ރާއްޖޭގެ ތަރައްގީއާއި ކުރިއެރުން އޮތީ އިންޑިޔާއާ ގުޅިފައި ހެއްޔެވެ؟

ރިޕޯޓް އިޖުތިމާޢީ ފަހުގެ

ތަރައްގީގެ އަސާސާއި މެދު އެއްޗެއް ބުނަން ގަސްދުކުރީ ދާދި ފަހުން ބައެއް ނޫސްތަކުގައި އަޅާލެވިފައި އޮތް ސުރުޚީއެއް ފެނިގެންނެވެ. ސިޔާސީ ވެރިއަކު ބުނާ ގޮތުގައި ރާއްޖޭގެ ތަރައްގީ ގުޅިފައި އޮތީ އިންޑިޔާއާ ކަމާއެވެ. މި ލިޔުމުގައި ބަލާލަން ގަސްދުކުރަނީ ހަގީގަތުގައި ވެސް ރާއްޖޭގެ ތަރައްގީއާއި ކުރިއެރުން ގުޅިފައި އޮތީ އިންޑިޔާ ނުވަތަ އެނޫން ވެސް އެހެން ގައުމަކާތޯއެވެ.

މިގޮތުން އެންމެ ފުރަތަމަ ތަރައްގީއޭ ބުނުމުން އަޅުގަނޑު ގަސްދުކުރާ މާނަ ކަނޑައަޅާލަން ޖެހެއެވެ. ދެން އެއަށް ފަހު، ރާއްޖޭގެ ކުރިއެރުން ބިނާވެފައި އޮތީ އެހެން ބައެއްގެ ކުރިއެރުމާތޯ ނޫންތޯ ބުނާ ވާހަކައަށް އޮތް ހެއްކަކީ ނުވަތަ އެ ވާހަކައާ ފުށުއަރާ ހެއްކަކީ ކޮބައިތޯ ވެސް ބަލާލަން ޖެހެއެވެ. ދެން، މި ހެކިތަކުގެ އަލީގައި މަތީގައި އަޅާލެވިފައިއޮތް ސުރުޚީގައިވާ ސުއާލުގެ ޖަވާބު ކަނޑައަޅާލަން ޖެހެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ނަންގަތް ކަންކަމާ ބެހޭ ވާހަކަތަކުގެ ތެރެއަށް ވަނުމުގެ ކުރިން، އިތުރު އެހެން ވާހަކައެއް ދަންނަވާލަން ޖެހެއެވެ. މި މައްސަލައާ ވަރަށް ވެސް ގުޅުން ހުރި ވާހަކައެއް ކަމަށް ވާތީއެވެ. ދާދި ފަހުން، ރާއްޖޭ ކަންކަން ދިރާސާކުރައްވާ ބޭކަލަކު ދެއްކެވި ވާހަކަކޮޅެއް އަޑުއަހާލުމުގެ ފުރުސަތު ލިބުނެވެ. ވާހަކައިގެ މައުޟޫއަކީ ރާއްޖޭގައި އޮތް ފަންޑިތަވެރިކަމެވެ. ބޭސްވެރިކަމުގެ ފަންޑިތަވެރިކަމާއި ސިހުރުހާހޫރައާއި ގުޅޭ ފަންޑިތަވެރިކަމެވެ. ރާއްޖޭގައި އުޅުނު އަދި މިހާރުވެސް އުޅޭ ފަންޑިތަވެރިން އެކި ނަންނަމުގައި ކުރަމުންދާ ތާކުންތާކު ނުޖެހޭ، އަދި، ބައެއް ފަހަރު، ބޭއަޚުލާގީ، އަމަލުތަކުގެ ކަންތައްތައް މިވާހަކަކޮޅުން ސާފުވެގެން ދިޔައެވެ. މީސްމީހުންގެ މުދަލާއި ފައިސާ ނުހައްގުން ހޯދުމަށާއި އަދި އަންހެނުންގެ އިއްފަތްތެރިކަމަށް އަރައިގަތުމަށް ބޭނުންކުރެވޭ ވަސީލަތަކަށް ފަންޑިތަވެރިކަންވެފައި އޮތްކަން މިވާހަކަތަކުގައި ބަޔާންކުރެވުނެވެ. މިސާލެއް ލިޔެލާނަމެވެ. ރޯނާވާ ގޮތްވުމުން ރޯ މަހު މޭގައި ލިޔުން ލިޔެފައި ވަކި ސާއަތެއްގައި ކާންދިނުމެވެ. ރޯނާވުން ގުޅިފައި އޮންނަނީ ވިޓަމިން އޭ މަދުވުންކަމާއި އަދި މޭ އަކީ ވިޓަމިން އޭ ހިމެނޭ ކާނާއެއް ކަމުން، ރޯނާވުން ފިލުވުމަށް މޭ ފުދިދާ ގޮތް ވެއެވެ. ނަމަވެސް ފަންޑިތަވެރިޔާ ދައްކުވައިދޭން މަސައްކަތް ކުރަނީ ރޯނާވުން ރަނގަޅުވަނީ މަހުގެ އެ މާގަނޑުގައި އޭނާ ލިޔާ އެއްޗަކާއި އެ މޭ ކާ ސާއަތުގެ ސަބަބުން ކަމެވެ. ދެން ވެސް ފަންޑިތަވެރިކުރާ އެހެން ކަމެކެވެ. އަންހެން ކުދިން އެކަހެރިކޮށް، ފަންޑިތަ ހެދުމުގެ ނަމުގައި އެކުދިންނާ ބެހި، އެކުދިންގެ އިއްފަތެރިކަމަށް އަރައިގަތުމުގެ ސަގާފަތެއް އޮތްކަން ވެސް ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފަންޑިތައިގެ މަގާމު މިހާރު އާކަމަކަށް ދެވިއްޖެ ކަމުގައި ވެސް އެ ވާހަކަތަކުގައި ފާހަގަކުރެވުނެވެ. އާދެ، ރުގުޔާކުރުމަކީ މިހާރު ވަރަށް އާންމުވެއްޖެ ކަމެއްކަމާއި އަދި، ހަމަ މިކަން ވެސް، ފަންޑިތަފަދައިން، މީހުންގެ ފައިސާއާއި މުދާ ހޯދުމަށާއި އަދި އަންހެންކުދިންނާ ބެހުމަށް ބޭނުންކުރެވޭ ވަސީލަތަކަށް ވެއްޖެއެވެ. ކިޔަވާފައި ހުންނަ ފެނާއި ތެޔޮ ވިއްކުމަކީ ވެސް ރުގުޔާގެ ނަމުގައި މިހާރު ކުރަމުން އަންނަކަމެކެވެ. ހިންގަމުން ގެންދާ ބާތިލު ވިޔަފާރިއެކެވެ.

ފަންޑިތައާއި ރުގުޔާގެ ވާހަކަ ނަންގަނެލަން ޖެހުނީ އެކަންކަން ކުރާ ނުރަނގަޅު މަގުސަދު ބަޔާންކޮށް ހަމައެކަނި އެކަން ކުށްވެރި ކުރާކަށް ނޫނެވެ. ޝައްކެއްނެތް ގޮތުގައި ފަންޑިތައާއި ރުގުޔާ ފަދަ ކަންކަން ބޭނުންކޮށްގެން މީހުންގެ ފައިސާއާއި މުދާ ހޯދައި ނޫނީ އަންހެން ކުދިންގެ އިއްފަތެރިކަމަށް އަރައިގަތުމަކީ ބޮޑު ކުށެކެވެ. އެއްގޮތަކަށް ވެސް، ކޮށްގެންވާނޭ ކަމެއް ނޫނެވެ. މިކަން ކުށްވެރިކުރުމުގެ އިތުރުން، މިތަނުގައި ފާހަގަކޮށްލަން ޖެހޭ އެހެން ކަމެއް ވެސް އެބަ އޮތެވެ. ފަންޑިތަވެރިކަމާއި ރުގުޔާ ފަދަ ކަންކަން މި ނަންގަތް މަގުސަދުތަކުގައި މީސްމީހުނަށް ކުރެވެނީ ކީއްވެގެން ކަމެވެ. އެއީ މުޖުތަމައުގެ އަފުރާދުން އެފަދަ ކަންކަން ކުރުމަށް އެމީސްމީހުންނަށް ފުރުސަތުދޭތީއެވެ. މާތް ރަސްކަލާނގެ ތިމާމެންނަށް ދެއްވި ސަލާމަތް ބުއްދިއާއި ހެޔޮވިސްނުން ބޭނުން ނުކޮށް، އެހެން ބަޔަކު ތިމާމެންގެ ބޮލަށް ސަވާރުވުމުގެ ފުރުސަތުދީ، ވިސްނުމުގެ ގޮތުން އަޅުވެތިވެ ތިބުމަށް ރުހިގެން ތިބެވޭތީއެވެ. އަދަކީ ބަލިތަކަށް، އެއީ ޖިސްމާނީ ބަލިކަމުގައި ވިޔަސް، ނުވަތަ ނަފްސާނީ ބަލިކަމުގައި ވިޔަސް، އެކަންކަމަށް ބޭސްކުރެވޭނޭ ސިއްހީ ވަސީލަތްތައް ލިބެންހުރި ދުވަސްވަރެކެވެ. ހަސްފަތާލުތަކާއި ކުލިނިކުތަކުންނެވެ. އެތަންތަނުގައި ތިބި، ތަމްރީނު ލިބިފައިވާ، އަދި، ގާނޫނީ ހުއްދަތައް ވެސް އެކަންކުރަން ދެވިފައިވާ، ބަލިތަކާ ބެހޭ ޚާއްސަ މީހުން ތިބި ދުވަސްވަރެކެވެ. ބަލިތަކުން ޝިފާ ލިބުމައްޓަކައި ފަންޑިތައާއި ސިހުރުހާހޫރައިގެ އެހީ ހޯދާކަށް ނުޖެހެއެވެ. ފަންޑިތަވެރިންނަށާއި އަދިވެސް އެފަދަ މީހުންގެ ޗާލާކީ އުކުޅުތަކުގެ އަހުލުވެރިންނަށް އެމީހުންގެ މަކަރާއި ހީލަތް ހެދުމުގެ ފުރުސަތު ދެނީ ހަމަ އަޅުގަނޑުމެން އާންމުންނެވެ. އަޅުގަނޑުމެން އަމިއްލަ ބުއްދިއާއި ފިކުރާއި ވިސްނުން ބޭނުންނުކޮށް ކަންނެތް ވުމުންނެވެ.

މިފަދަ ފިކުރީ ކަންނެތްކަމެއްގެ ތެރޭގައި އަޅުގަނޑުމެން ތިބުމުން، އެކަމުގެ ނާޖާއިޒު ފައިދާ ނަގަނީ ހަމައެކަނި ފަންޑިތަވެރިންނާއި ރުގުޔާކުރާ މީހުން އެކަންޏެއް ނޫނެވެ. މިވެރިންނަށް ވުރެވެސް ބޮޑަށް، އަޅުގަނޑުމެންގެ ފިކުރީ ކަންނެތްކަމުގެ ނާޖާއިޒު ފައިދާ ނަގަނީ އަޅުގަނޑުމެންގެ ތެރޭގައި އުޅޭ އިންތިހާޒީ (އޮޕޯޗުނިސްޓިކް) ރަންޑީ ސިޔާސީވެރިންނެވެ. އާދެ، ފަންޑިތަވެރިންނާއި ރުގުޔާވެރިން ފަދައިން، ތިމާމެންގެ އަމައްލަ ބޭނުމާއި އަމިއްލަ މަސްލަހަތު ރައްކާތެރިކުރުމަށް ބޫތުކައިފައި ތިބި ސިޔާސީ ރަންޑީ އިންތިހާޒީންނެވެ. ފަންޑިތަވެރިންނާއި ރުގުޔާކުރާ މީހުން ފޭރެނީ ފަރުދުންގެ މުދަލެވެ. އަދި ބެހެނީ ފަރުދީ އަންހެން ކުދީންނާއެވެ. ނަމަވެސް، އަޅުގަނޑުމެންގެ އިންތިހާޒީ ރަންޑީ ސިޔާސީވެރިން ފޭރެނީ ގައުމުގެ ބައިތުލްމާލެވެ. މުޅި ރައްޔިތުންގެ ފައިސާއާއި މުދަލެވެ. އެމީހުން ބެހެނީ ގައުމުގެ އިއްފަތާއެވެ. އަބުރާއި އިއްޒާތާއެވެ. ގައުމަކީ އެފަދަ ސިޔާސީ އިންތިހާޒީ ރަންޑީންގެ ނަޒަރުގައި ކަސްބީ އަންހެނެކެވެ. އެ އަންހެނާ ވިއްކުމުގެ ޕިމްޕުން، އާދެ، މެދުވެރިންނަށް މި ސިޔާސީ ރަންޑީންވެ، އެމީހުންނަށް ލިބޭ ވަގުތީ މާއްދީ ފައިދާއެއްގެ ދަހިވެތިކަމުގައި ބޮޑު އަގެއް ދިން ބަޔަކަށް ގައުމު ވިއްކާލައެވެ. މިކަންކަން އެމީހުން ބޭނުންވާ ގޮތަށް ކުރެވެނީ އަޅުގަނޑުމެން އެ ފުރުސަތު އެމީހުންނަށް ދޭތީއެވެ. އަޅުގަނޑުމެންގެ ފިކުރީ ކަންނެއތްކަމުގެ ސަބަބުންނެވެ. މިކަމުގެ ތަފްސީލު ހޯދުމައްޓަކައި މައުޟޫއާއިގެން ކުރިއަށް ދާނަމެވެ. ރާއްޖޭގެ ތަރައްގީއާއި ކުރިއެރުން އޮތީ އިންޑިޔާއާއި ގުޅިފައިތޯ ކަމުގެ މައްޗަށް ބަލައިލަމުންނެވެ.

އެންމެ ފުރަތަމަ ތަރައްގީއޭ ބުނެ އަޅުގަނޑު ގަސްދުކުރާ މާނަ ކަނޑައަޅާލާނަމެވެ. ތަރައްގީއޭ ބުނުމުން އަޅުގަނޑު ގަސްދުކުރަނީ ތަރައްގީގެ އަމާޒަކަށް އިންސާނާ ހަދާލެވޭ އިންސާނީ ތަރައްގީއެވެ. އިންސާނީ ތަރައްގީއޭ ބުނެ ގަސްދުކުރަނީ ހަމަޖެހިގެން އިންސާނާއަށް ދިރިއުޅެވޭނޭ ގޮތެވެ. މިކަމަށް ރިއާޔަތްކޮށް، ރާއްޖެ ތަރައްގީވުމޭ ބުނުމުގެ މާނައަކީ ރާއްޖޭގެ ކޮންމެ މުވާތިނަކީ ވެސް، އޭނާގެ އަސާސީ ބޭނުންތައް ފުއްދައިގެން ހަމަޖެހިގެން އުޅެވޭ މީހަކަށްވުމެވެ. މިތަނުގައި އަސާސީ ބޭނުންތަކޭ ބުނެ އިޝާރަތްކުރާ ކަންތައްތަކެއް އެބަ ހުއްޓެވެ. ކެއުން ބުއިމާއި އުނުއޮރިޔާން ނިވާކުރުމާއި ބޯހިޔާވެހިކަމެވެ. ތައުލީމީ އަދި ސިއްހީ ޚިދުމަތް ލިބިން ހުރެ، އެކަންކަން ހޯދުމުގެ އެކަށޭނަކަން ލިބިފައި އޮތުމެވެ. ދިވެހި ކޮންމެ މުވާތިނަކަށް ވެސް މި ނަންގަތް އަސާސީ ޚިދުމަތަތްތައް، އޭނާގެ އިންސާނީ ކަރާމަތާއި އަދި ގައުމުގެ ކަރާމާތް ވެސް ނަގާނުލައި، ފުއްދޭނޭ ނިޒާމެއް ގާއިމުވެދިޔުމަކީ އަޅުގަނޑު ތަރައްގީ މާނަކުރާ ގޮތެވެ. އިންސާނާ ވެސް ނުވަތަ ގައުމެއް ވެސް، ތިމާމެންގެ އަމިއްލަ ބޭނުންތައް ފުއްދަން ސަލާންޖަހަން ޖެހޭ ނަމަ، އެބައެއްގެ ކަރާމަތެއް ނޯންނާނެއެވެ. އެފަދަ ގޮތެއްގައި ކަންތައްތައް އޮވެއްޖެ ނަމަ، އެބައެއްގެ އަބުރެއް، އިއްޒަތެއް، އޮތްކަމަކަށް ނުބެލެވޭނެއެވެ. އާދެ، އަޅުގަނޑުމެންގެ ޝާއިރު ވިދާޅުވެފައިވާ ފަދައިންނެވެ.
ލަދެއް ނެތި އަތް ދިމާކުރުމީ ތިމާގެ އެދުންތަކާ މެދުގައި
ހިނގާ ގޮސް އަނެކަކުގެ ގާތަށް ކަމެއްތޯ ހުތުރު ނުވެދާނޭ
ޝައްކެއް ނެތެވެ. އެކަންވާނީ ހުތުރު ކަމަކަށެވެ. ގައުމާއި ގައުމުގެ އަފުރާދުންގެ މާތްކަމާއި ކަރާމަތް، އަބުރާއި އިއްޒަތް ވެއްޔާ މޮޑެވިދާ ކަމަކަށެވެ.

މިކަމަކީ، އާދެ، މި ނަންގަތް އިންސާނީ ތަރައްގީއަކީ، ތަރައްގީގެ އަމާޒަށް ވުމުން މި ތަރައްގީއާ ގުޅިފައިވާ އެހެން ކަންތައްތައް އޭގެ ފަހަތުން އަންނާނެއެވެ. އާދެ، އިމްރާނީ ތަރައްގީއެވެ. އިންސާނީ ތަރައްގީ ހާސިލުކުރުމައްޓަކައި އިމްރާނީ ތަރައްގީ ބޭނުންވެއެވެ. ބޯހިޔާކުރާނޭ ގޮތް ހޯދަން ޖެހެއެވެ. ތައުލީމީ ޚިދުމަތާއި ސިއްހީ ޚިދުމަތް ދޭނޭ އިސްކޫލުތަކާއި ޖާމިއާތަކާއި ހަސްފަތާލުތައް ބިނާކުރަން ޖެހޭނެއެވެ. ކެއުން ބުއިމުގެ މަގު ފަހިކުރުމުގެ ގޮތުން ވަޒީފާތައް އުފައްދައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދޭން ޖެހެއެވެ. ސިނާއަތްތަކާއި މަސްނައުތައް އުފައްދައި ކުރިއަރުވަން ޖެހެއެވެ. އާދެ، މިކަންކަން ގުޅުވަން ޖެހެނީ އިންސާނީ ތަރައްގީއާއެވެ. އިމްރާނީ ތަރައްގީ އުފެދިގެން އަންނަނީ އިންސާނީ ތަރައްގީގެ ތެރެއިން ނޫން ނަމަ، އަޅުގަނޑުމެންނަށް ފެންނާނީ ހުސް އިމާރާތްތަކެކެވެ. މީގެ އެންމެ ރަނގަޅު މިސާލަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަލްފުގެ އަރަބި ގައުމުތަކާއި އަދި ވެސް ވެނިޒުއެލާއާއި އިންޑޮނޭޝިޔާއާއި ބުރުނައި ފަދަ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމުތަކެވެ. މި ގައުމުތަކުގައި ފައިސާވެރިކަން އޮތް ކަމުގައި ވިޔަސް، އާންމު އަފުރާދުންނަށް މިފައިސާއިން ކުރާ މާ ބޮޑު ފައިދާއެއް ނޯވެއެވެ. ތަނުން ފަގީރުކަމާއި މުހުތާދުކަން ފިލުވައެއް ނުލެވެއެވެ. މިތަންތަން އޮތީ އަދިވެސް ތިންވަނަ ދުނިޔޭގައި ހިމެނޭ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރޭގައެވެ. އަޅުގަނޑުމެންގެ ތެރޭގައި ފަތުރުވެރިކަމުގެ މުއްސަނދިކަން އޮތްފަދައިންނެވެ. އެ މުއްސަނދިކަން އަޅުގަނޑުމެންގެ ތެރޭގައި އޮތް ކަމުގައި ވިޔަސް، އެ ސިނާއަތަކީ، އެންމެ ކުޑަވެގެން ދިވެހި މުވާތިނުންނަށް އެކަށީގެންވާ އަދަދަކާ ކައިރިކުރާވަރަށް ވެސް، އެންމެ ކުޑަވެގެން، ވަޒީފާގެ ފުރުސަތުވެސް ލިބެން އޮތް ސިނާއަތެއް ނޫނެވެ. އެސިނާއަތުގެ ވެރިންނަކީ މުޅިން ހެންވެސް ބޭރު މީސްމީހުންނެވެ. އެހެންވެ، އެ ސިނާއަތުގެ ކަންތައް މިހާރު ހުރި ގޮތުން އެއީ އެއިން އާންމުންނަށް މާބޮޑު ފައިދާއެއް ކުރާ ކަމަކަށް ވެފައި ނެތް ސިނާއަތެކެވެ.

ގައުމެއް ތަރައްގީ ކުރުމުގައި އިންސާނީ ތަރައްގީއަށް އަމާޒުކުރުމުގެ ފެށުން ގުޅެނީ ވަކި ގަބޫލުކުރުންތަކާއި އަގުތަކަކާއެވެ. މި ގަބޫލުކުރުންތަކާއި އަގުތަކުގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއްކަމަކީ ގައުމެއްގެ ހުރިހާ މުވާތިނުންނަކީ ހަމަހަމަ ބައެއްކަމުގައި ބެލެވުމެވެ. އެމީހުންގެ އާއިލާއަށް، އިގުތިސާދީ ނޫނީ އިޖުތިމާއީ ނޫނީ ތައުލީމީ ހާލަތަށް، ނޫނީ ދީނީ ގަބޫލުކުރުންތަކަށް ބެލުމެއް ނެތި، އެންމެންނަކީ ވެސް ހަމަހަމަ ބައެއް ކަމުގައި ބެލެވިގެންނެވެ. މި ނަންގަތް ފަލްސަފީ ގަބޫލުކުރުންތަކާއި އަގުތަކުގެ މަސްދަރަކީ ތަނުގެ ދީނެވެ. ބައެއް މަދު ހާލަތެއްގައި މިފަދަ މަސްދަރަކީ ދީނާ ގުޅުމެއް ނެތް އަގީދާތަކާއި، ގަބޫލުކުރުންތަކާއި ގުޅިފައިވެއެވެ. ކައިރި ތާރީޚުން އަޅުގަނޑުމެންނަށް ފެންނަން އޮތް މިފަދަ މިސާލަކީ ސޮވިއެޓު ޔުނިއަންގައި އޮތް ކޮމިޔުނިސްޓޫ އައިޑިޔޯލޮޖީ ނުވަތަ އަގީދާއެވެ.

އަޅުގަނޑެންގެ ދިވެހި މުޖުތަމައުގެ ބޮޑު އަޣުލަބިއްޔަތަކީ މުސްލިމުންނަށް ވުމުން، އަޅުގަނޑުމެންގެ އަގުތައް ވެސް ގުޅިފައި އޮންނަނީ އިސްލާމް ދީނާއެވެ. ހުޅަނގުގެ ގައުމުތަކުގެ އަސާސީ އަގުތައް ބައިބަލްގެ ތައުލީމާތުތަކާ ގުޅިފައި އޮންނަ ފަދައިންނެވެ. ބައިބަލްއޭ ބުނެ މިތާ އިޝާރަތްކުރަނީ ޔަހޫދީ ދީނާއި މަސީހީ ދީނުގެ މުގައްދަސު ފޮތްތަކަށެވެ. ޔަހޫދީ ދީނުގެ ތައުރާތާއި އަދިވެސް ‘ތަނަކު’، ޕުރާނާ އަހުދުގެ، (އޯލްޑު ޓެސްޓަމެންޓުގެ) މުގައްދަސު ފޮތްތަކާއި މަސީހީ ދީނުގައި ހިމެނޭ އިންޖީލާއި އެ ފޮތާ ގުޅިފައިވާ ނަޔާ އަހުދުގެ (ނިޔު ޓެސްޓަމެންޓުގެ) މުގައްދަސު ފޮތްތަކެވެ.

ޝައްކެއްނެތް ގޮތެއްގައި ގައުމެއް ތަރައްގީ ކުރުމައްޓަކައި ބޭނުންވާ އަސާސީ އާލަމީ (ޔުނިވާސަލް) އަގުތަކެއް، އެބަހީ ހުރިހާ މުވާތިނުންގެ މައްޗަށް ހިންގާލެވޭނޭ ފަދަ އިންސާނީ އަގުތަކެއް ހިމެނެއެވެ. މީގެ ތެރޭގައި އެންމެންނަކީ ވެސް ހަމަހަމަ ބައެއްކަމާއި ޒަމީރުގެ މިނިވަންކަން އޮތުން ހިމެނެއެވެ. ނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި މިކަން އޮތީ ނަޒަރީ ސިފައެއްގައެވެ. އަމަލީ ސިފައެއްގައި މިކަން ފެނިގެން އަދި ނުދެއެވެ. އަޅުގަނޑުމެންގެ ތެރޭގައި އިސްލާމް ދީން ގާއިމުވެގެން ދިޔަތާ ހާހެއްހާ އަހަރުވުމާއި ކައިރިވަމުންދާއިރުވެސް ހަމަހަމަ ކަމުގެ އިސްލާމީ ޖައުހަރީ އަގުތައް ފަދަ އަގުތައް އަޅުގަނޑުމެންގެ ތެރޭގައި ހިންގާލެވޭ ތަނެއް އަދި ނުފެނެއެވެ.

އާދެ، އަޅުގަނޑުމެންގެ ތެރޭގައި އަދި ހިންގާ ނުލެވޭ ބައެއް އިސްލާމީ އަގުތަކުގެ ތެރޭގައި ހަމަހަމަކަމާއި މި އަގާ ގުޅިފައި އޮންނަ އަދުލުވެރިކަން ހިމެނެއެވެ. މި އަގުގެ މުހިއްމުކަން ކޮންމެ ހުކުރު ދުވަހަކު ހުކުރު ޚުތުބާގައި ހަނދާންކޮށްދެވެއެވެ. ކީރިތި ގުރުއާނުގެ ހުރިހާ މުޖުތަމައީ ތައުލީމާތުތަކެއް، އެބަހީ މުޖުތަމައުގެ ނިޒާމު ރާވައި ހިންގަން ޖެހޭ އަސާސު ބިނާވަނީ ހަމަހަމަކަމާއި އަދުލުވެރިކަމުގެ މައްޗަށްކަން ކޮންމެ ހުކުރު ދުވަހަކު ހަނދާންކޮށްދެވެއެވެ. ނަޙުލު ސޫރަތުގެ 90ވަނަ އާޔަތްކަމުގައިވާ إن الله يأمر بالعدل، މި އާޔަތް ކިޔައި ދެމުންނެވެ.

އަޅުގަނޑުމެންގެ ދީނީ މުހިއްމު އަގެއް ކަމުގައިވާ ހަމަހަމަކަމާއި އަދުލުވެރިކަން ދިވެހި މުޖުތަމައުން އަދި އެންމެ އެކަށީގެންވާ ގޮތުގައި ފެންނަން ނެތް ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ދީނީ އަސާސުގައި މިކަން އޮތުމީ، މި އަގު އަޅުގަނޑުމެންގެ ތެރޭގައި ހިންގާލުމަށް ފަސޭހަވާނޭ ކަމެކެވެ. އެންމެނަށް ވެސް މިކަން ގަބޫލުކުރެވިއްޖެ ނަމަ، އެންމެނަށް ވެސް މިކަމުގެ މުހިއްމުކަން ފާހަގަކުރެވި، ހުރިހާ އެންމެންނަކީ ވެސް ހަމަހަމަ ބައެއްކަމުގައި ހިތުގެ އަޑިން ގަބޫލުކުރެވިއްޖެ ނަމަ، އަޅުގަނޑުމެން އެންމެން ވެސް ދެކެން ބޭނުންވާނީ އަޅުގަނޑުމެން އެންމެންނަކީ ވެސް ކުރިން ނަންގަނެވި ދިޔަ އެމީހުންގެ އަސާސީ ބޭނުންތައް ފުއްދިފައިވާ ބަޔަކަށް ވުމެވެ. މުޖުތަމައުގައި ހަމަޖެހިގެން އުފަލުގައި އުޅެންވާނީ ހަމައެކަނި މަދު ބައެއް ނޫންކަމެވެ. އާދެ، އަޅުގަނޑުމެން އެންމެން ވެސް ކުރިން ބަޔާންކުރެވި ދިޔަ އިންސާނީ ތަރައްގީއަށް، އިންސާނާ އަމާޒަކަށް ހަދައިގެން ގެންނަން ބޭނުންވާ ތަރައްގީއަށް އެދޭނެއެވެ.

ދެން އޮތް ސުއާލަކީ އަޅުގަނޑުމެން ބޭނުންވާ އިންސާނީ ތަރައްގީ އިންޑިޔާއިން ނޫނީ އެހެން ބަޔެއްގެ ފަރާތުން އަޅުގަނޑުމެންނަށް ލިބިދާނެ ހެއްޔެވެ؟ ނުވަތަ އިންޑިޔާއިން ނޫނީ އެހެން ބަޔަކު، އަޅުގަނޑުމެންނަށް އެ ތަރައްގީ ހޯދައި ދީފާނެ ހެއްޔެވެ؟ މި ސުއާލުގެ ޖަވާބު ހޯދުމަށްޓަކައި، މިސާލެއްގެ ގޮތުން އިންޑިޔާގެ ހާލަތާ މެދު ފިކުރުކޮށްލަންޖެހެއެވެ. އެންމެ ފުރަތަމަ އެމީހުން، އެމީހުންގެ މީހުންނާ ދޭތެރޭ ދެކޭ ގޮތުގެ މައްޗަށެވެ. ދެން، ތަރައްގީގެ މަގުގައި ހަތްދިހައަށް ވުރެ ގިނަ އަހަރު ކަޑައްތުކުރިއިރު، އިންޑިޔާ ހޯދި އިންސާނީ ތަރައްގީގެ މައްޗަށް ވެސް ބަލައިލައިގެންނެވެ.

އިންޑިޔާގެ މައިގަނޑު ދީނަކީ ހިންދީ ދީނެވެ. މި މަގާމުގައި އަޅުގަނޑުމެންނަށް މުހިއްމީ އެމީހުންގެ ދީނީ އަގީދާތަކުގެ މައްޗަށް ބަލައި ފާޑުކިޔުމެއް ނޫނެވެ. އިންސާނީ ތަރައްގީއަށް ބޭނުންވާ އަސާސީ އަގުތައް އެމީހުންގެ ދީނީ ގަބޫލުކުރުންތަކުން ލިބިގަނެވިދާނޭތޯއެވެ. މަތީގައި ބަޔާންކުރެވުނު ފަދައިން، ގައުމެއް ތަރައްގީކުރަން ޖެހެނީ ތަރައްގީގެ އަމާޒަކީ އިންސާނާކަމުގައި ބެލައިގެންނެވެ. އާދެ، ތަރައްގީވާން ޖެހޭނީ އިންސާނީ ތަރައްގީއަކަށެވެ. އޭނާގެ އަބުރާއި އިއްޒަތް، މާތްކަމާއި ކަރާމާތް، ގެއްލުވާނުލައި އޭނާގެ އަސާސީ ބޭނުންތައް އޭނާއަށް ފުއްދޭނޭ ފަދަ ސިޔާސީ ނިޒާމެއް ގާއިމުކުރެވިގެންނެވެ. ކުރިން ވެސް ބުނެވިދިޔަ ފަދައިން، މިކަމުގެ ފެށުން ގުޅެނީ ގައުމުގެ މުވާތިނުންނަކީ ހަމަހަމަ ބައެއްކަމުގައި ދެކެވިގެންނެވެ. އިންޑިޔާގެ ހާލަތަށް ބަލާލާއިރު، އެމީހުންގެ ދީނީ ނޫނީ ސަގާފީ ގަބޫލުކުރުންތައް ނިޔާކުރަނީ އެމީހުންގެ އެންމެންނަކީ ހަމަހަމަ ބައެއް ނޫންކަމެވެ. އެއްބަޔަކީ އިލާހީ ދަރަޖަ ދެވިފައިވާ ބައެއްކަމުގައިވާ އިރު، އަނެއް ބަޔަކީ މަތީ ދަރަޖަތަކުގެ މީހުންނަށް ޚިދުމަތްކޮށްދޭން ތިބެން ޖެހޭނޭ ބައެކެވެ. ޝައްކެއްނެތް ގޮތުގައި މިފަދަ ގަބޫލުކުރުންތައް ގާނޫނުތައް މެދުވެރިކޮށް ފޮހެލަން މަސައްކަތްކުރެވެއެވެ. ނަމަވެސް، މީހުންގެ ދީނީ އިއުތިގާދުތަކަކީ ގާނޫނަކުން ނޫނީ އެހެންވެސް އެއްޗަކުން ފޮހެލެވޭނޭ އެއްޗެއް ނޫނެވެ. އަނެއްކާވެސް މީގެ ހެކި، ސޯވިއެޓުގެ ކޮމިޔުނިސްޓު ތަޖުރިބާއިން ލިބިގަންނާށެވެ. ހަތްދިހަ އެތައް އަހަރެން ވަންދެން ދީނީ އިއުތިގާދުތައް ފޮހެލަން ކުރި މަސައްކަތަށް ކާމިޔާބީއެއް ނުލިބުނެވެ. މިނަންގަތް ފަދަ ތަފާތުކުރުންތަކެއް މުޖުތަމައެއްގައި އަށަގެންފައި އޮވެއްޖެ ނަމަ، އެއްބަޔަކު މުއްސަނދިކޮށް ހަމަޖެހިގެން އުޅެފައި އަނެއް ބަޔަކު ނިކަމެތި ފަގީރުންގެ ގޮތުގައި އުޅުމަކީ މައްސަލައަކަށް ނުވެއެވެ. އިންޑިޔާގެ މުޖުތަމައިން އަޅުގަނޑުމެންނަށް ފެންނަނީ މި ނަންގަތް ގިންތިތަކުގެ ތަފާތުކަމާއި އެކަމުގެ ނަތީޖާއެވެ. އިންތިހާއަށް ބޮޑެތި ބޮޑެތި މުއްސަނދިން ތިބިއިރު މުޖުތަމައުގެ ބޮޑު ބަޔަކީ ފަގީރު ނިކަމެތިން ކަމެވެ. އެންމެ ކުޑަމިނުން، އެންމެނަށް ފާޚާނާކޮށްލެވޭނެ ފަދަ ނިޒާމެއް ގާއިމުކުރުންވެސް އެއީ މުހިއްމު ކަމެއް ކަމުގައި އިންޑިޔާ ދެކޭކަމަކަށް ނުވެއެވެ. ކީއްވެތޯއެވެ؟ އާދެ، ހަމަހަމަކަން ނެތިފައި އެއްބަޔަކު ނިކަމެތިކޮށް އުޅުމަކީ މައްސަލައަކަށް ނުވުމެވެ. ޝައްކެއްނެތް ގޮތުގައި މިކަމަކީ ހަމައެކަނި އިންޑިޔާއަށް ޚާއްސަ ކަމެއް ނޫނެވެ. މުޖުތަމައީ ހަމަހަމަކަން ނެތް ހުރިހާ ތަނެއްގައި ވެސް މިކަން މިގޮތަށް އޮވެއެވެ.

އިންޑިޔާގެ މިޒަމާނުގެ ތަރައްގީގެ މަސައްކަތަށް ބަލާލާއިރު، ބޮޑެތި އިލްމީ ކާމިޔާބީތައް ހޯދައިފައި ވެއެވެ. އިލްމީ ޖާމިއާތަކާއި އެންމެ މިޒަމާނުގެ ހަސްފަތާލުތަކާއި އިލްމީ މައުހަދުތަކާއި މިޒަމާނުގެ ކާރުޚާނާތައް އެބަ ހުއްޓެވެ. އިންޑިޔާއަކީ ދުނިޔޭގެ ނިޔުކިލިޔަރު އަދި އިގުތިސާދީ ބާރެއްވެސް މެއެވެ. މި ހުރިހާ ކާމިޔާބީއެއް ލިބިފައި އޮތް އިރުވެސް، އިންޑިޔާ ހިމެނެނީ ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ތެރޭގައެވެ. ކީއްވެ ހެއްޔެވެ؟ އިންސާނާއަކީ އަމާޒަކަށް ބެލެވިގެން، އިންސާނީ ތަރައްގީގެ ރޮނގުގައި ކާމިޔާބު ހޯދިފައި ނެތުމުންނެވެ. ތަނުގެ ސިޔާސީ ނިޒާމުގެ މައި މަގުސަދަކީ ހުރިހާ އެންމެންނަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދޭނޭ ނިޒާމެއް ގާއިމުކުރުމަށްވެ، އެފަދަ ނިޒާމެއް އަދި ގާއިމުކުރެވިފައި ނެތުމެވެ. މިމަގާމުގައި މި މައްސަލައާ މެދު، އާދެ، ފަގީރުކަން ނައްތާލުމާ މެދު، މިހާރު އިންޑިޔާގައި ވެސް ފިޔަވަޅުތައް އަޅަމުންދާކަމާއި އެ ރޮނގުގައި ކާމިޔާބީތައް ހޯދަމުން އަންނަކަން ވެސް ފާހަގަކުރަން ޖެހެއެވެ.

އިންޑިޔާގެ މި ނަންގަތް ހާލަތުގެ މައްޗަށް ބަލާލާއިރު، އިންޑިޔާ އޮތީ ރާއްޖޭ ތަރައްގީ ކޮށްދެވޭނޭ ފަދަ ހާލަތެއްގައި ހެއްޔެވެ؟ އިންސާނީ ތަރައްގީގެ ނިޒާމެއް އެމީހުންގެ އަތުގައި ނެތް އިރު، އެކަން ކުރާނީ ކިހިނެއް ކަން އެހެން ބަޔަކަށް ބުނެދޭން އެމީހުންނަށް އެނގޭނެ ހެއްޔެވެ؟ މީގެ މާނައަކީ އެމީހުންގެ ކިބައިން އަޅުގަނޑުމެން އެއްވެސް ފައިދާއެއް ނުހޯދޭނޭ ވާހަކައެއް ނޫނެވެ. ކުރިންވެސް ބުނިފަދައިން، ތަރައްގީގެ ބައެއް މައިދާންތަކުގައި އެމީހުން ވަނީ ކާމިޔާބީތަކެއް ހޯދާފައެވެ. ތައުލީމީ މައިދާނުގައްޔާއި ސިއްހީ މައިދާނުގައެވެ. މި ކަންކަމުން، އަޅުގަނޑުމެންނަށް ވެސް، އިންޑިޔާއިން، ފައިދާ ހޯދިދާނެއެވެ. އަދި އެކަން ދަނީ ކުރަމުން ވެސް މެއެވެ. އެމީހުންގެ މަދަރުސާތަކުގައްޔާއި ޖާމިއާތަކުގައި އަޅުގަނޑުމެންގެ ކުދިން ކިޔަވައި ތަމްރީނުތައް ލިބިގަނެއެވެ. އަދި އެމީހުންގެ ހަސްފަތާލުތަކުން ބޭސްފަރުވާކުރެއެވެ. އެކަމަށް އޮންނަ ގަވާއިދުތަކުގެ މަތިންނާއި ކަނޑައެޅިފައިވާ ފީތައް ވެސް ދައްކައިގެންނެވެ. އެގޮތުން އެމީހުންނަށް ވެސް އަޅުގަނޑުމެން އަތުން ފައިދާ ލިބެއެވެ. އިންޑިޔާއިން އަޅުގަނޑުމެން މިފަދަ، ފައިދާތައް ހޯދުމަކީ އިންޑިޔާއަކީ އަޅުގަނޑުމެން ތަރައްގީކުރާ ބަޔަކަށް ވުމެއް ނޫނެވެ. ނުވަތަ އިންޑިޔާ ކަނޑަށް އިންޑިޔާ ކަނޑޭ ކިޔިފައި އޮވެ، ޖޯގުރަފީ ގޮތުން ރާއްޖެ އިންޑިޔާ ކަނޑުގައި އޮތުމަކީ އިންޑިޔާގެ ސިޔާސީ ބާރުގެ ދަށަށް، ނުވަތަ އިންޑިޔާގެ ސިޔާސީ މަގުދެއްކުމުގެ ދަށަށް، އަޅުގަނޑުމެން ދާން ޖެހޭ ކަމެއް ނޫނެވެ. މިކަންކަމަކީ އަޅުގަނޑުމެންގެ ރަންޑީ އިންތިހާޒީ ސިޔާސީވެރިން ގޮވާ ވާހަކަތަކެއް ކަމުގައި ވިޔަސް ވެހެވެ.

ދެން ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ ގައުމުތަކުގެ ތަރައްގީ ގުޅެނީ އެހެން ގައުމުތަކާ ނޫންކަމެވެ. މިކަން ވިސްނައިގަންނަން މާ ދުރަށްދާކަށް ނުޖެހެއެވެ. ވަކި ފަރުދަކު، އޭނާގެ އަމިއްލަ ދިރިއުޅުން ތަރައްގީކުރަން ބޭނުން ވެއްޖެ ނަމަ، އެކަންކޮށްދޭނީ އެހެން މީހެކޭ ބުނެ އެއްވެސް ކަމެއް ނުކޮށް ކަންނެތްކަން މަތީ އިނދެއްޖެ ނަމަ، އެ ފަރުދުގެ ދިރިއުޅުން ތަރައްގީވެދާނެ ހެއްޔެވެ؟ އެހެން މީހަކު، އޭނާގެ އަމިއްލަ މަސައްކަތްތައް ހުއްޓާލާފައި އަނެކުންގެ ދިރިއުޅުން ތަރައްގީ ކުރަން އުޅެފާނެ ހެއްޔެވެ؟ ހަމަ އެހެންމެ، އެއްވެސް ގައުމަކުން އެހެން ގައުމެއް ތަރައްގީކުރާކަށް ނޫޅޭނެއެވެ. ކޮންމެ ބަޔަކުވެސް މަސައްކަތްކުރާނީ އެބައެއްގެ އަމިއްލަ ތަރައްގީގެ މަސައްކަތާގެންނެވެ. އެއްގައުމުން އަނެއް ގައުމަށް އެހީވެދޭ ދިނުމަކީ ފަހަރެއްގައި ވެސް އެހީ ލިބޭ ގައުމު ތަރައްގީކުރުމުގެ މަސްއޫލިއްޔަތު އެހީ ދޭ ގައުމުގެ ފަރާތުން އުފުލުމެއް ނޫނެވެ. އެކަމުގައި ގިނަފަހަރަށް އެހީވެދޭ ގައުމުތަކުގެ އަމިއްލަ މަސްލަހަތު ވެސް އޮވެއެވެ. ޝައްކެތް ނެތް ގޮތުގައި އިންޑިޔާއިން ރާއްޖެއަށް އެހީ ލިބެއެވެ. ހިލޭ އެހީއާއި ލޯނުތަކުގެ އެހީއެވެ. ހިލޭ އެހީގެ ހަގީގަތަށް ބަލާލާއިރު އެއެހީއަކީ ވެސް ހިލޭ އެހީ އެއް ނޫނެވެ. އެއީ ވެސް އެމީހުންގެ މަސްލަހަތު ދިފާއުކުރުމުގެ ގޮތުން ދޭ އެހީއެކެވެ. ތަނުގައި ތިބި އެމީހުންގެ ސިޔާސީ އިންތިހާޒީ ރަންޑީން މެދުވެރިކޮށް، އެމީހުން ބޭނުންވާ ގޮތަކަށް ތަންތަނުގެ ސިޔާސީ، އަސްކަރީ ކަންތައްތައް ބައްޓަންކުރުމަށެވެ. މީގެ ހެކިތައް ހޯދަން ބޭނުން މީހަކަށް މިހާރު ފެންނަށް އޮންނާނެއެވެ. ނޫސްތައް ބަލާލާށެވެ. ރާއްޖޭގައި މިކަން ހިނގަމުންދާގޮތް ފެންނާނެއެވެ. ސިއްރު އެއްބަސްވުންތައް އެއްބަސްވެ، އިންޑިޔާގެ ސިފައިން، އެކި އެކި ނަންނަމުގައި – ސިފައިންނަށް ތަމްރީނު ދިނުމުގެ ނަމުގައްޔާއި ބޯޓުފަހަރު މަރާމާތު ކުރުމުގެ ނަމުގައްޔާއި އަދިވެސް އެހެންވެސް ނަންނަމުގައި – އިންޑިޔާގެ ސިފައިން ރާއްޖޭގައި ދާއިމީ ސިފައެއްގައި ތިބުން، މަޑުމަޑުން ނަމަވެސް، ގާއިމު ވަމުންދަނީއެވެ. މަގާމުގައި އޭގެ ތަފްސީލަކަށް ދާކަށް ގަސްދެއް ނުކުރަމެވެ. ކުރިން ބުނިހެން އަމިއްލަ ބުއްދިއާއި ވިސްނުން ބޭނުންކޮށްގެން ނޫސްތައް ބަލާލުމުންވެސް މިކަމުގެ ހެކި ފެންނާނެއެވެ. މި މަގާމުގައި ބުނަން ބޭނުންވަނީ ގައުމެއްގެ ތަރައްގީ ގުޅިފައި އޮތީ ބޭރު ބަޔަކާ ނޫންކަމެވެ. ތަނުގެ މީހުންނާކަމެވެ. ތަނުގެ މީހުންގެ ގަދަ މަސައްކަތާކަމެވެ. އަދި، ހަރުދަނާ ތަރައްގީގެ ނިޒާމަކާކަމެވެ. އެއީ އިންސާނާ އަމާޒަކަށް ހެދިގެން، އިންސާނާއަށް ފަސޭހަ ދިރިއުޅުމެއް ހޯދައި ދިނުމުގެ މަގުސަދުގައި ގާއިމުކުރެވޭ ނިޒާމަކަށް ވާންޖެހޭ ކަމެވެ.

މިކަމުގެ، އާދެ، އިންސާނާއަށް އަމާޒުކުރެވިގެން ގެނެވޭ ތަރައްގީގެ، ފެށުން ގުޅެނީ އާންމު ރައްޔިތުންގެ ހޭލުންތެރިކަމާއެވެ. އެމީހުންގެ ފިކުރީ ހޭލުންތެރިކަމާއި އެމީހުންގެ ސިޔާސީ ހޭލުންތެރިކަމާއެވެ. އެމީހުން ވާންޖެހޭނީ ލިޔެކިޔަން އެނގޭ މަފްހޫމީ ވިސްނުމުގެ ބަޔަކަށެވެ. މީހުންގެ ވާހަކަތަކާއި ލިޔުންތައް ތަހުލީލުކޮށްލަން އެނގޭ ފަދަ ފިކުރީ ހޭލުންތެރިކަން ލިބިފައިވާ ބަޔަކަށެވެ. ތަނުގެ ސިޔާސީ ބާރަކީ ވަކި އާއިލާއަކަށް ނޫނީ ވަކި ބަޔަކަށް ނޫނީ ވަކި ސިޔާސީ ޕާޓީއަކަށް ހައްގުވާ ބާރެއް ނޫންކަން ގަބޫލުކުރާ ސިޔާސީ ހޭލުންތެރިކަން ލިބިފައިވާ ބަޔަކަށް ވެގެންނެވެ. ދައުލަތުގެ ރައުސްމާލަކީ ތަނުގެ މުއްސަނދިކަމަކީ ސިޔާސީ މީހުން ބޭނުންހާ ގޮތެއް ހަދަން އޮންނަ އެއްޗެއް ކަމުގައި ގަބޫލުކުރާ ގޮތް ދޫކޮށްލެވިގެންނެވެ.

މި ނަންގަތް ފަދަ ފިކުރީ ހޭލުންތެރިކަމަކާއި ސިޔާސީ ހޭލުންތެރިކަމެއް އަޅުގަނޑުމެންގެ ތެރޭގައި އުފައްދާލެވިއްޖެ ނަމަ، އަޅުގަނޑުމެންގެ ތެރޭގައި މިއުޅޭ ރަންޑީ އިންތިހާޒީ ސިޔާސީވެރިންނަކަށް ސިޔާސީ މައިދާނަށް ނިކުމެ ބޭރު ގައުމުތަކުގެ މަސްލަހަތު ދިފާކުރުމުގެ ފުރުސަތެއް ނުލިބޭނެއެވެ. ކުޑަވެސް ލަދެއް، ޖެހުލުމެއް ނެތި، ބޭރު ގައުމުތަކުގެ އާންމު ޓީވީތަކުގައި ތިމާމެންގެ އަމިއްލަ ގައުމު ހިފަން އައުމަށް ގޮވައި، ބޭރު ސިފާރަތަކުގައި ތިމާމެންގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަނުމަށް ދައުވަތުދޭން ކެރޭ ރަންޑީ އިންތިހާޒީ ސިޔާސީ ވެރިންނަށް ފުރުސަތެއް ނޯންނާނެއެވެ. މިފަދަ ރަންޑީންނަށް ސިޔާސީ މައިދާނަށް ނިކުމެ، ގައުމުގެ އެކި އެކި އިދާރާތަކުގެ އިސްމަގާމުތަކާއި ގައުމުގައި މަސައްކަތްކުރުމުގެ ފުރުސަތުތައް އެހެން ބޭރު ގައުމުގެ މީސްތަކުންނަށް ބަހައި، ތަނުގެ ބިންތައް ވެސް ބޭރު ގައުމުތަކުގެ މީހުންނަށް ދީ، ވިއްކާ ހަދާ ރަންޑީ އިންތިހާޒީ ސިޔާސީވެރިންނަށް ސިޔާސީ މައިދާނުގައި މަސައްކަތްކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. ފަންޑިތަވެރިންނާއި ރުގުޔާ ކުރާ މީހުންނަށް، އެހެން މީހުންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދުމުގެ ފުރުސަތު އޮންނަނީ ކީއްވެ ހެއްޔެވެ؟ އެހެން މީހުންގެ މުދަލާއި ފައިސާ ނުހައްގު ގޮތުގައި ހޯދައި، ރުގުޔާކުރުމުގެ ނަމުގައި ފާޚާނާތަކަށް ވައްދައި އަންހެން ކުދިން އޮރިޔާންކޮށް އެމީހުންގެ އިއްފަތަށް އަރައިގަތުމުގެ ފުރުސަތު އޮންނަނީ ކީއްވެ ހެއްޔެވެ؟ އެއީ އަޅުގަނޑުމެންގެ ހޭލުންތެރިކަން ކުޑަވެ، އެފަދަ ފުރުސަތު ފަންޑިތަވެރިންނާއި ރުގުޔާކުރާ މީހުންނަށް ދިނުމުންނެވެ. އަޅުގަނޑުމެންނަށް މާތްރަސްކަލާނގެ ދެއްވި ސަލާމަތް ބުއްދިއޭ ކިޔާ އެއްޗެއް، އެހެން މީހުންގެ އެހީއާ ނުލައި ބޭނުން ނުކޮށް، ކަންނެތްވުމުންނެވެ. ހަމަ އެހެންމެ، ގައުމު ވިއްކާ ރަންޑީ އިންތިހާޒީ ސިޔާސީ ވެރިންނަށް ވެސް، އެމީހުން ހިތުހުރިހާ އެއްޗެއް ގޮވައި، މަތިއޮމާންކޮށް ތަނަށް ހެޔޮ އެދޭކަމުގެ މުނާފިގު ވާހަކަތައް ދައްކައި، ދޮގުތައް ހަދައި، އެމީހުންގެ އަމިއްލަ މަސްލަހަތާއި އަމިއްލަ ފައިދާއަށްޓަކައި ދައުލަތުގެ މުދަލާއި ފައިސާއަށް ބޭނުން ގޮތެއް ހަދައި ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫއަރާ ފަދަ ގޮތެއްގައި ކަންތައްތައް ކުރަނީ އެ ފުރުސަތު އެމީހުންނަށް އަޅުގަނޑުމެން ދިނީމައެވެ. މަކަރާއި ހީލަތްތައް ހަދަމުންދާ ފަންޑިތަވެރިންނާއި ރުގުޔާކުރާ މީހުން ވެސް އެމީހުންގެ ޗާލާކީ އަމަލުތަކަށް ނޫނޭ ބުނަން ޖެހޭ ފަދައިން، މި ނަންގަތް ފަދަ ރަންޑީ އިންތިހާޒީ ސިޔާސީ ވެރިންގެ ވާހަކަތަކާއި އަމަލުތަކަށް ނޫނޭ ބުނަން ޖެހޭ ވަގުތު އަތުވެއްޖެއެވެ. އަޅުގަނޑުމެންގެ ތަރައްގީ ގުޅިފައި އޮތީ މިވެނި ގައުމަކާއޭ ބުނެ އެފަދަ މީހުން ދައްކާ ބާތިލު ވާހަކަތަކުގައި އެއްވެސް އޮއްޓަރެއް ނެތްކަން ބުނަން ޖެހޭ ވަގުތު އަތުވެއްޖެއެވެ. އަޅުގަނޑުމެންގެ ތަރައްގީ ގުޅިފައި އޮތީ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތާކަން ބުނެ އެމަސައްކަތް އަމިއްލައަށް ކުރަން ނިކުންނަން ވެއްޖެ ވަގުތު ޖެހިއްޖެއެވެ. މިކަން ފެށޭނީ އަޅުގަނޑުމެން ހޭލުންތެރިވެގެންނެވެ. އަމިއްލައަށް ވިސްނާ ފިކުރުކުރަން ފަށައިގެންނެވެ. މިކަން ކުރަން ފަށައިފިނަމަ، ޗާލާކީ ފަންޑިތަވެރިންނާއި ރުގުޔާކުރާ މީހުންނަށް އަޅުގަނޑުމެންގެ މުޖުތުމައުގައި ފަރުދުންގެ މުދަލަށާއި އަންހެން ކުދިންގެ އިއްފަތަށް އަރައިގަތުމުގެ ފުރުސަތު ނެތިގެންދާނޭ ފަދައިން، ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެ، ތިމާމެންގެ އަމިއްލަ އެދުމުގައި ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލުވާލަން ތައްޔާރަށް ތިބޭ ރަންޑީ އިންތިހާޒީ ސިޔާސީ ވެރިންނަށް ވެސް އަޅުގަނޑުމެންގެ މުޖުތަމައުގައި ފުރުސަތެއް ނޯންނާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ