާސްތެރިވާން ޖެހޭނެ. އެހެން ނޫނީ އެއީކީއެއް ވަފާތެރިންނެއް ނޫން. އިޚުލާސްތެރިންނެއް ނޫން. އަޅުގަނޑުމެން ވަގުންނެއް، އިންސާފައި ދެކޮޅަށް މަސައްކަތް ކުރާ މީހުންނެއް ނޫން އެމްޑީޕީއަކީ. އެހެންވީމަ ފުރުވާލީ އޭ ބުނާއިރުގާ ސަރުކާރުން އަލީ ވަހީދު ފުރުވާލަން ކުރި މަސައްކަތެއް އަޅުގަނޑުމެންނަށް ފެންނާކަށް ނެތް އިއްޒަތްތެރި ރައީސް. ނިޒާމުގެ ތެރެއިން ޕާސްޕޯޓު ދޫވުން އެއީ ސަރުކާރުން ފުރުވާލީއޭ ބުނުުގެ ޖާގަ އޮތް ކަމެއް ނޫން.” އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވިއެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށް ގަބޫލު ނުކުރާ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ވެސް ވަނީ ބުނެފައެވެ.
އަލީ ވާހީދުގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާއިރު، ފެބްރުއަރީ 9 ވަނަ ދުވަހުގެ ހަވީރު ވަގުތެއްގައި އޭނާ ވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓުން ކޮށްފައިވާ އަމުރު ބާތިލް ކުރުމާއި އެކު ލަންޑަނަށް ފުރާފައެވެ.
އޭނާ ރާއްޖެއިން ބޭރަށް ފޮނުވަން ކުރި އެ އަމުރުގައި ވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވަން ޖެހޭކަން ކަށަވަރު ކުރުމަށް ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ބަޔާން ނަގާފައިވެއެވެ. އޭނާގެ ޕާސްޕޯޓު ދޫކޮށްލާފައި ވަނީ އޭނާގެ ގާތް އެކުވެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުވުމުންނެވެ.


