ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ހިންގާ ކުންފުނި، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އެތެރޭގެ އުދުހުންތައް ފަށަން ތައްޔާރުވެއްޖެ އެވެ.
ޓީއެމްއޭ އިން ބުނީ، ބޭސް އޮޕަރޭޝަން ނުވަތަ ރަންވޭއަށް ޖައްސާ ބޯޓުގެ ހިދުމަތް ފަށަން އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށެވެ. މި ދަތުރުތަކުގެ ބޭނުމަކީ ޓޫރިސްޓުން އުފުލުހުގެ ހިދުމަތް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
ޓީއެމްއޭ އިން އެތެރޭގެ އުދުހުންތަކުގެ މައި ހަބެއްގެ ގޮތުގައި ބޭނުން ކުރަން ނިންމާފައިވަނީ މި އަހަރު ހުޅުވާ، ޅ. މަޑިވަރު އެއާޕޯޓެވެ. އެއީ ޓީއެމްއޭގެ އެއް ހިއްސާދާރު ކަމަށްވާ ޗަމްޕާ ކުންފުނިން ހިންގާ އެއާޕޯޓެކެވެ. އަދި އެއާޕޯޓުގައި ހެނގަރާ އެއްޗެހި ހަދަން ވަނީ ނިންމައިފަ އެވެ.
އެތެރޭގެ އުދުހުންތަކުގެ އިތުރުން ޓީއެމްއޭ އިން ވަނީ އެ ކުންފުނީގެ ސީޕްލޭން އޮޕަރޭޝަން ފުޅާކުރުމުގެ ގޮތުން މި އަހަރުގެ ތިންވަނަ ކްއާޓަރުގައި އިތުރު ސީޕްލޭން ގެނެސް، ސީޕްލޭންގެ އަަދަދު 60 އަށް އިތުރު ކުރަން ނިންމައިފަ އެވެ.


