އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ ވޯޓް ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ” ހަފްތާ” އަށް ވިދާޅުވީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ބޭނުންކުރާނެ ވޯޓް ކަރުދާސް ޗާފުކުރާނެ ފަރާތެއް އެ ކޮމިޝަނުން ކަނޑައަޅާ ފައިވާކަމަށެވެ. އަދި މިފަހަރުގެ އިންތިޚާބުގެ ވޯޓް ކަރުދާސްތައް ޗާޕުކުރުމަށް މާދަމާ ހަވާލުކުރާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މިފަހަރުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ޖުމްލައަކީ 2،72،480 ( ދެ ލައްކަ ހަތްދިހަ ދެ ހާސް ހަތަރު ސަތޭކަ އަށްޑިހަ ) އެވެ. ޤާނޫނު ބުނާ ގޮތުން ވޯޓް ކަރުދާސް ޗާޕުކުރަން ޖެހޭނީ މި އަދަދަށްވުރެ އެކެއް އިންސައްތަ އިތުރުކޮށެވެ.
މާލޭ ސިޓީން މިފަހަރުގެ އިންތިޚަބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ 51،449 މީހުންނާއި އެކު މުޅި ރާއްޖެއިން މިފަހަރުގެ ލޯކަލް ކައުނސިލް އިންތިޚާބުގައި ވޯޓް ލާނެ މީހުންގެ ޖުމްލަ އަދަދަކީ 272،480( ދެލައްކަ ހަތްދިހަ ދެހާސް ހަތަރުސަތޭކަ އައްޑިހަ ) އެވެ.
އަންނަ އޭޕްރިލްމަހުގެ 10 ވަނަދުވަހު އޮންނަ އިންތިޚާބުގައި ލޯކަލް ކައުންސިލްތަކުގެ ގޮނޑިތަކަށް ޖުމްލަ 2264 ކެނޑިޑޭޓުން ވާދަކުރާނެއެވެ.


